އިންޗޮން އެއާޕޯޓު ދުނިޔޭގެ އެންމެ ބާރުބޮޑު ބައިނަލްއަޤްވާމީ ވައިގެ ބަނދަރަށްވެއްޖެ

ދެކުނު ކޮރިއާގެ އިންޗޮން ބައިނަލްއަޤްވާމީ އެއާޕޯޓު، ދުނިޔޭގެ އެންމެ ބާރުބޮޑު އަދި އެންމެ ގިނަ ބައިނަލްއަޤްވާމީ ގޭޓްތައް ހިމެނޭ ވައިގެ ބަނދަރުގެ މަޤާމު ހޯދައިފިއެވެ. ލަންޑަންގެ ހީތުރޯ އެއާޕޯޓާއި ސިންގަޕޫރުގެ ޗަންގީ އެއާޕޯޓު ފަހަތަށް ޖައްސައިލުމަށްފަހު، އިންޗަން އެއާޕޯޓުން ވަނީ ދުނިޔޭގެ އޭވިއޭޝަން ސިނާއަތުގައި އައު ރެކޯޑެއް ޤާއިމުކޮށްފައެވެ.

ފަހުގެ ތަފާސްހިސާބުތަކުން ދައްކާގޮތުގައި، މި އެއާޕޯޓުގެ ޚިދުމަތްތައް ފުޅާކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ ދަށުން، އެތަނުގައި 111 ބޯޑިންގް ގޭޓާއި ބައިނަލްއަޤްވާމީ ފެންވަރުގެ އެހެނިހެން ވަސީލަތްތައް ވަނީ ޤާއިމުކޮށްފައެވެ. މި ވަސީލަތްތަކުގެ ސަބަބުން ދުވާލެއްގެ މައްޗަށް ދަތުރުކުރާ ފަސިންޖަރުންގެ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވެ، ބައިނަލްއަޤްވާމީ ދަތުރުފަތުރުގެ މައި މަރުކަޒަކަށް އެތަން ވެގެންގޮސްފައިވެއެވެ.

އޭވިއޭޝަން ދާއިރާގެ ތަޖުރިބާކާރުން ފާހަގަކުރާގޮތުގައި، މި ކާމިޔާބީއަކީ ދެކުނު ކޮރެއާގެ ސަރުކާރާއި ވައިގެ ބަނދަރު ހިންގާ ފަރާތްތަކުން އިންފްރާސްޓާ ތަރައްޤީ ކުރުމަށް ކުރި ބުރަ މަސައްކަތުގެ ނަތީޖާއެވެ. ޚާއްޞަކޮށް، ޒަމާނީ ޓެކްނޮލޮޖީއާއި ޑިޖިޓަލް ނިޒާމުތައް ބޭނުންކޮށްގެން ފަސިންޖަރުންނަށް ފަސޭހަކަމާއެކު ޚިދުމަތް ދިނުމަށް ގެނައި ބަދަލުތަކަކީ މި ކާމިޔާބީގެ އެންމެ ބޮޑު އެއް ސަބަބެވެ.

މިކަމާ ގުޅޭގޮތުން އެއާޕޯޓުގެ އިސް އޮފިޝަލުން ނޫސްވެރިންނަށް މައުލޫމާތު ދެމުން ވިދާޅުވީ، "މިއީ ހަމައެކަނި އިންޗޮން އެއާޕޯޓަށް ލިބުނު ކާމިޔާބީއެއް ނޫން ކަމަށާއި، މިއީ މުޅި ޤައުމުގެ އިޤްތިޞާދަށާއި އޭވިއޭޝަން ސިނާއަތަށް ލިބުނު ފަޚުރެއް" ކަމަށެވެ.

ހިއްސާ ކުރައްވާ!