ޒުވާނުންގެ މުޒާހަރާގައި އިންޑިއާ ފުލުހުން ތަޅައިގަތް މައްސަލަ ތަހުގީގު ކުރަނީ

އިންޑިއާގެ ގާނޫނުހަދާ މަޖިލިސް ދޮށަށް ޒުވާނުންގެ ކުރަފި ޕާޓީން އިންތިޒާމުކޮށްގެން ބޭއްވި މުޒާހަރާގެ ތެރެއިން ދަރިވަރުންނާ ދެކޮޅަށް ފުލުހުން ބާރުގެ ބޭނުންކުރި ގޮތާއި، މުޒާހަރާގެ ތެރޭގައި ހިނގައިދިޔަ ހަމަނުޖެހުންތައް ތަހުގީގުކުރުމަށްޓަކައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރަކު ރިޔާސަތު ބަލަހައްޓަވާ ހާއްސަ ކޮމިޓީއެއް އެކުލަވާލުމަށް އިންޑިއާގެ ސުޕްރީމް ކޯޓުން ނިންމައިފިއެވެ.

އުއްތަމަ ފަނޑިޔާރު ސޫރްޔާ ކާންތު އިސްވެ ހުންނެވި ފަނޑިޔާރުންގެ ބެންޗަކުން ބުދަ ދުވަހު މި ކޮމިޓީ ރަސްމީކޮށް އިއުލާނުކުރާނެއެވެ. މި ކޮމިޓީގައި ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރެއްގެ އިތުރުން ހައިކޯޓެއްގެ ކުރީގެ އިސްފަނޑިޔާރަކާއި ފުލުހުންގެ އިސް އޮފިޝަލަކު ހިމެނޭނެއެވެ.

މި ކޮމިޓީގެ މައިގަނޑު މަގުސަދަކީ ހަމަނުޖެހުންތަކާ ގުޅިގެން ދެފަރާތުން ކުރާ ތުހުމަތުތަކުގެ ހަގީގަތް ހޯދުމާއި، މުޒާހަރާތައް ކޮންޓްރޯލްކުރުމުގައި ފުލުހުން ބާރުގެ ބޭނުންކުރާނެ މިންގަނޑުތަކެއް އެކުލަވާލުމަށް ލަފާދިނުމެވެ.

މުޒާހަރާގެ ތެރޭގައި ޕެލެޓް ގަން ބޭނުންކުރުމުގެ ސަބަބުން އަނިޔާވި ދަރިވަރުންގެ މައްސަލަތަކާއި، އަނިޔާވި ފަރާތްތަކަށް ވަގުތީ ބަދަލު ދިނުމާ މެދުވެސް މި ކޮމިޓީން ގޮތްތަކެއް ނިންމާނެއެވެ.

ސުޕްރީމް ކޯޓުން ވަނީ މުޒާހަރާއާ ގުޅޭ ސީސީޓީވީ ފޫޓޭޖްތަކާއި، ވީޑިއޯތަކާއި، ރެކޯޑުތައް ރައްކާތެރިކަމާއެކު ކޮމިޓީއާ ހަވާލުކުރުމަށް އަންގާފައެވެ.

ފުލުހުންގެ ތަރުޖަމާނު ކޯޓަށް ހުށަހެޅި ބަޔާނުގައި ބުނެފައިވަނީ، ފުލުހުން ބާރުގެ ބޭނުންކޮށްފައިވަނީ ގާނޫނީ އިމުގެ ތެރެއިން އާންމު މަސްލަހަތާއި ގާނޫނުހަދާ މަޖިލީހުގެ ރައްކާތެރިކަން ދެމެހެއްޓުމަށްޓަކައި ކަމަށެވެ. އަދި މުޒާހަރާ ކުރި ޒުވާނުންގެ ތެރެއިން ބަޔަކު އަނިޔާވެރިވެ، ގަލާއި ލަޓިބުރިން ފުލުހުންނަށް ހަމަލާދިނުމުގެ ސަބަބުން 248 ފުލުހަކަށް އަނިޔާވެފައިވާ ކަމަށް ފުލުހުން ބުނެއެވެ.

މުޒާހަރާގެ ބައިވެރިން ތުހުމަތުކުރާ ގޮތުގައި ފުލުހުން ވަނީ ނަހަމަ ބާރުގެ ބޭނުންކޮށް، ސުލްހަވެރި މުޒާހަރާއެއްގެ ތެރެއަށް ނުރައްކާތެރި ހަތިޔާރު ބޭނުންކޮށްފައެވެ.

ހިއްސާ ކުރައްވާ!