މި ހިނގާ އަހަރުގެ ފުރަތަމަ ހަތަރު މަސްދުވަހުގެ ތެރޭގައި ސާފުތެލުގެ މުއާމަލާތްތަކުން އީރާނަށް ބޭރު ފައިސާގެ އާމްދަނީގެ ގޮތުގައި 7.5 ބިލިއަން އެމެރިކާ ޑޮލަރު ލިބި، އެ ފައިސާ މަރުކަޒީ ބޭންކަށް ޖަމާކޮށްފި ކަމަށް އެ ގައުމުގެ ނިއުސް އެޖެންސީއަކުން ރިޕޯޓުކޮށްފިއެވެ.
އީރާނުގެ މިނިސްޓްރީ އޮފް ޕެޓްރޯލިއަމްގެ މައުލޫމާތުތަކާ ހަވާލާދީ ފާރްސް ނިއުސް އެޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، މި އަހަރުގެ ފުރަތަމަ ހަތަރު މަހު ލިބުނު އާމްދަނީއަކީ ނިމިދިޔަ އަހަރުގެ އެ މުއްދަތުގައި އީރާނަށް ތެލުގެ ވިޔަފާރިން ލިބުނު ފައިސާއަށްވުރެ 1.5 ގުނަ އިތުރު އަދަދެކެވެ. މިއީ ދުނިޔޭގެ ހަކަތައިގެ ބާޒާރަށް އައި ބަދަލުތަކާއި ތެޔޮ އެކްސްޕޯޓުކުރި މިންވަރަށް އައި ކުރިއެރުމާ ގުޅިގެން ލިބުނު ކުރިއެރުމެއް ކަމަށް އީރާނުގެ ކަމާބޭހޭ އިދާރާތަކުން ބުނެއެވެ.
އީރާނުގެ މާލީ އިދާރާތަކުން އަންދާޒާކުރާ ގޮތުގައި، މި ލިބުނު 7.5 ބިލިއަން ޑޮލަރުގެ ސަބަބުން ކުރިއަށް އޮތް ޑިސެމްބަރު މަހުގެ ނިޔަލަށް އީރާނު ސަރުކާރުން ބޭރު ފައިސާއިން ކުރަންޖެހޭ ހަރަދުތަކާއި ޚިދުމަތްތަކަށް ބޭނުންވާ ފަންޑު ފުރިހަމައަށް ހަމަޖެއްސޭނެއެވެ.
މި އާމްދަނީގެ ތަފްސީލުތައް އާންމުވެފައި މިވަނީ، މިއަހަރުގެ ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިސްރާއީލު ގުޅިގެން އީރާނާ ދެކޮޅަށް ފެށި އުދުވާނު ހަމަލާތަކާއި ހަނގުރާމައިގެ ހާލަތުގެ ތެރޭގައެވެ. ހަނގުރާމައިގެ ސަބަބުން ސަރަހައްދީ އަދި ދުނިޔޭގެ އިގްތިސާދަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެފައިވީ ނަމަވެސް، އީރާނުގެ ތެލުގެ އެކްސްޕޯޓުން ލިބޭ އާމްދަނީ އިތުރުވުމަކީ އެ ގައުމުގެ އިގްތިސާދީ ދެމެހެއްޓެނިވިކަމަށް ލިބުނު މުހިންމު ކުރިއެރުމެއްގެ ގޮތުގައި ތަހުލީލުކުރާ ފަރާތްތަކުން ދެކެއެވެ.





