us
us

ވެރިކަމުގައި ހުރެގެން ވިޔަފާރި ކުރާ ރައީސެއް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިއަހަރުގެ ޖޫން މަހުގެ ތެރޭގައި 1,000 އަށްވުރެ ގިނަ ހިއްސާގެ މުއާމަލާތް ހިންގަވައި، ޖުމްލަ 78.1 މިލިއަން އާއި 263.1 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ހިއްސާއާއި ސެކިއުރިޓީޒް ގަނެ ވިއްކަވާފައިވާކަން އެމެރިކާގެ ގަވަރންމަންޓް އެތިކްސް އޮފީހުން އާންމުކުރި މާލީ ބަޔާންތަކުން ހާމަވެއްޖެއެވެ. މި މުއާމަލާތްތަކުގެ ތެރޭގައި ޓެކްނޮލޮޖީ އަދި މާލީ ދާއިރާގެ އެންމެ ބޮޑެތި ކުންފުނިތަކުގެ ހިއްސާގެ އިތުރުން މުނިސިޕަލް ބޮންޑާއިތައް ހިމެނެއެވެ.

އާންމުކޮށްފައިވާ މާލީ ރިޕޯޓުތަކަށް ބަލާއިރު، ޖޫން މަހުގެ ތެރޭގައި ޓްރަމްޕް ވަނީ ބާކްޝަޔާ ހެތަވޭ، ވިސާ، މާސްޓަރކާޑު އަދި ސިންޓާސް ކޯޕަރޭޝަން ފަދަ ނުފޫޒުގަދަ ކުންފުނިތަކުން ބޮޑެތި އަދަދުތަކުން ހިއްސާ ގަނެފައެވެ.

އެންމެ ބޮޑު އެއް މުއާމަލާތެއްގެ ގޮތުގައި ފާހަގަކުރެވިފައިވަނީ ޖޫން 22 ގައި ވެންގާޑް ގްރޫޕްގެ 5 މިލިއަން އާއި 25 މިލިއަން ޑޮލަރާ ދެމެދުގެ އަދަދަކަށް ހިއްސާ ވިއްކާލެއްވި މުއާމަލާތެވެ.

މީގެއިތުރުން، އައިޓީ އަދި މީސްމީޑިއާގެ ކުންފުނިތައް ކަމަށްވާ މެޓާ އަދި ޕެލަންޓިއާ ފަދަ ކުންފުނިތަކުގެ ހިއްސާ ކުރު މުއްދަތެއްގެ ތެރޭގައި އެކި ފަހަރު މަތިން ގަނެ ވިއްކާފައިވާކަންވެސް ރިޕޯޓުން ފާހަގަކުރެވެއެވެ.

މާލީ މާހިރުންނާއި ގާނޫނު ހަދާ މަޖިލީހުގެ ބައެއް މެންބަރުން މިފަދަ ބޮޑެތި މުއާމަލާތްތަކާމެދު މަސްލަހަތު ފުށުއެރުމުގެ ކަންބޮޑުވުން ފާޅުކުރައްވަމުން ދިޔަނަމަވެސް، ވައިޓް ހައުސްއިން ވަނީ އެ ތުހުމަތުތައް ދޮގުކޮށްފައެވެ.

ވައިޓް ހައުސްއިން ހާމަކުރި ގޮތުގައި ޓްރަމްޕްގެ އިންވެސްޓްމަންޓްތައް ބަލަހައްޓަނީ އޭނާގެ އެއްވެސް ނުފޫޒެއް ނުފޯރާ ގޮތަށް، މާލީ އިދާރާތަކުން އަމިއްލައަށް ގޮތް ނިންމާ އުސޫލުން ކަމަށްވާތީ، ސަރުކާރުގެ ނުފޫޒު ބޭނުންކޮށްގެން ނާޖާއިޒު ފައިދާއެއް ހޯދުމުގެ ފުރުސަތެއް ނޯންނާނެއެވެ.

ހިއްސާ ކުރައްވާ!