އީރާނާއެކު ފަށާފައިވާ ހަނގުރާމައާ ގުޅިގެން އެކަށީގެންވާ މިންވަރަށް ހަތިޔާރާއި އުޅަނދު ނެތުމުގެ ސަބަބުން އަދި އެމެރިކާގެ އަސްކަރީ ބާރުތައް އެހެން ސަރަހައްދުތަކަށް ފޮނުވަން ޖެހުމުގެ ސަބަބުން، ދެކުނު ކޮރެއާއާއެކު އަންނަ މަހު ބޭއްވުމަށް ހަމަޖެހިފައިވި އަސްކަރީ ތަމްރީނުތައް އެމެރިކާއިން ކެންސަލްކޮށްފިއެވެ.
ދެކުނު ކޮރެއާގެ މެރިން ކޯޕްސްގެ ތަރުޖަމާނު ހާން ސުއެންގް-ޖިއޮން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ، މެދުއިރުމަތީގެ މަސްރަޙު ގޯސްވުމުގެ ސަބަބުން މި އަހަރުގެ "ސަންގްޔޮންގް" ތަމްރީނުތަކުގައި އެމެރިކާގެ މެރިން ކޯގެ ސިފައިން ބައިވެރިކުރުމަށް ގޮންޖެހުންތަކެއް ހުރިކަން އެމެރިކާއިން އަންގައިފައިވާ ކަމަށެވެ.
"ސަންގްޔޮންގް" ތަމްރީނުތަކަކީ ކޮންމެ ދެ އަހަރުން އެއް އަހަރަކު އެމެރިކާއާއި ދެކުނު ކޮރެއާގެ ކަނޑުގެ ސިފައިން ގުޅިގެން ބާއްވާ އެއްގަމާއި ކަނޑުގެ އަސްކަރީ ހަރަކާތްތަކެކެވެ. މީގެ މައިގަނޑު މަގުސަދަކީ ދެ ގައުމުގެ އަސްކަރީ ގުޅުން ބަދަހިކޮށް، ކަނޑުމަގުން އެއްގަމަށް ސިފައިންނާއި ހަތިޔާރު ފޯރުކޮށްދިނުމުގެ ގާބިލުކަން އިތުރުކުރުމެވެ. މި ތަމްރީނުތަކުގައި އާންމުކޮށް މަނަވަރުތަކާއި، މަތިންދާބޯޓުތަކުގެ އިތުރުން އެއްގަމު ސިފައިންގެ ބޮޑު ބައެއް ބައިވެރިވެއެވެ.
މި ތަމްރީނުތައް ކެންސަލް ކުރިނަމަވެސް އަލުން ތަމްރީނުތައް ބޭއްވޭނެ ގޮތްތަކާ މެދު ސިއޯލްއާއި ވޮޝިންގްޓަނުން ދަނީ މަޝްވަރާކުރަމުންނެވެ. ނަމަވެސް، މި ތަމްރީނުތައް ދެން ބޭއްވޭނެ ވަކި ތާރީޚެއް ދެކުނު ކޮރެއާގެ ސިފައިން ހާމަކޮށްފައެއް ނުވެއެވެ. އަދި މިކަމާ ގުޅިގެން އެމެރިކާގެ ހަނގުރާމައާ ބެހޭ ވުޒާރާއާއިން ރަސްމީކޮށް އެއްޗެއް ބުނެފައެއް ނުވެއެވެ.
އީރާނާއެކު ހިނގަމުންދާ އުދުވާނީ ހަނގުރާމައިގެ ސަބަބުން އެމެރިކާގެ ބަޑި ގުދަންތަކުން ހަތިޔާރު ވަނީ ހުސްވެފައެވެ.


