ރާއްޖޭން ބޭރުން އަންނަ ދަތުރުވެރިންގެ އަމިއްލަ ބޭނުމަށް ގެންނަ ދުންފަތުގެ ބައެއް ބާވަތްތަކަށް ޚާއްސަ ޑިކްލަރޭޝަނެއް ހުށަހަޅަން ނުޖެހޭ ގޮތަށް، ދަތުރުވެރިންގެ އަތުން ޑިއުޓީ މާފުކުރުމުގެ އުސޫލަށް މުހިންމު އިސްލާހުތަކެއް ގެނެސް، އެ ބަދަލުތަކަށް އަމަލުކުރަން ފަށައިފިއެވެ.
"ދަތުރުވެރީން ގެންނަ ތަކެއްޗާއި، އަމިއްލަ ފަރާތްތަކުގެ ކުދިކުދި ބޭނުންތަކަށް ގެންނަ ތަކެއްޗާއި، ވިޔަފާރި ސާމްޕަލުގެ ގޮތުގައި ގެންނަ ތަކެތީން ޑިއުޓީ މާފުކުރުމުގެ އުސޫލު" އަށް އާންމުކުރި އެކަކު އަންގާ އިސްލާހުގައިވާ ގޮތުން، މި އިނާޔަތް ލިބޭނީ އުމުރުން 21 އަހަރު ފުރިފައިވާ ދަތުރުވެރިންނަށެވެ.
މި އިސްލާހުގެ ދަށުން، ގުޑްސް ޑެކްލަރޭޝަން ހުށަހަޅަން ނުޖެހި އެތެރެކުރެވޭނެ މިންވަރުތައް ވަނީ ކަނޑައެޅިގެން ބަޔާންކޮށްފައެވެ. އެއީ:
-
ސިނގިރޭޓު: ހީޓަޑް ޓޮބޭކޯ ހިމެނޭހެން ގިނަވެގެން 200 ސިނގިރޭޓު.
-
ސުއްޓާ: ގިނަވެގެން 20 ސުއްޓާ.
-
ދުންފަތް: އިތުރު ބަދަލެއް ނުގެނެސް ހިއްކާފައި ހުންނަ ދުންފަތް ގަހުގެ ފަތުގެ ގޮތުގައިވާ ނަމަ، ގިނަވެގެން 100 ގުރާމު.
ކަސްޓަމްސްގެ އުސޫލުގައި ބަޔާންކޮށްފައިވާ ގޮތުގައި، ސިނގިރޭޓާއި ސުއްޓާ ފިޔަވައި ދުންފަތުގެ އެހެނިހެން ބާވަތްތައް ދޫކުރުމުގައި ބަލާނީ އެ ތަކެތީގެ ބަރުދަނަށެވެ. އަދި އެގޮތަށް ދޫކުރެވޭނީ އެންމެ ގިނަވެގެން 100 ގުރާމުގެ ދުންފަތެވެ.
މީގެއިތުރުން، އަމިއްލައަށް ސިނގިރޭޓު ނުވަތަ ބިޑި އޮޅައިގެން ބޭނުންކުރާ ފަރާތްތަކުން 'ރޯލިން ޓޮބޭކޯ' އެތެރެކުރާ ހާލަތްތަކުގައި، އެއާއެކު ގެންނަ ބައެއް އެކްސެސަރީޒްތައް ވެސް ޑެކްލަރޭޝަނާ ނުލައި އެތެރެކުރެވޭނެ ގޮތް ވަނީ ހަމަޖައްސައިދީފައެވެ. އެގޮތުން ފަހަރަކު ސިނގިރޭޓެއް އޮޅޭ ގޮތަށް ތައްޔާރުކޮށްފައިވާ ކުދި މެނުއަލް އާލާތްތަކާއި، ނޯޅާ ހުންނަ 50 ކަރުދާސް، 50 ފިލްޓަރު އަދި 50 ހުސް ޓިއުބު ނުވަތަ ޕައިޕް އެތެރެކުރުމުގެ ހުއްދަ ލިބެއެވެ. ނަމަވެސް ފިލްޓަރާއެކު ނުވަތަ ފިލްޓަރާ ނުލައި ހުންނަ ވަކި ބާވަތްތަކުގެ ޓިއުބުތަކަށް އިސްތިސްނާ އުސޫލުތަކެއް ވަނީ ކަނޑައަޅައިފައެވެ.
އުސޫލަށް މި ބަދަލުތައް ގެނައި ނަމަވެސް، ދުންފަތް ކޮންޓްރޯލްކުރުމާ ބެހޭ ގާނޫނީ އުސޫލުތަކަށް އަމަލުކުރުން މަޖުބޫރުވާނެއެވެ. އެގޮތުން 1 ޖަނަވަރީ 2007 އިން ފެށިގެން ނުވަތަ އެ ތާރީޚުގެ ފަހުން އުފަންވެފައިވާ އެއްވެސް ފަރާތަކަށް މިފަދަ ދުންފަތުގެ ބާވަތްތައް ދޫނުކުރެވޭނެކަން ގަވާއިދުގައި ހާއްސަކޮށް ފާހަގަކޮށްފައިވެއެވެ.
އޭގެ އިތުރުން، އިލެކްޓްރޯނިކް ސިނގިރޭޓު (އީ-ސިނގިރޭޓު)، ޝީޝާ، ފްލެވަރޑް ސިނގިރޭޓު، އީ-ލިކުއިޑް އަދި ނިކޮޓިން އެކުލެވޭ އެހެނިހެން ބާވަތްތަކާއި އެ ތަކެތި ބޭނުންކުރުމަށް ބޭނުންކުރާ އާލާތްތަކަކީ މި ޑިއުޓީ އިނާޔަތުގެ ދަށުން އިސްތިސްނާވާ، އަދި އުސޫލުން ބޭރުން ދޫނުކުރެވޭނެ ތަކެތި ކަމަށް ވެސް ކަސްޓަމްސްގެ އުސޫލުގައި ބުނެފައިވެއެވެ. މި އިސްލާހުތަކަށް މިހާރު ވަނީ ރަސްމީކޮށް އަމަލުކުރަން ފަށައިފައެވެ.






