އިންޑިއާއަށް ގަސްކާނާ ފޯރުކޮށްދިނުން މެދުކެނޑުމެއްނެތި ކުރިއަށްގެންދާނެ: ޕޫޓިން

އަންނަ މަހު އިންޑިއާއަށް ކުރައްވާ ރަސްމީ ދަތުރުފުޅުގެ ކުރިން، ރަޝިޔާގެ ރައީސް ވްލަދިމީރް ޕޫޓިން އިންޑިއާގެ ޚާރިޖީ ވަޒީރު އެސް ޖައިޝަންކަރާ މޮސްކޯގައި ބައްދަލުކުރައްވައި، އިންޑިއާއަށް ބޭނުންވާ ގަސްކާނާ މެދުކެނޑުމެއްނެތި ފޯރުކޮށްދެއްވާނެކަމުގެ ޔަގީންކަން ދެއްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ޖައިޝަންކަރު ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ޚާއްޞަ ސިޓީފުޅެއް ރައީސް ޕޫޓިންއަށް އަރުވާފައެވެ. ބައްދަލުކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ރައީސް ޕޫޓިން ވިދާޅުވީ، އިންޑިއާގެ ދަނޑުވެރިކަމުގެ ދާއިރާއަށާއި ދަނޑުވެރިންނަށް ބޭނުންވާ ގަސްކާނާ ފޯރުކޮށްދިނުމުގައި ދިމާވާ ގޮންޖެހުންތައް ހައްލުކުރުމަށް ރަޝިޔާއިން ޚާއްޞަ އިސްކަމެއް ދީގެން މަސައްކަތް ކުރަމުންދާ ކަމަށެވެ. އަދި ރަޝިޔާއިން ބޭރުކުރާ ގަސްކާނާގެ މިންވަރު އިތުރުކުރަމުންދާއިރު، އިންޑިއާއަށް ބޭނުންވާ މިންވަރަށް އެ ތަކެތި ފޯރުކޮށްދިނުމަށް ރަޝިޔާ އޮތީ ތައްޔާރަށް ކަމަށް ފާހަގަކުރެއްވިއެވެ.

ޚާރިޖީ ވަޒީރު ޖައިޝަންކަރު ވިދާޅުވީ، ވިޔަފާރިއާއި، އިގްތިސާދީ، ސައިންސާއި ނިއުކްލިއާ އެނާޖީގެ ދާއިރާއިން ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމާ މެދު "އިންޑިއާ-ރަޝިޔާ އިންޓަރ-ގަވަންމަންޓަލް ކޮމިޝަން" ގެ 27 ވަނަ ބައްދަލުވުމުގައި ވަރަށް ފުޅާދާއިރާއެއްގައި މަޝްވަރާކށްފައިވާ ކަމަށެވެ. އަދި ވޭތުވެދިޔަ އަހަރު ދެ ގައުމުގެ ދެމެދުގައި ކުރި ވިޔަފާރިއަށް ލޮޅުމެއް އައި ނަމަވެސް، މިހާރު އަލުން ދެ ގައުމުގެ ވިޔަފާރީގެ ގުޅުންތައް ކުރިއަރަމުންދާކަން ފާހަގަކުރެއްވިއެވެ.

ރަޝިޔާގެ ފުރަތަމަ ޑެޕިއުޓީ ބޮޑުވަޒީރު ޑިމިތުރީ މަންތުރޯވްއާއެކު ވެސް ޖައިޝަންކަރު ބައްދަލުކުރެއްވިއެވެ. މި ބައްދަލުކުރެއްވުމުގައި ދެ ގައުމުގެ ދެމެދުގައިވާ ވިޔަފާރިއާއި، އިންވެސްޓްމަންޓް، ހަކަތަ، ގަސްކާނާ، ޓެކްނޮލޮޖީ ދާއިރާތަކުން ގުޅުން ބަދަހިކުރުމާ ގުޅޭގޮތުން ވާހަކަދެއްކެވިއެވެ. މީގެއިތުރުން، ދުނިޔޭގެ މަސްރަހަށް އަންނަ ބަދަލުތަކާއެކު ވިޔަފާރީގައި ހުރި ނުރައްކާތައް ކުޑަކުރުމަށާއި އިގްތިސާދީ ގުޅުންތައް ތަފާތު ދާއިރާތަކަށް ފުޅާކުރުމަށް ދެ ގައުމުން އިސްކަންދޭނެކަމަށް ވިދާޅުވިއެވެ.

އޮގަސްޓް 31 އިން ސެޕްޓެމްބަރު 1 އަށް ކިރްގިޒްސްތާނުގައި ބާއްވާ ޝަންހާއި ކޯޕަރޭޝަން އޯގަނައިޒޭޝަން (އެސްސީއޯ) ސަމިޓުގެ ހަވާސާގައި ބޮޑުވަޒީރު މޯދީއާއި ރައީސް ޕޫޓިން ބައްދަލުކުރައްވާނެއެވެ. އޭގެފަހުން، ސެޕްޓެމްބަރު 12 ގައި އިންޑިއާގައި ބާއްވާ ބްރިކްސް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޕޫޓިން އިންޑިއާއަށް ޒިޔާރަތްކުރައްވާނެއެވެ.

ހިއްސާ ކުރައްވާ!