މަސްނޫއީ ބުއްދީގެ ނުރައްކަލާ މެދު ގޭޓްސް އިންސާނުން ބިރުގަންނަވާލައިފި

މައިކްރޯސޮފްޓްގެ ބާނީއެއް ކަމަށްވާ ބިލް ގޭޓްސްއަކީ މަސްނުއީ ގެރިމަހާއި މަސްނުއީ ކިރު އުފެއްދުމުގައި ފައިސާ އިންވެސްޓް ކުރާ މީހެކެވެ. ނަމަވެސް މިފަހަރު މީނާ އަހަރަމެން ބިރު ގަންނަވާލަން އުޅެފިއެވެ! މީގެ ކުރިން އާޓިފިޝަލް އިންޓެލިޖެންސް ނުވަތަ މަސްނުއީ ބުއްދި އާ މެދު އޭނާ ގެންގުޅުއްވި އުއްމީދީ ވިސްނުން ބަދަލުކުރައްވައި، މިއަދު ވިދާޅުވަނީ މިއީ އިންސާނިއްޔަތަށް ބޮޑެތި ނުރައްކާތަކެއް ކުރިމަތިކުރުވަފާނެ ވަސީލަތެއް ކަމަށެވެ.

ވޮޝިންގޓަން ޕޯސްޓްގައި ޝާއިޢުކުރި މަޒްމޫނެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ގޭޓްސް ވަނީ މަސްނުއީ ބުއްދީގެ ކުރިއެރުންތައް އިންސާނުންނަށް ކޮންޓްރޯލް ނުކުރެވޭ މިންވަރަށް ހަލުވިވަމުންދާ ކަމަށާއި، ސަރުކާރުތަކުން ކުއްލި ފިޔަވަޅުތަކެއް ނާޅައިފިނަމަ ލިބޭ ފައިދާއަށްވުރެ ލިބޭ ގެއްލުން ބޮޑުވެގެންދާނެ ކަމަށް ވިދާޅުވެފައެވެ.

ގޭޓްސް ކަންބޮޑުވުން ފާޅުކުރައްވާފައިވަނީ މުހިންމު ތިން ދާއިރާއަކުންނެވެ:

  • ސައިބަރ ހަމަލާތައް ދިނުމަށާއި، ބަޔޮލޮޖިކަލް ހަތިޔާރު އުފެއްދުމުގެ އިތުރުން މަކަރާއި ހީލަތް ހެދުމަށް އޭއައި ބޭނުންކުރުމުގެ ނުރައްކަލާ މެދު އޭނާ އިންޒާރު ދެއްވައެވެ.
  • އޮޓޮމޭޝަންގެ ސަބަބުން ވަޒީފާގެ ބާޒާރަށް އަންނާނެ ލޮޅުންތަކާއި ގިނަ އަދަދެއްގެ މީހުންގެ ވަޒީފާ ގެއްލުމުގެ ބިރާ މެދުއ ިންޒާރު ދެއްވައެވެ.
  • ކުޑަކުދިންގެ އުނގެނުމުގެ ޤާބިލުކަމަށާއި އިޖުތިމާއީ ގުޅުންތަކަށް މި ޓެކްނޮލޮޖީގެ ސަބަބުން ކޮށްފާނެ ނޭދެވޭ އަސަރުތަކާ މެދުވެސް އޭނާ އިންޒާރު ކުރައްވައެވެ.

މީގެ ކުރިން އޭއައިގެ ސަބަބުން ލިބޭ ނޭދެވޭ އަސަރުތައް ކޮންޓްރޯލް ކުރެވިދާނެ ކަމަށް ޤަބޫލުކުރެއްވި ނަމަވެސް، ގޭޓްސް މިހާރު ވިދާޅުވަނީ މި ކުންފުނިތަކަށް އަމިއްލައަށް ރެގިއުލޭޓް ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން، އެމެރިކާގެ ސަރުކާރުން އިސްނަގައިގެން ޤައުމީ އަދި ބައިނަލްއަޤްވާމީ ފެންވަރުގައި ހަރުދަނާ ޤަވާޢިދުތަކެއް އެކުލަވާލަންޖެހޭ ކަމަށް އޭނާ ގެ މަޒްމޫނުގައި ވިދާޅުވެއެވެ. އަދި އިންސާނުންގެ ވަޒީފާތައް ހިމާޔަތްކުރުމަށްޓަކައި އޭއައި މަސައްކަތަށް ނެރުމުން ޚާއްޞަ ޓެކްސްތަކެއް ނެގުމަށާއި، ބައެއް ދާއިރާތަކަކީ ހަމައެކަނި އިންސާނުންނަށް ޚާއްޞަ ކުރެވިފައިވާ ވަޒީފާތަކެއްގެ ގޮތުގައި ހިމާޔަތް ކޮށް ކަނޑައެޅުމަށްވެސް އޭނާ ހުށަހެޅުއްވައެވެ.

ގޭޓްސްގެ މި ވާހަކަފުޅަކީ މަސްނޫއީ ބުއްދި ނޫނީ މަބްއާ ދެކޮޅުވުމެއް ނޫނެވެ. ސިއްޙީ ދާއިރާއާއި، ތަޢުލީމު އަދި ދަނޑުވެރިކަން ފަދަ ދާއިރާތަކުން އޭއައިގެ ފައިދާ ލިބެންޖެހޭނެ ކަމަށް އޭނާ އަދިވެސް ޤަބޫލުކުރައްވައެވެ. ނަމަވެސް، މިވަގުތުގެ އެންމެ ބޮޑު އިސްކަމަކަށް ވާންޖެހޭނީ އޭއައިގެ ސަބަބުން ލިބިދާނެ ގެއްލުންތައް ކުޑަކޮށް، މުޖުތަމަޢަށް އޭގެ ފައިދާ ރައްކާތެރިކަމާއެކު ފޯރުކޮށްދިނުން ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!