އެންމެ ގިނަ މިސްކިތް ހަލާކު ކުރުމުގެ ރެކޯޑު ޔަހޫދީންނަށް

ޔަހޫދީން ގެން ދަނީ އަގްސާ ޠޫފާނަށް ފަހު ފަށާފައިވާ ޖެނޮސައިޑްގައި ފަލަސްތީނުގެ މިސްކިތްތައް ހަލާކު ކުރަމުންނެވެ.

ފަލަސްތީނުގެ އައުގާފް އަދި ދީނީ ކަންތައްތަކާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ މައުލޫމާތުތަކަށް ބަލާއިރު، 2023 ގައި ޖެނޮސައިޑް ހަނގުރާމަ ފެށުނީއްސުރެ މިހާތަނަށް ޣައްޒާގައި ހުރި 1,275 މިސްކިތުގެ ތެރެއިން 1,070 އަށްވުރެ ގިނަ މިސްކިތް ޔަހޫދީން ވަނީ މުޅިން ހަލާކުކޮށްލާފައެވެ.

އޭގެ އިތުރުން ޣައްޒާގައި 165 އަށްވުރެ ގިނަ މިސްކިތަށް ވަނީ އެކިވަރުގެ ބޮޑެތި ގެއްލުންތައް ދީފައެވެ.

މި އަހަރުގެ ތެރޭގައި އެކަނިވެސް، އިސްރާއީލުގެ ސިފައިން ޣައްޒާއަށް ދީފައިވާ ވައި ހަމަލަތަކުގައި ތާރީޚީ އަދި އާންމު ގިނަ މިސްކިތްތަކަކަށް ހަމަލާތައް އަމާޒުކޮށްފައި ވެއެވެ. މީގެ ތެރޭގައި ދޭރު އަލްބަލަހްގައި ހުރި 75 އަހަރުވީ އުސްމާނީ މޭސްތިރިކަމަށް ބިނާކޮށްފައިވާ އަބޫ ސަލީމް މިސްކިތާއި، ޣައްޒާ ސިޓީގެ އަލްމުއްތަގީން މިސްކިތް ފަދަ މުހިންމު ބިނާތައް ހަލާކު ކުރުން ހިމެނެއެވެ.

މީގެ އިތުރުން، ހުޅަނގު އައްސޭރީގައި އިސްރާއީލުގެ ހައްދުފަހަނައެޅި ވަޒަންވެރިންގެ ގުރޫޕްތަކުން މިސްކިތްތަކުގައި ރޯކުރުމާއި، ނަސްލީ ތަފާތުކުރުމުގެ ޝިއާރުތައް ލިޔެ މިސްކިތްތަކުގެ ހުރުމަތް ކަނޑާލުމުގެ ހާދިސާތައް ވަނީ އިތުރުވެފައެވެ.

ހިއްސާ ކުރައްވާ!