ސަރުކާރުގެ މަސް ކުންފުނި، މޯލްޑިވްސް އިންޑަސްޓްރިއަލް ފިޝަރީޒް ކޮމްޕެނީ (މިފްކޯ)ގެ ޗެއަރޕަރސަންގެ މަޤާމަށް ވިޔަފާރީގެ ދާއިރާގައި ގިނަ ދުވަސްތަކެއް ވަންދެން ޚިދުމަތް ކުރައްވާފައިވާ ޢަބްދުﷲ ފާއިޒު (މ. މާނާގެ) މިއަދު އައްޔަންކުރައްވައިފިއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު (ޕީސީބީ)އިން ފާއިޒު މިފްކޯގެ ބޯޑު މެންބަރުކަމަށާއި ޗެއަރޕަރސަންގެ މަޤާމަށް އައްޔަންކުރައްވާފައި ވަނީ، ވިޔަފާރީގެ މައިދާނުން އެކަހެރިވެވަޑައިގެން އަމިއްލަ ކުރެހުންތެރިކަމުގެ ފަންނީ ދުނިޔެއެއްގައި ދުވަސްތައް ހޭދަކުރައްވަމުން ގެންދަވަނިކޮށެވެ. ޖަޒީރާ ދިރިއުޅުމާއި ގުދުރަތީ ރީތިކަމުން އިލްހާމް ހޯއްދަވައިގެން މަންޒަރުތަކުގައި ކުލަޖެއްސެވުމުގެ މަސައްކަތްތަކަށްފަހު، ޤައުމީ ބޮޑު މަސްއޫލިއްޔަތަކާ ހަވާލުވެވަޑައިގަތުމަށް އޭނާ މިވަނީ އަލުން ވިޔަފާރީގެ ހިންގުމުގެ ދާއިރާއަށް ނުކުމެވަޑައިގެންފައެވެ.
ފާއިޒަކީ ރާއްޖޭގެ ވިޔަފާރިއާއި ފަތުރުވެރިކަމުގެ ދާއިރާގައި 30 އަހަރަށްވުރެ ގިނަ ދުވަހުގެ ތަޖުރިބާ ހޯއްދަވާފައިވާ ބޭފުޅެކެވެ.
- މީގެކުރިން، 13 ފެބްރުއަރީ 2019 އިން އިބްރާހީމް މުޙައްމަދު ޞާލިޙުގެ ވެރިކަމުގައި މޯލްޑިވްސް ޓޫރިޒަމް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ)ގެ ޗެއަރމަންގެ މަޤާމު ފުރައްވާފައިވާފައި ވެއެވެ.
- އޭނާ ވަނީ އެސްޓީއޯގެ ޗެއަރޕަރސަންކަންވެސް ކުރައްވާފައެވެ.
އޭނާގެ ހިންގުމުގެ ދާއިރާގެ ޙަޔާތުގައި ސަރުކާރާއި އަމިއްލަ އެކި ކުންފުނިތަކުގެ އިސް މަޤާމުތައް ފުރައްވާފައިވެއެވެ. އެގޮތުން:
- އޭޑީކޭ ޓްރޭޑް އެންޑް ޝިޕިންގގެ މެނޭޖިންގ ޑިރެކްޓަރުކަމާއި،
- ވިލާ ޝިޕިންގ އެންޑް ޓްރޭޑިންގގެ ޗެއަރމަންގެ ޑިރެކްޓަރުކަން،
- ވިލާ ހޮޓެލްސްގެ ޑިރެކްޓަރ އޮފް މާކެޓިންގ އެންޑް ޕްރޮމޯޝަންސްގެ މަޤާމު
- މޯލްޑިވްސް ނޭޝަނަލް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީ (އެމްއެންސީސީއައި)ގެ ސެކްރެޓަރީ ޖެނެރަލްކަންވެސް އޭނާ ކުރެއްވިއެވެ.
ރާއްޖޭގެ އަމިއްލަ ވިޔަފާރިތަކުގެ ނިޒާމު ބައްޓަންކުރުމުގައި ފާއިޒަކީ މުހިންމު ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ. އެމްއެންސީސީއައި، މޯލްޑިވްސް ޓްރޭޑަރސް އެސޯސިއޭޝަން، މޯލްޑިވްސް އެސޯސިއޭޝަން އޮފް ކޮންސްޓްރަކްޝަން އިންޑަސްޓްރީ (މެސީ) އަދި ރެސްޓޯރެންޓް އެސޯސިއޭޝަން އޮފް މޯލްޑިވްސް އުފެއްދެވުމުގައި އޭނާ އިސްކޮށް ބައިވެރިވެވަޑައިގެންނެވިއެވެ. ބައިނަލްއަޤްވާމީ މައިދާނުގައި، 2001 ވަނަ އަހަރުން ފެށިގެން ސާރކް ޗެމްބަރ އޮފް ކޮމަރސް އެންޑް އިންޑަސްޓްރީގެ ލައިފް މެންބަރުކަން ހޯއްދަވައި، އެ ތަނުގެ ނައިބު ރައީސްކަންވެސް ކުރެއްވިއެވެ.
އޮސްޓްރޭލިއަން އިންސްޓިޓިއުޓް އޮފް ބިޒްނަސްއިން މާސްޓަރ އޮފް ބިޒްނަސް އެޑްމިނިސްޓްރޭޝަން (އެމްބީއޭ) ހާސިލުކުރައްވާފައިވާ ފާއިޒު، މިފްކޯގެ ޗެއަރޕަރސަންކަމާ ހަވާލުވެވަޑައިގެންނެވީ ސަރުކާރުގެ ކުންފުނިތަކަށް ދެމުންދާ ސަބްސިޑީތައް އުވާލައި، އަމިއްލަ ފައިމައްޗަށް ތެދުވުމަށް ކުންފުނިތަކަށް ބާރުއަޅަމުންދާ ދަނޑިވަޅެއްގައެވެ. އޭނާގެ ތަޖުރިބާގެ އަލީގައި މިފްކޯގެ ވިޔަފާރި ސްޓްރެޓެޖީ އަލުން ތަރުތީބުކޮށް، ކުންފުނީގެ ހިންގުން ހަރުދަނާކުރާނެކަމަށް ބެލެވެއެވެ.



