އިސްރާއީލަށް ތާއީދު ނުކުރާ އަދި ޖެނޮސައިޑްގެ ވާހަކަ ދައްކާ އަދި އިސްރާއީލާ ދެކޮޅަށް ފިޔަވަޅުއަޅަން ގޮވާލާ ޔުނިވަސިޓީތަކަށް ސަރުކާރުގެ މާލީ އެހީތެރިކަން ކަނޑާލުމަށް އަމާޒުކޮށް ހުށަހެޅި ބިލެއް އެމެރިކާގެ ކޮންގްރެސްގެ ތިރިގެ އިން ފާސްކޮށްފިއެވެ. ރިޕަބްލިކަން ޕާޓީގެ އިސްނެގުމުގެ މަތިން ފާސްކުރި މި ބިލަކީ ޣައްޒާގެ ޖެނޮސައިޑް ހަނގުރާމައާ ގުޅިގެން އެމެރިކާގެ ޔުނިވާސިޓީތަކުގައި އިތުރުވަމުންދާ އިހުތިޖާޖުތަކާ ގުޅިގެން ނިންމި ނިންމުމެކެވެ.
"އިޤުތިޞާދީ އަދި އެކަޑެމިކް މިނިވަންކަން ޙިމާޔަތްކުރުމުގެ ޤާނޫނު" ގެ ނަމުގައި ހުށަހެޅުނު މި ބިލަށް ވޯޓުދީފައިވަނީ 169 ވޯޓުގެ އަޣުލަބިއްޔަތަކުންނެވެ. މި ބިލު ޤާނޫނަކަށް ވުމުގެ ކުރިން ސެނެޓުން ވެސް ބިލް ފާސްކުރަންޖެހޭނެއެވެ.
މިދިޔަ 2023 ވަނަ އަހަރުގެ އޮކްޓޯބަރު 7 ން ފެށިގެން އިސްރާއީލުން ޣައްޒާގައި ހިންގާ ޖެނޮސައިޑް ޙަމަލާތަކުގައި 73،000 އަށްވުރެ ގިނަ ފަލަސްޠީނު މީހުން ޝަހީދުވެފައި ވެއެވެ. އަދި މި ކަމާ ގުޅިގެން އެމެރިކާގެ މަތީ ތަޢުލީމދޭ މަރުކަޒުތަކުގައި ވަނީ އިސްރާއީލާ ދެކޮޅަށް ބޮޑެތި މުޒާހަރާތަކެއް ފަށާފައެވެ.
ރިޕަބްލިކަން ޕާޓީގެ މެންބަރުން ބުނާގޮތުގައި ޔުނިވަސިޓީތަކުގައި ހިންގާ މިފަދަ ހަރަކާތްތަކަކީ ޔަހޫދީން ބަދުނާމުކޮށް އެމީހުންނާ މެދު ތަފާތުކުރުން ގެންގުޅޭ އަދި ޔަހޫދީންނާ ދެކޮޅު ޚިޔާލުތައް ފެތުރުމުގެ ގޮތުން ހިންގާ ކަންކަމެވެ.
ރިޕަބްލިކަން ޕާޓީން މި ބިލް ފާސްކޮށްފައި ވަނީ ނޮވެމްބަރު މަހު ބާއްވާ އިންތިޚާބުގައި އެ ޕާޓީގެ ކެންޑިޑޭޓުންނަށް ޔަހޫދީ އަދި ޒަޔަނސިްޓޫންގެ ފަރާތުން ބޯކޮށް ކެމްޕޭނަށް ފައިސާ ހޯދުމުގެ މަގްސަދުގައެވެ.
މި ބިލާ ދެކޮޅު ފަރާތްތަކުންނާއި ބައެއް ޑިމޮކްރެޓިކް މެންބަރުން ވިދާޅުވަނީ މިއީ ރައްޔިތުންނަށް ލިބިދީފައިވާ ޚިޔާލުފާޅުކުރުމުގެ މިނިވަންކަމަށް ހުރަސްއަޅާ ފަދަ ކަމެއް ކަމަށެވެ. އަދި ފަލަސްޠީނުގެ ޙައްޤުތަކަށް ވަކާލާތުކުރުމަކީ ޔަހޫދީންނާ ދެކުޅުވުން ކަމުގައި ބެލެވޭނެ އެއްވެސް އަސާސެއް ނެތް ކަމަށް އެފަރާތްތަކުން ފާހަގަކުރެއެވެ.






