ޖަޕާނުގައި ދިރިއުޅޭ އުމުރުން އެންމެ ދުވަސްވީ މީހާ ޝިގެކޯ ކަގާވާ، ޢުމުރުން 115 އަހަރާއި 91 ދުވަހުގައި މަރުވެއްޖެއެވެ. 2025 ވަނަ އަހަރުގެ ޖުލައި މަހުގެ 29 ވަނަ ދުވަހު އޮއިޓާ ޕްރެފެކްޗަރުގެ ނަކާސޫގެ އުމުރުން 114 އަހަރުގެ މީހާ މަރުވުމަށްފަހު ކަގާވާ ވެގެންދިޔައީ ޖަޕާނުގައި ހުރި އެންމެ ދުވަސްވީ މީހާއަށެވެ. ޝިގެކޯ ކަގާވާ މަރުވީ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ނާރާ ޕްރެފެކްޗަރގައެވެ.
އޭނާގެ ދިގު އުމުރުގެ ސިއްރާ ބެހޭ ގޮތުން މީޑިއާ ރިޕޯޓުތައް ބުނާގޮތުގައި، "ހިނގައި އުޅުމާއި ސިކުނޑި ބޭނުންކުރުމުން" އުމުރު ދިގުކޮށްދިނުމަށް އެހީތެރިވެދޭ ކަމަށް އޭނާ ކުރިން ބުނެފައި ވެއެވެ. އަދި އާއިލާއިން ބުނިގޮތުގައި އޭނާ އާދަވެގެން ދުވާލަކު ރަނގަޅު ތިން ކެއުން ކައިއުޅުނެވެ.
އުމުރުން ދުވަސްވީ މީހުން ދިރާސާކުރާ ޖަމްޢިއްޔާ އިން ބުނިގޮތުގައި، ދިގު އުމުރެއް ލިބުމުގެ ސިއްރާ ގުޅޭގޮތުން ކަގާވާ ބުނެފައިވަނީ އޭނާ އުމުރު ދިގުކޮށް ބެލެހެއްޓުމުގެ ނިޔަތުގައި ޚާއްޞަ އެއްވެސް ކަމެއް ނުކުރާ ކަމަށެވެ. އޮބްސްޓެޓްރިކްސް އެންޑް ގައިނޮކޮލޮޖީގެ ދާއިރާގައި މަސައްކަތްކުރިއިރު، ދަންވަރާއި ޗުއްޓީ ދުވަސްދުވަހު ވެސް ގޭގެއަށް ގޮސް ބަލިމީހުން ބަލައި އުޅުނު ކަމަށް އޭނާ ބުންޏެވެ. އަދި އެކަމުން އޭނާއަށް ހަކަތަ ލިބިދިން ކަމަށް ބުނެއެވެ.
ރިޓަޔަރޑް ޑޮކްޓަރެއް ކަމަށްވާ ޝިގެކޯ ކަގާވާ، އުފަންވީ 1911 ވަނަ އަހަރުގެ މެއި މަހު އެވެ. އޭނާ 1930ގެ އަހަރުތަކުގައި ޑޮކްޓަރުކަން ކިޔަވުމަށްފަހު އޮސާކާ ވުމަންސް މެޑިކަލް ކޮލެޖުން މާބަނޑު މީހުންނާއި އަންހެނުންގެ ބަލިތަކުގެ ޑޮކްޓަރެއްގެ ގޮތުން ގްރެޖުއޭޓް ވިއެވެ.
ދެވަނަ ބޮޑު ހަނގުރާމަޔާއި އޭގެ ފަހުން އައި އަހަރުތަކުގައި އޭނާ ވަނީ އެތައް ހާސް ބަލިމީހުންނަށް ފަރުވާ ދީފައެވެ. އަދި އޭނާ ވަނީ 2021 ވަނަ އަހަރު އުމުރުން 109 އަހަރުގައި ޓޯކިޔޯ އޮލިމްޕިކް ގައި ދަންމަރު އުފުލާފައެވެ.







