ޕޮލެންޑްގައި ރޮބޮޓުންތަކެއް މުޒާހަރާ ކޮށްފި

ދިދަ ހޫރައި، ޝިއާރުތައް ގޮވަމުން އަދި ސަފަކަށް އެތުރިގެން ތިބެ ހިނގަމުން، ގާތްގަނޑަކަށް 30 ރޮބޮޓެއް ޕޮލެންޑުގެ ޑިޖިޓަލް ކަންކަމާ ބެހޭ ވުޒާރާގެ ކުރިމައްޗަށް ނުކުމެ އޭއައި ގެ ގަވާއިދުތައް ހަރުދަނާ ކުރުމަށް ގޮވާލައި މުޒާހަރާކޮށްފިއެވެ. މި މުޒާހަރާ އިންތިޒާމުކޮށްފައިވަނީ "ޑިމޮކްރެޓިޒަމް" ގެ ނަމުން ނަންދީފައިވާ އިސްނެގުމަކުންނެވެ. އެ ޖަމްޢިއްޔާގެ ވެބްސައިޓުގައިވާ ގޮތުން، މި ހަރަކާތުގެ މަޤުޞދަކީ "އޭއައި އާއި ރޮބޮޓައިޒޭޝަންގެ ސަބަބުން މަސައްކަތުގެ މާހައުލަށް ކުރާ އަސަރުތަކާ ބެހޭގޮތުން" ޚިޔާލު ބަދަލުކުރުމާއި ވާހަކަ ދެއްކުމަށް އިސްނެގުމަށެވެ.

މުޒާހަރާގައި ބައިވެރިވި އޭއައި ޓެކްނޮލޮޖީގައި ބޭނުންކުރާ އިންސާނުންނާ އެއްފަދަ ހިއުމަނޮއިޑް ރޮބޮޓެއް ކަމަށްވާ އެޖިބޮޓް އޭ3 ބުނިގޮތުގައި، އޭނާއާއެކު އެއްވެ ތިބި ރޮބޮޓްތަކުން ދައްކުވައިދެނީ މި ޓެކްނޮލޮޖީއަކީ މިހާރު ވެސް ޙަޤީޤަތަކަށްވެފައިވާ ކަމެއް ކަމަށެވެ.

ދެ ފައި މައްޗަށް ކޮއްޅަށް ތިބެގެން ހިނގާ ހިއުމަނޮއިޑް ރޮބޮޓްތަކުން ފެށިގެން ހަތަރެސްފައި ޖެހި ކުއްތާތަކެއްގެ ސިފައަށް ހަދާފައިވާ ކުއަޑްރަޕެޑް ރޮބޮޓްތައް ހިމެނޭ ގޮތަށް މި ރޮބޮޓްތައް ދިޔައީ ލައުޑުން ގޮވެލިތައް ގޮވަމުންނެވެ. "މަސައްކަތުގެ މާހައުލު ޙިމާޔަތްކުރޭ"، "ގަވާއިދުތައް ހަދަންވީ ވަގުތުޖެހުނީ"، އަދި "މަޑުނުކޮށް ގަވާއިދުތައް ހަދާ" ފަދަ ޝިއާރުތައް ގޮވަމުން ދިޔައެވެ.

މި މުޒާހަރާ އިންތިޒާމުކުރި ގްރެގޯޒް ކުލިސް ބުނީ ރޮބޮޓްތައް ބޭނުން ކުރުމުގައި މިހާރު ނުވިސްނައިފިނަމަ، ވަރަށް އަވަހަށް ބޮޑު މައްސަލަތަކެއް ކުރިމަތިވެދާނެ، ކަމަށެވެ. އަދި މަސައްކަތްތެރިން ޙިމާޔަތްކުރާ އައްޑަނައެއްގެ ގޮތުގައި މަސައްކަތްކުރާނެ "ގަވާއިދުތަކާއި އުޞޫލުތައް" މިހާރުން މިހާރަށް ބޭނުންވާކަން އޭނާ ފާހަގަކުރިއެވެ.

މަގުމަތިން ދިޔަ ބައެއް މީހުންގެ ސަމާލުކަން ލިބުނު މި މުޒާހަރާގައި ރޮބޮޓްތައް ބޭނުންކުރުމުގެ މަޤުޞަދަކީ އެ ތަކެއްޗަށް މިހާރު ވެސް ތަފާތު ކަންކަން ކުރުމުުގެ ކުޅަދާނަކަން ލިބިގެންވާކަން ދެއްކުމަށާއި އެކަމުގެ ސަބަބުން ޙާލަތުގެ އަވަސްކަން ހާމަކޮށްދިނުން ކަމަށް ކުލިސް ބުންޏެވެ.

"މި ރޮބޮޓްތަކަށް މިހާރު ވެސް މިނިވަންކަމާއެކު ހިނގާބިނގާވެ، މުޒާހަރާ ވެސް ކުރެވޭ،" އޭނާ ބުންޏެވެ. މި މުޒާހަރާ ކުރިއަށްދިޔަ ސަރަޙައްދަށް ޕޮލެންޑުގެ ޑިޖިޓަލް ކަންކަމާ ބެހޭ ވަޒީރު ކްރިޝްޓޮފް ގަވްކޯވްސްކީ ޒިޔާރަތްކުރައްވައި، މުޒާހަރާ އިންތިޒާމުކުރި ފަރާތްތަކާ ބައްދަލުކުރައްވާފައިވެއެވެ.

ހިއްސާ ކުރައްވާ!