ސައުދީ އަރަބިއްޔާއަށް އަމާޒުކޮށް ހޫޘީ ހަނގުރާމަވެރިން ދިން ހަމަލާތަކަކާ ގުޅިގެން، ބަދަލު ހިފުމަށް ޔަމަނުގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް ސައުދީ ސިފައިން ސާޅީހަކަށް ވައިގެ ހަމަލާދީފިއެވެ. މި ހަމަލާތައް އަމާޒުކޮށްފައިވަނީ ތައިޒް، ހުދައިދާ، އަލްޖައުފް އަދި މައުރިބް ހިމެނޭ ސަރަހައްދުތަކަށެވެ. މިއީ ފަހަކަށް އައިސް އެ ސަރަހައްދުގައި ހިނގި އެންމެ ވަރުގަދަ އެއް ވައިގެ ހަމަލާތަކުގެ ސިލްސިލާއެވެ.
ހޫޘީންގެ ކޮންޓްރޯލްގެ ދަށުގައިވާ ސަބާ ނޫސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ސައުދީ ވައިގެ ސިފައިން ވަނީ ފާއިތުވެދިޔަ މަދު ގަޑިއިރުގެ ތެރޭގައި ޔަމަނުގެ މައި ސަރަހައްދުތަކަށް ހަމަލާތަކެއް ދީފައެވެ. މި ހަމަލާތަކުގެ ސަބަބުން އެ ސަރަހައްދުތަކުގެ އާންމު ދިރިއުޅުމަށް ބޮޑެތި ހުރަސްތަކެއް ކުރިމަތިވެފައިވާއިރު، ލިބުނު ގެއްލުންތަކުގެ ތަފުސީލު އަދި ރަސްމީކޮށް ހާމަވެފައެއް ނުވެއެވެ.
މި ހަމަލާތަކަކީ ސައުދީ އަރަބިއްޔާގެ ސަރަހައްދަށް ހޫޘީންގެ ފަރާތުން ކުރިމަތިވަމުންދާ ނުރައްކާތަކާ ގުޅިގެން ދިފާޢުގައި އެޅި ފިޔަވަޅުތަކެއް ކަމަށް ބުނެއެވެ. މީގެ ކުރިން ވެސް ހޫޘީންގެ ފަރާތުން ސައުދީގެ އެކި ސަރަހައްދުތަކަށް އަމާޒުކޮށް މިސައިލާއި ޑްރޯން ހަމަލާތައް ދީފައިވެއެވެ.






