ބޮސްނިއާގެ ގަތުލުއާންމާއި ފަލަސްޓިނުގެ ގަތުލުއާންމު ވަރަށް އެއްވައްތަރު ކަމަށް ފެނޭ

1990 ގެ އަހަރުތަކުގައި ސާބިއާގެ ޤައުމީވަންތަކަން އިސްކޮށްހުރި އަދި ސުރެބްރެނިޓްސާ ގަތުލުއާންމުގެ މައިގަނޑު މޭސްތިރިއެއްކަމަށްވާ ރަޓްކޯ މްލާޑިޗް، 2026 ވަނަ އަހަރުގެ އޮގަސްޓް 27 ގައި ނެދަލަންޑްސްގެ ހޭގްގައި ހުންނަ އދ. ގެ ޖަލެއްގައި މަރުވެއްޖެ އެވެ. 1992 އާއި 1995 އާ ދެމެދު އެތައް ހާސް ބޮސްނިއާ މުސްލިމުން ޝަހީދުކޮށްލުމުގެ ޒިންމާ އުފުލި މި އަސްކަރީ ލީޑަރަކީ އޭނާގެ ނުބައިކަން ބަޔާންކުރަން އެންމެ އެކަށީގެންވާ ބަހެއް ހޯދަން ދަތިވާވަރުގެ މީހެކެވެ.

ޔުގޯސްލާވް ޕީޕަލްސް އާމީގެ ޖެނެރަލެއް ކަމަށްވާ މްލާޑިޗް މަސައްކަތްކުރީ ސާބުންގެ ތާރީޚީ ހައްގެއް ލިބިގެންވާ ސަރަހައްދުތަކެއް ހޯދަން ކަމަށް އޭނާ ބުންޏެވެ. އެ ސަރަހައްދުތަކުގައި ސާބު ދަރިކޮޅުގެ މީހުންގެ އަޣުލަބިއްޔަތު އޮތް ސަރަހައްދުތައް އެއްކޮށްލައިގެން ބޮޑު ސާބިއާއެއް އުފެއްދުމަކީ އޭނާގެ ހުވަފެނެކެވެ.

"ގްރޭޓަރ ސާބިއާ" ޕްރޮޖެކްޓަކީ މްލާޑިޗްގެ ކުރިން ފެށިފައިވާ ކަމެކެވެ؛ އެކަން ފެށުނީ ސާބިއާގެ ޤައުމީ ސަގާފަތަށް ލޯބިކުރާ ރައީސް ސްލޮބޮޑާން މިލޮސެވިޗްގެ ވެރިކަމުގަ އެވެ. އެކަން ދެމިގެންދިޔައީ 1992 ވަނަ އަހަރުގެ ޖެނުއަރީ މަހު އުފެއްދި، ސާބުންގެ އަމިއްލަ ވެރިކަމެއް ކަމަށް ބުނާ ރެޕުބްލިކާ ސުރްޕްސްކާ އާ އެކުއެވެ. މި ސަރަހައްދު ލީޑުކުރުމަށް އިސްކޮށް ހުރީ ރަދޮވަން ކަރަޑިޗެވެ. މްލާޑިޗް އަމުރުތައް ލިބިގަނެ، ބޮސްނިއާ މުސްލިމުން މަރާލީ ކަރަޑިޗްގެ އަމުރަށެވެ.

ވަކި ނަސްލެއްގެ ބާރު ދަމަހައްޓަން މަސައްކަތް ކުރި މި ފިކުރީ މަޝްރޫޢު ދިރާސާކުރާއިރު، މީގެ 30 އަހަރު ކުރިން ބޮސްނިއާ މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާތަކާއި، މިއަދު ޣައްޒާއާއި ހިފާފައިވާ ހުޅަނގު އައްސޭރީގައި ޔަހޫދީން ހިންގަމުންދާ ބިންހިފައި ޔަހޫދީން އާބާދުވުމުގެ އަނިޔާތަކުގައި އެއްގޮތްކަންތައްތަކެއް ހުރިކަން ފާހަގަކުރެވެ އެވެ. އެހެންނަމަވެސް، ޒަޔަނިސްޒަމް އުފެދުނީއްސުރެ ބިން ފޭރިގަތުމުގެ އަނިޔާވެރިކަމަކީ އެމީހުންގެ ފިކުރުގައި ބިންވަޅު ނަގާފައިވާ ކަމެއް ކަމަށް ބުނެވިދާނެއެވެ. ބޮސްނިއާގައި ގަތުލުއާންމު ހިންގި ލީޑަރުންނާއި ޔަހޫދީންގެ ނަސްލީ ތަފާތުކުރުމުގެ ނިޒާމުތަކުގައި ވަރަށް ބޮޑު އެއްގޮތްކަންތައްތަކެއް ހުރެއެވެ.

ސާބިއާގެ ޖެނެރަލް ރަޓްކޯ މްލާޑިޗް ޖަލުގައި މަރުވިއިރު، އޭނާ ވަނީ ނަސްލު ނައްތާލުމުގެ ކުށާއި، އިންސާނިއްޔަތާ ޚިލާފު ކުށްތަކާއި އަދި ހަނގުރާމައިގެ ކުށްތަކުގައި ހޭގްގެ ޝަރީއަތުން ކުށްވެރިއެއް ކަމަށް ކަނޑައަޅާފައވެ.

ފަލަސްތީނުގައި ވެސް މިފަދަ ޖަރީމާތަކެއް ހިންގި ކަމަށް ތުހުމަތުކޮށް ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން ހޯދަން ބޭނުންވާ އަނެއް މީހާއަކީ ޔަހޫދީ ރެޖީމުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ، އެވެ. އޭނާ އަދިވެސް މިނިވަންކަމާއެކު އުޅެމުން ދެއެވެ. އެކަމަކު މި ދެ މީހުންގެ ދެމެދުގައިވާ އެއްގޮތްކަންތައްތަކެއް ވެސް އެބަހުއްޓެވެ.

ނަސްލު ނައްތާލުމުގެ ރޭވުން

  • މްލާޑިޗް ވަނީ ކްރޮއޭޝިއާ، ބޮސްނިއާ އަދި ކޮސޯވޯގައި ސާބުން އާބާދުވެފައިވާ ސަރަހައްދުތައް ހިމަނައިގެން ބޮޑު ސާބިއާގެ ޤައުމެއް އުފެއްދުމަށް ރާވާފައެވެ.
  • އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނެތަންޔާހޫ ވެސް ވަނީ ޒިއޮނިސްޓުންގެ ބޮޑު އިސްރާއީލުގެ ޚިޔާލާ އެއްގޮތަށް ބޮޑު އިސްރާއީލެއް އުފެއްދުމަށް މަސައްކަތްކޮށްފަ އެވެ. އެއީ، މިއަދުގެ އިސްރާއީލާއި، ހިފާފައިވާ ހުޅަނގު އައްސޭރިއާއި ޣައްޒާގެ ހުރިހާ ސަރަހައްދަކާއި، ލުބުނާނާއި އުރުދުނުގެ އިތުރުން ސީރިއާ، މިސްރު، އިރާގު، ކުވައިތު އަދި ސައުދީ އަރަބިއްޔާގެ ބައެއް ބައިތައް ހިމެނޭ ގޮތަށް އުފައްދާ ޔަހޫދީ ދައުލަތެކެވެ. ހައްދުފަހަނައަޅާފައިވާ ޒަޔަނިސްޓުން ދެކެނީ ޔަހޫދީންނަށް ވަޒަނެއް ބިނާކުރުމަކީ އެމީހުންގެ ދީނީ ހައްގެއް ކަމަށެވެ.

ދެ ހާލަތުގައިވެސް، ބިން ހިފުމަކީ ތާރީޚީ ގޮތުން ލިބެންޖެހޭ ހައްގެއް ކަމަށް މި ދެ ވެރިންވެސް ދެކެއެވެ.

މުސްލިމުންގެ މާޒީއަށް އޮތް ރުޅިވެރިކަމުގެ މައްޗަށް ބިނާކޮށް، މްލާޑިޗް ވަނީ މުސްލިމުން އިތުރުވުމަކީ މުސްލިމުންގެ ދީނީ ބިމެއް ޤާއިމުވުން ކަމަށް ބުނެ، މުސްލިމުންނާމެދު ސާބު ދަރިކޮޅިުގެ މީހުންގެ ހިތްތަކުގައި ބިރުވެރިކަމެއް އުފައްދާފަ އެވެ. ހަމައެފަދައިން، ފަލަސްތީނު މީހުންނަށް ނެތަންޔާހޫ ދެމުންދާ އަނިޔާތަކަށް ޔަހޫދީންގެ އެތެރެއިން ތާއީދު ހޯދާފައިވަނީ މުޅި ފަލަސްޔީނުގެ އާބާދީއަކީ ނައްތާލަންޖެހޭ ނުރައްކަލެއް ކަމަށް ދައްކައިގެންނެވެ.

ޔުގޯސްލާވް ހަނގުރާމަތަކުގެ ދުވަސްވަރު (1991-2001)، ބޮސްނިއާ އެންޑް ހެޒަރގޮވީނާގެ ބޮޑެތި ސަރަހައްދުތަކުން މުސްލިމުން ގެ އަންހެނުން ރޭޕްކުރުމާއި، އަނިޔާކުރުމާއި އަދި ބޭރުކުރުމުގެ ވާހަކަތައް އާންމުވިއެވެ. ހަމަ މިފަދަ ކަންތައްތަކެއް ފަލަސްތީނުގެ ބިންތަކުގައި ކޮންމެ ދުވަހަކުވެސް ހިނގަމުންދާއިރު، ފަލަސްޔީނު މީހުންނަށް އަމާޒުކޮށްގެން މީހުން މެރުމާއި، ބިންތައް ފޭރިގަތުމާއި އަދި މަޖުބޫރުން ގެދޮރުން ބޭރުކުރުމުގެ ކަންކަން ވަނީ އާންމުވެފަ އެވެ.

ބައިނަލްއަގުވާމީ ކޯޓުތަކުގެ ނިންމުންތަކާއި، ހަނގުރާމަ ހުއްޓާލުމަށާއި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އަންގާ އެންގުންތަކަށް އެއްވެސް ވަރަކަށް ޔަހޫދީން ބޯލަނބާފައެއް ނުވެ އެވެ. އދ. ގެ އެންގުންތަކާ ޚިލާފަށް، އިސްރާއީލުގެ ސިފައިން ވަނީ ފަލަސްތީނުގެ އާންމު ރައްޔިތުންނަށާއި ހޮސްޕިޓަލްތަކާއި، ސިއްހީ މަރުކަޒުތަކާއި އަދި ސްކޫލްތަކަށް ބޮން އަޅާފައެވެ.

2024 ވަނަ އަހަރުގެ ފެބްރުއަރީ މަހު، ކާބޯތަކެތީގެ އެހީއަށް އެދި ކިޔޫގައި ތިބި ފަލަސްތީނު މީހުންގެ ގަޔަށް ޔަހޫދީ ޖެނޮސައިޑް ސިފައިން ވަނީ ބަޑިޖަހާފައެވެ. މިއީ އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމަށް އިންޓަރނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައި.ސީ.ޖޭ) އިން ކުރި އަމުރާ ޚިލާފަށް ހިންގި މިފަދަ އެތައް ކަމެއްގެ ތެރެއިން އެއް ކަމެކެވެ.

ކުރީގެ ޔުގޯސްލާވިއާގެ ބައިނަލްއަގުވާމީ ޖިނާއީ ޓްރައިބިއުނަލް (އައި.ސީ.ޓީ.ވީ) ގައި 2014 ވަނަ އަހަރު އޭނާއާ ދެކޮޅަށް ކުރިއަށްދިޔަ އަޑުއެހުމެއްގައި، މްލާޑިޗް ވަނީ ކޯޓުގެ އިޚުތިސާސް ބަލައިގަތުމަށް އިންކާރުކޮށްފައެވެ. ސާބިއާ ބަލިކުރި ބާރުތަކުގެ ސިޔާސީ ވަސީލަތެއްގެ ގޮތުގައި އެ ކޯޓު ދެކޭތީ، އޭނާ ޝަރީއަތް ހިންގުމުގެ ޤާނޫނީ ހައިސިއްޔަތު އެ ކޯޓަށް ލިބިގެން ނުވާ ކަމަށް އޭނާ ބުންޏެވެ.

ނަތަންޔާހޫވެސް ކަންކުރީ ހަމަ އެފަދައިންނެވެ! ބައިނަލްއަގުވާމީ ކްރިމިނަލް ކޯޓުން (އައި.ސީ.ސީ) އިން އޭނާ ހައްޔަރުކުރުމަށް ނެރުނު އަމުރަށް ނެތަންޔާހޫ ފަރުވާލެއް ނުބަހައްޓައެވެ. އޭނާވެސް ބުނީ އެ ކޯޓަށް އެކަމަށް އިޚުތިސާސެއް ނެތް ކަމަށެވެ.

މިމީހުންގެ ފަހަތުގައިވާ ބާރުތައް

ހުޅަނގުގެ ގިނަ ބަޔަކު ނެތަންޔާހޫގެ އަމަލުތަކަކީ ނަސްލު ނައްތާލުމުގެ ނިޔަތުގައި ކުރާ ކަންތައްތަކެއް ކަމަށް ބަލައި ގަންނަން ދެކޮޅު ހަދައެވެ.

މިއަދު އިސްރާއީލުގެ އަމަލުތައް އެންމެ ވަރުގަދައަށް ދިފާއުކުރާ ފަރާތް ކަމަށްވާ ޖަރުމަނުވިލާތުން، 1997 ވަނަ އަހަރު ބޮސްނިއާގެ ސާބް ޕެރަމިލިޓަރީ ސިފައިންގެ މީހެއް ކަމަށްވާ ނިކޮލާ ޔަރްގިޗް ކުށްވެރިކުރިއިރު، ޖަރުމަނުން އޭނާއާ ދެކޮޅަށް ނަސްލު ނައްތާލުމުގެ ގާނޫނީ މާނަ އޭގެ އެންމެ ފުޅާ ދާއިރާގައި ބޭނުންކޮށްފައި ވުމަކީ ހައިރާންވާންޖެހޭ ކަމެކެވެ.

އަހަރުތައް ފާއިތުވަމުންދިޔަ ވަރަކަށް، ރަޓްކޯ މްލާޑިޗް މަޝްހޫރުވެގެންދިޔައީ "ބޮސްނިއާގެ ޖައްލާދު"ގެ ނަމުންނެވެ. ނަމަވެސް މި ލަގަބު މިއަދު ދިރާސާކުރާ ފަރާތްތަކާއި ތާރީޚީ މާހިރުން އަންނަނީ ދޮގުކުރަމުންނެވެ. އެއީ އޭގެ ސަބަބުން ކުށްވެރިވުން ވަކި ފަރުދަކަށް އެކަނި އަމާޒުވެ، އޭނާގެ ކުށްތަކަށް އެހީތެރިވެދިން އަސްކަރީ ނިޒާމުގެ ދައުރު ފޮހެލެވޭ ކަމަށް ބުނެއެވެ. ހަގީގަތުގައިވެސް، އެފަދަ ލީޑަރުންގެ ފަހަތުގައި އޮންނަ ބޮޑު އަސްކަރީ އިންފްރާސްޓްރަކްޗަރަކީ ފޮހެލަން ފަސޭހަ އެއްޗެއް ނޫނެވެ.

މްލާޑިޗަށް އެކަނި ހަނގުރާމައިގެ ހުރިހާ ޖަރީމާތަކެއް ނުހިންގޭނެއެވެ. އޭނާގެ ނިންމުންތަކަށް ތާއީދުކޮށް، އޭނާގެ އަމުރުތަކަށް ތަބާވި މީހުންގެ ލަޝްކަރެއް އޮތެވެ. އަދި މިއަދުވެސް ސާބިއާގެ އާބާދީގެ ބޮޑު ބަޔަކަށް، މްލާޑިޗަކީ އަދިވެސް ހަނގުރާމައިގެ ބަތަލެއްގެ ގޮތުގައި ބަލައިގަންނަ ބައެކެވެ.

ހަމައެފަދައިން، ޣައްޒާއާއި ހުޅަނގު އައްސޭރީގެ އާންމު ރައްޔިތުންނާއި އެމީހުންގެ މައިންބަފައިންނާއި ދަރިން ނައްތާލުމުގެ ނުބައި މަގުސަދު ހާސިލްކުރުމުގައި ނަތަންޔާހޫގެ ވަޒީރުންނާއި ކެބިނެޓާއި އިސްރާއީލް ސިފައިން ވަނީ މުހިއްމު ދައުރެއް އަދާކޮށްފައެވެ. ޤައުމީ ސަލާމަތާ ބެހޭ ވަޒީރު އިތަމާރް ބެން-ގްވީރް އަދި މާލީ ވަޒީރު ބެޒަލެލް ސްމޮޓްރިޗް ފަދަ ނުލަފާ މީހުން ވަނީ ބިންތައް ހިފުމަށާއި ފަލަސްތީނުގެ ދައުލަތް ނައްތާލުމަށް ފާޅުގައި ގޮވާލާފައެވެ.

މްލަޑިޗަށް އޭނާގެ ސިފައިންނާއި ހުޅަނގުން އެހީ ދިނެވެ. ނަތަންޔާހޫއަށް ވެސް އެ ގޮތަށް އެހީވެ ދެއެވެ. ނަތަންޔާހޫ ހައްޔަރުކުރުމަށް އަމުރުތައް ނެރުނު ނަމަވެސް، ވިލާތުގެ ޤައުމުތަކުގެ ބޮޑުވަޒީރުން އޭނާއަށް މަރުޙަބާ ކިޔައެވެ. އަދި ދުނިޔޭގެ އެންމެ ބޮޑު ބާރު، އެމެރިކާ ލޯބިވާ ލީޑަރުގެ ގޮތުގައި އޭނާ އަދިވެސް ދައްކައެވެ.

މްލާޑިޗް ހިންގި އަނިޔާތަކަކީ ނަސްލު ނައްތާލުން ކަމަށް ހުޅަނގުން ފަހުން ނިންމިއެވެ. ނަމަވެސް، ފަލަސްތީނު މީހުންނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ކުށްތަކަށް ހަމަ އެ ބަސް ބޭނުންކުރުމަށް ހުޅަނގުން ވަނީ މިހާރު ވަރަށް ބޮޑަށް ފަސްޖެހިފަ އެވެ.

ހިއްސާ ކުރައްވާ!