ޕާކިސްތާނުގެ ޚައިބަރު ޕަޚުތުންޚުވާ ސަރަހައްދުގެ ކޯހާތު ސިޓީގެ ޕޮލިސް ލައިންސްއަށް ދިން ބޮމުގެ ހަމަލާއަކާއި އޭގެ ފަހުން ހިންގި ވަރުގަދަ ބަޑީގެ ހަމަލާތަކެއްގައި ފުލުހުންގެ 15 އޮފިޝަލުންނާއި މަދަނީން 21 މީހުން މަރުވެ، 100 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ.
އޮފިޝަލުން މައުލޫމާތު ދެއްވި ގޮތުގައި މި ހަމަލާ ފެށިގެން ދިޔައީ ކޯހާތު ޕޮލިސް ލައިންސްގެ އެތެރޭގައި ހުންނަ މިސްކިތެއްގެ އިމާރާތުގެ ބޭރު ފާރު ކައިރިއަށް ގޮވާތަކެތި އަރުވައިގެން ދިޔަ އުޅަނދެއް ގޮއްވާލައިގެންނެވެ. ބާރުގަދަ ގޮވުމާއެކު މިސްކިތުގެ ބޮޑު ބަޔަކަށް ގެއްލުންތަކެއް ލިބިގެން ދިޔަ ފަހުން ހަނގުރާމަވެރިންގެ 7 މީހަކު ވަނީ އެ އިމާރާތުގެ ތެރެއަށް ވަދެގަނެ، ކައުންޓަރ ޓެރަރިޒަމް ޑިޕާޓްމަންޓް (ސީޓީޑީ) އަދި ސްޕެޝަލް ބްރާންޗުގެ އޮފީސްތަކަށް އަމާޒުކޮށް ހަމަލާތައް ދޭން ފަށާފައެވެ.

މި ހާދިސާގައި 100 އަށްވުރެ ގިނަ މީހުންނަށް އެކި ވަރުގެ އަނިޔާތައް ލިބިފައިވާއިރު، އޭގެ ތެރެއިން ތިން މީހެއްގެ ޙާލަތު ވަރަށް ނާޒުކެވެ. މަރުވި މީހުންގެ ތެރޭގައި ކޯހާތު ހޮސްޕިޓަލުގެ ކުޑަކުދިންގެ ބަލިތަކާ ބެހޭ ގޮތުގެ އިސް ޑޮކްޓަރު ޑރ. އިސްރާއީލް އޯރަކްޒައި ހިމެނިވަޑައިގަންނަވައެވެ.
ހަމަލާއަށްފަހު ސަލާމަތީ ބާރުތަކުން ހިންގި ޚާއްސަ އޮޕަރޭޝަނުގައި، 6 ހަނގުރާމަވެރިއަކު ވަނީ ސިފައިންނާއި ފުލުހުންގެ ހަމަލާތަކުގައި މަރާލާފައެވެ.
މި ހަމަލަ ދީފައި ވަނީ މަނާކޮށްފައިވާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) ގެ ހަނގުރާމަވެރިން ކަމަށް ފުލުހުން ބަލައެވެ. ނަމަވެސް މި ހަމަލާގެ ޒިންމާ ނަގާފައިވަނީ ހާފިޒް ގުލް ބަހާދުރުގެ ދަށުން ހަރަކާތްތެރިވާ އިއްތިހާދުލް މުޖާހިދީން ޖަމާއަތުންނެވެ.
ޕާކިސްތާންގެ ރައިސާއި ބޮޑު ވަޒީރު ވެސް ވަނީ ތައުޒިޔާ ވިދާޅުވެފައެވެ.
މި ހަމަލާއާ ގުޅިގެން އިނގިރޭސިވިލާތާއި، ރަޝިޔާ އަދި ޗައިނާގެ އެމްބަސީތަކުން ވަނީ ހަމަލާ ކުށްވެރިކޮށް، ނިޔާވި މީހުންގެ އާއިލާތަކަށް ތައުޒިޔާ ފޮނުވާފައެވެ. ރަޝިޔާގެ އެމްބަސީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ މިސްކިތުގައި ދިން މި ހަމަލާއިން އަންގައިދެނީ ޓެރަރިޒަމާ ދެކޮޅަށް މުޅި ދުނިޔެ ގުޅިގެން މަސައްކަތްކުރުމުގެ މުހިންމުކަން ކަމަށެވެ.


