އިންސާނީ ޙައްޤުތަކަށް މަސައްކަތްކުރާ ދެ ވަކީލުން ކަމަށްވާ އީމާން މޒާރީ-ހާޒިރާއި އަދި ހާދީ އަލީ ޗައްތާ ކަފާލާތުގެ ދަށުން ދޫކޮށްލައި، އެމީހުންގެ މައްޗަށް އިއްވާފައިވާ ޙުކުމް ތަންފީޛުކުރުން ފަސްކުރުމަށް ޕާކިސްތާނުގެ ސުޕްރީމް ކޯޓުން އަމުރުކުރިތާ ކުޑަވަގުތުކޮޅެއްގެ ތެރޭގައި އެދެމީހުން އަލުން ހައްޔަރުކުރުމާ ގުޅިގެން އެމްނެސްޓީ އިންޓަރނޭޝަނަލްއިން އެކަން ކުށްވެރިކޮށްފިއެވެ.
އެމްނެސްޓީ އިންޓަރނޭޝަނަލްއިން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، އެ ޖަމްޢިއްޔާގެ ދެކުނު އޭޝިއާއަށް ކަނޑައަޅާފައިވާ ޑެޕިއުޓީ ރީޖަނަލް ޑިރެކްޓަރު ބާބޫ ރާމ ޕަަންޓް ވިދާޅުވީ، ކޯޓު އަމުރާއެކުވެސް ދެ ވަކީލުން އަލުން ހައްޔަރުކުރުމުން އެނގިގެންދަނީ އެމީހުންގެ މައްޗަށް އުުފުލާފައިވާ ދައުވާތަކަކީ ސިޔާސީ ނިޔަތެއްގައި، އިންސާނީ ޙައްޤުތަކަށް ކުރާ މަސައްކަތްތަކަށް އަދަބުދިނުމުގެ ގޮތުން އުފުލާފައިވާ ދައުވާތަކެއް ކަމެވެ. އަދި މިއީ ޤާނޫނީ ނިޒާމު ނާޖާއިޒު ގޮތުގައި ބޭނުންކޮށްގެން ޚިޔާލުފާޅުކުރާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅުއެޅުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތެއްގެ ސާފު ހެއްކެއް ކަމަށްވެސް އޭނާ ފާހަގަކުރެއްވިއެވެ.
ސުޕްރީމް ކޯޓުން ސެޕްޓެމްބަރު 17 ވަނަ ދުވަހު މި ދެ ވަކީލުން ކަފާލާތުގެ ދަށުން ދޫކޮށްލަން ނިންމީ، އެމްނެސްޓީން ސިފަކުރި ގޮތުގައި، ޣައިރުޤާނޫނީ ގޮތެއްގައި ބަންދުގައި ބޭތިއްބި 8 މަސްދުވަހަށްފަހުއެވެ. އީމާން މަޒާރީ-ހާޒިރާއި ހާދީ އަލީ ޗައްތާ އެންމެ ފުރަތަމަ ހައްޔަރުކުރީ މިއަހަރުގެ ޖަނަވަރީ 23 ގައެވެ. އަދި ޖެހިގެން އައި ދުވަހު، ޕާކިސްތާނުގެ ސައިބަރ ކްރައިމް ނުވަތަ ޕްރިވެންޝަން އޮފް އިލެކްޓްރޯނިކް ކްރައިމްސް އެކްޓުގެ ދަށުން އެމީހުންގެ މައްޗަށް ވަނީ 10 އަހަރާއި 17 އަހަރާ ދެމެދުގެ ޖަލު ޙުކުމްތަކެއް އިއްވާފައެވެ.
މި ޙުކުމްތައް އިއްވާފައިވަނީ ސަރުކާރާއި ސިފައިންގެ ސިޔާސަތުތަކަށް ފާޑުކިޔައި މީސް މީޑިއާގައި ކުރި ޕޯސްޓުތަކަކާ ގުޅިގެންނެވެ. އެމީހުންގެ މައްޗަށް ކޮށްފައިވާ ތުހުމަތުތަކުގެ ތެރޭގައި ކުށްތަކަށް ހިތްވަރުދިނުމާއި، ސައިބަރ ޓެރަރިޒަމްގެ ކުށާއި، ދޮގު މައުލޫމާތު ފެތުރުން ހިމެނެއެވެ.
ސުޕްރީމް ކޯޓުން އެމީހުން ދޫކޮށްލުމަށް އަމުރުކުރި ނަމަވެސް، ސެޕްޓެމްބަރު 17 ވަނަ ދުވަހުގެ ރޭގަނޑު 9:30 އެހާކަންހާއިރު، ދޫކޮށްލުމުގެ ލިޔެކިއުންތައް ފުރިހަމަކުރަމުންދަނިކޮށް، ރާވަލްޕިންޑީގެ އަދިއާލާ ޖަލު ތެރެއިން ފުލުހުން ވަނީ އެދެމީހުން އަލުން ހައްޔަރުކޮށްފައެވެ. އެއަށްފަހު އެންޓި-ޓެރަރިޒަމް ކޯޓުގެ ގާޟީއެއްގެ ކުރިމައްޗަށް ހާޟިރުކުރުމުން، ގާޟީ ވަނީ އެމީހުން 14 ދުވަހަށް އަދިއާލާ ޖަލުގައި ބަންދުކުރުމަށް އަމުރުކޮށްފައެވެ.
އެމްނެސްޓީން ހާމަކުރި ގޮތުގައި، ދެ ވަކީލުންގެ މައްޗަށް އަލުން އުފުލާފައިވާ ދައުވާއަކީ 22 މާރިޗު 2025 ގައި ރަޖިސްޓްރީކޮށްފައިވާ މައްސަލައެކެވެ. މި މައްސަލައިގައި އެމީހުންގެ މައްޗަށް ތުހުމަތުކޮށްފައިވަނީ ސުލްހަވެރި އިހުތިޖާޖެއްގެ ތެރޭގައި ސަރުކާރާ ދެކޮޅު ނޭދެވޭ އަޑުއުފުލުމާއި މަގުތައް ބަންދުކުރުމެވެ. މީގެ ތެރޭގައި ޕާކިސްތާނުގެ ޖިނާއީ ޤާނޫނުގެ ދަށުން ޤާނޫނީ އަމުރަށް ނުކިޔަމަންތެރިވުމާއި، މަގު ބަންދުކުރުމާއި، ބިރުދެއްކުމާއި، ދައުލަތުގެ މުވައްޒަފުންގެ މަސައްކަތަށް ހުރަސްއެޅުމުގެ ދައުވާގެ އިތުރުން ޓެރަރިޒަމް މަނާކުރާ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ކޮށްފައިވާ ދައުވާތައް ހިމެނެއެވެ.
ޕާކިސްތާނުގެ މަސްރަހު މިގޮތަށް އޮތްއިރު، އެމްނެސްޓީގެ އޮފިޝަލް ބާބޫ ރާމް ޕަންޓް ވަނީ، އީމާން އާއި ހާދީއާ ދެކޮޅަށް ޤާނޫނީ ނިޒާމު ނާޖާއިޒު ގޮތުގައި ބޭނުންކުރުން ހުއްޓާލުމަށް ޕާކިސްތާނުގެ ކަމާބެހޭ ފަރާތްތަކަށް ގޮވާލައްވާފައެވެ. އަދި އެއްވެސް ޝަރުތަކާ ނުލައި އެމީހުން ވިހާވެސް އަވަހަކަށް މިނިވަންކޮށް، އިތުރު ދައުވާތައް އުފުލައިގެން ބަންދު ދަންމަން ކުރާ މަސައްކަތްތައް ހުއްޓާލުމަށްވެސް އޭނާ ގޮވާލެއްވިއެވެ.





