އިންޑިއާގައި ސްޓާލިންކަށް ހުރަސް އަޅާކަމަށް މަސްކު ބުނޭ

އިންޑިއާގެ ގާނޫނުތަކާއި ގަވާއިދުތަކަށް ފުރިހަމައަށް އަމަލުކުރަމުންދާތާ ފަސް އަހަރު ވެފައިވާއިރުވެސް، ސެޓެލައިޓް އިންޓަނެޓް ހިދުމަތް ދޭ "ސްޓާލިންކް" އަށް އެ ގައުމުގައި ޚީދުމަތް ދިނުމުގެ ލައިސަންސް ނުލިބި ލަސްވާ މައްސަލައަކީ އިންތިހާއަށް "ކަންބޮޑުވާންޖެހޭ" ކަމެއް ކަމަށް ސްޕޭސްއެކްސްގެ ސީއީއޯ އިލޯން މަސްކް ވިދާޅުވެއްޖެ އެވެ.

މަސްކް މިހެން ވިދާޅުވީ، އިންޑިއާގެ ގާނޫނުހަދާ މަޖިލީހުގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ މީސް މީޑިއާ ޕްލެޓްފޯމް އެކްސްގައި ކުރެއްވި ޕޯސްޓަކަށް ރައްދު ދެއްވަމުންނެވެ. އިންޑިއާގެ ބޮޑެތި ވިޔަފާރިވެރިންގެ ނުފޫޒުން ސްޓާލިންކަށް ހުރަސްއަޅަމުންދާ ކަމަށް މަސްކް ކުރެއްވި ތުހުމަތުތަކާ ގުޅިގެން ރާހުލް ގާންދީ ވަނީ "އިންޑިއާއަށް މަރުހަބާ، އިލޯން! އަނެއް މީހާ ހޯދައިގަނެވެންދެން މަޑުކޮށްލާ" ކަމަށް ބުނެ ޕޯސްޓެއް ކުރައްވާފައެވެ. އެއަށް ރައްދު ދެއްވަމުން މަސްކް ވިދާޅުވީ "ޝުކުރިއްޔާ ރާހުލް. މިއީ ހަގީގަތުގައިވެސް ކަންބޮޑުވާންޖެހޭ ކަމެއް" ކަމަށެވެ.

ދުނިޔޭގެ 165 އަށްވުރެ ގިނަ ގައުމުގައި ލައިސަންސް ލިބިގެން ހިދުމަތް ދެމުންދާ ސްޓާލިންކަށް އިންޑިއާއިން ލައިސަންސް ނުލިބިގެން އުޅެނީ ވަކި ބައެއްގެ މޮނޯޕޮލީ ނުވަތަ އެކަކަށް ބާރުތައް ކޮންޓްރޯލް ކުރެވިފައި އޮތް އޮތުން ދެމެހެއްޓުމުގެ ގޮތުން ކަމަށް މަސްކް ވަނީ ތުހުމަތުކުރައްވާފައެވެ. މަސްކް ސުވާލު ކުރެއްވި ގޮތުގައި އިންޑިއާގެ ހަގީގީ ވެރިއަކީ ރިލަޔަންސްގެ ވެރިޔާ މުކޭޝް އަމްބާނީ ނުވަތަ އަދާނީ ތޯއެވެ. އަދި ވަކި މަހުޖަނުންތަކެއް ވެގެން އިންޑިއާގެ ރައްޔިތުންނަށް ލިބެންޖެހޭ ހިދުމަތްތަކަށް ހުރަސްއެޅުމަކީ އިންޑިއާގެ ރައްޔިތުންނަށް ދެވޭ އަނިޔާއެއް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، އިންޑިއާގެ މިނިސްޓްރީ އޮފް ކޮމިއުނިކޭޝަންސްއިން ވަނީ މަސްކްގެ މި ތުހުމަތުތައް މުޅިން ދޮގުކޮށްފައެވެ. އެ މިނިސްޓްރީން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އިންޑިއާގެ ޓެލެކޮމިއުނިކޭޝަންސް ގަވާއިދުތަކާއި ސެޓެލައިޓް ކޮމިއުނިކޭޝަންގެ އުސޫލުތަކަކީ އެންމެންނަށް ހަމަހަމަ، އިންސާފުވެރި އުސޫލުތަކެއް ކަމަށެވެ. އަދި ސެޓެލައިޓް މެދުވެރިކޮށް ހިދުމަތް ދޭން އެދޭ ތިން ކުންފުންޏަކަށް މިހާރުވެސް އިޖުރާއަތްތައް ފުރިހަމަކުރުމުގެ ފުރުސަތު ދީފައިވާނެ ކަމަށެވެ.

އިންޑިއާ ސަރުކާރުން ފާހަގަކުރި ގޮތުގައި، ހިދުމަތް ދިނުމުގެ ކުރިން ބަލަންޖެހޭ ސެކިއުރިޓީ އެސެސްމަންޓްތައް ހެދުމުގެ މަސައްކަތް އެ ތިން ކުންފުންޏަށްވެސް އެއް ހަމައެއްގައި މިހާރު ދަނީ ކުރިއަށެވެ. އެ ސެކިއުރިޓީ މަރުހަލާ ނިމުމުން، ސްޕެކްޓްރަމް ދޫކުރުމުގެ މަރުހަލާއަށް ދެވޭނެ ކަމަށާއި، ވަކި ކުންފުންޏަކަށް އިސްކަންދީ ނުވަތަ ތަފާތުކުރުމެއް ގެންގުޅޭ ކަމަށް ބުނާ ބުނުމަކީ އެއްވެސް އަސާސެއް ނެތް ވާހަކަތަކެއް ކަމަށް ސަރުކާރުން ބުންޏެވެ.

މި މަހުގެ 7 ވަނަ ދުވަހު ނިއުދިއްލީ ގައި ބޭއްވި "އިންޑިއާ މޮބައިލް ކޮންގްރެސް 2026″ ގައި ވާހަކަދައްކަވަމުން ސްޓާލިންކްގެ ވައިސް ޕްރެޒިޑެންޓް އޮފް ބިޒްނަސް އޮޕަރޭޝަންސް ލޯރެން ޑްރޭޔާ ވިދާޅުވީ، އިންޑިއާގެ ގާނޫނުތަކާ އެއްގޮތަށް ސެކިއުރިޓީ ކޮންޓްރޯލްތައް ގާއިމުކޮށް، އިންޑިއާގެ ރައްޔިތުންގެ މައުލޫމާތުތައް (ޑޭޓާ) އިންޑިއާގެ އެތެރޭގައި ރައްކާކުރެވޭނެ ނިޒާމު ހަމަޖައްސާފައިވާ ކަމަށެވެ. އަދި އިންޑިއާގެ 20 ސަރަހައްދެއްގައި ގްރައުންޑް އިންފްރާސްޓްރަކްޗާ އަދި އެންޓެނާތައް ހަރުކޮށް، ހިދުމަތް ދިނުމަށް ފުރިހަމައަށް ތައްޔާރުވެފައިވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނަމަވެސް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކުން ބުނަނީ ލައިސަންސް ދޫކުރެވޭނީ ސެކިއުރިޓީ އެސެސްމަންޓްތައް މުޅިން ނިމި، ސްޕެކްޓްރަމް ކަނޑައެޅުމުގެ ގަވާއިދުތަކުގެ ތެރެއިން ކަމަށެވެ.

ހިއްސާ ކުރައްވާ!