ސައޫދީ އަރަބިއްޔާގެ ވެރިރަށް ރިޔާޟުގެ ކިންގް ޚާލިދު އިންޓަނޭޝަނަލް އެއާޕޯޓަށް ހޮނިހިރު ދުވަހު ދިން ނުރައްކާތެރި މިސައިލް ހަމަލާއެއްގައި މަދުވެގެން 12 މީހުން މަރުވެ، 300 އަށްވުރެ ގިނަ މީހުން ޒަޚަމްވެއްޖެއެވެ. މިއީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ސައޫދީ އަރަބިއްޔާގައި ދިން އެންމެ ނުރައްކާތެރި އަދި އެންމެ ގިނަ މީހުން މަރުވި ހަމަލާއެވެ.
ސައޫދީ ސިވިލް އޭވިއޭޝަން އޮތޯރިޓީން ކަށަވަރުކޮށްދީފައިވާ ގޮތުގައި، ހަމަލާގައި މަރުވި މީހުންގެ ތެރޭގައި ސައޫދީ އަރަބިއްޔާގެ ހަތަރު މީހުންނާއި، ބަންގްލަދޭޝްގެ ދެ މީހުންގެ އިތުރުން އެމެރިކާ، އުރުދުން، ފަލަސްތީނު، ސޫރިޔާ، ސޫދާން އަދި މިސްރަށް ނިސްބަތްވާ ކޮންމެ ގައުމަކުން މީހަކު ހިމެނެއެވެ. ސިއްހީ އޮފިޝަލުން ހާމަކުރި އެންމެ ފަހުގެ ތަފާސްހިސާބުތަކަށް ބަލާއިރު، މި ހަމަލާގައި 309 މީހަކަށް ވަނީ އެކިވަރުގެ ޒަޚަމްތައް ލިބިފައެވެ.
ޔަމަންގެ ހޫޘީން ދިން ކަމަށް ތުހުމަތުކުރެވޭ މި ހަމަލާއާ ގުޅިގެން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޫޘީންނާ ދެކޮޅަށް ސައޫދީ އިސްވެ ހިންގާ އަސްކަރީ އޮޕަރޭޝަންތަކުގައި އެމެރިކާގެ ސިފައިން އަމަލީ ގޮތުން ބައިވެރިވުމާމެދު ވިސްނަވަމުންދާ ކަމަށް ވިދާޅުވެފައެވެ. މިއީ ފެބްރުއަރީ މަހު އެމެރިކާއާއި އިސްރާއީލުން އިރާނާ ދެކޮޅަށް ފެށި ހަނގުރާމައިގެ ނުބައި އަސަރު މުޅި ސަރަހައްދަށް ފެތުރެމުންދާ ކަމުގެ ސާފު ހެެއްކެކެވެ.
އެއްވެސް އިންޒާރަކާ ނުލައި މެންދުރުފަހު 3:00 ހާއިރު ދިން މި ހަމަލާއާއެކު، ރިޔާޟުގެ ހޮސްޕިޓަލްތަކަށް ވަނީ އިމަޖެންސީ ހާލަތެއް އައިސްފައެވެ. އެމްބިއުލަންސްތަކާއި ހެލިކޮޕްޓަރުތަކުގައި ޒަޚަމްވި މީހުން އުފުލަމުންދާއިރު، ސިއްހީ ވުޒާރާއިން ވަނީ ކަންކަން ބެލެހެއްޓުމަށްޓަކައި ޑޮކްޓަރުން ކުއްލި ޚިދުމަތަށް ނެރެފައެވެ.
ހަމަލާގެ ސަބަބުން އެއާޕޯޓުގެ އޮޕަރޭޝަންތައް ވަގުތީ ގޮތުން މެދުކަނޑާލާފައިވާއިރު، 155 އެރައިވަލް ފްލައިޓާއި 161 ޑިޕާޗާ ފްލައިޓް ކެންސަލްކޮށް، 222 ފްލައިޓް ވަނީ ޑިލޭވެފައެވެ. އަދި އެއާޕޯޓަށް އަންނަން ހުރި ފްލައިޓްތައް ވަނީ ޖިއްދާ ފަދަ އެހެން ސިޓީތަކަށް މިސްރާބު ބަދަލުކޮށްފައެވެ.
ސައޫދީ އިސްވެއޮންނަ އަސްކަރީ ކޯލިޝަންގެ ތަރުޖަމާނު މޭޖަރ ޖެނެރަލް ތުރުކީ އަލްމާލިކީ ވިދާޅުވީ، އާންމު އެއާޕޯޓަކަށް އަމާޒުކޮށް ދެވުނު މި ހަމަލާއަކީ ފުރިހަމަ "ހަނގުރާމައިގެ ކުށެއް" ކަމަށެވެ.
ޔަމަންގެ އަސްކަރީ މަސްރަހު އިތުރަށް ހޫނުވެފައިވަނީ އދ. މެދުވެރިވެގެން ގާއިމުކުރެވުނު ސުލްހައިގެ އެއްބަސްވުން ޖޫން މަހު ރޫޅިގެން ދިއުމާ ގުޅިގެންނެވެ. ހޫޘީން ދަނީ ސައޫދީގެ އެއާޕޯޓްތަކަށާއި ތެޔޮ ސާފުކުރާ ކާރުޚާނާތަކަށް ތަކުރާރުކޮށް ހަމަލާތައް ދެމުންނެވެ. މި ހާދިސާއާ ގުޅިގެން އެމެރިކާ، ކެނެޑާ، ޖަރުމަނު އަދި ސްޕޭން ފަދަ ގައުމުތަކުގެ އެމްބަސީތަކުން ވަނީ އެ ގައުމުތަކުގެ ރައްޔިތުން އެއާޕޯޓް ސަރަހައްދަށް ނުދިއުމަށް އިންޒާރުކޮށް، ސަފީރުންނާއި އޮފިޝަލުން އެއާޕޯޓަށް ކުރާ ދަތުރުތައް މަނާކޮށްފައެވެ.
އަނެއްކޮޅުން، ޔަމަންގެ އެތެރޭގައި ސައޫދީގެ ތާއީދުލިބޭ ސަރުކާރުގެ ސިފައިން ދަނީ ބާބުލް މަންދަބު ކަނޑުއޮޅި ސަރަހައްދުގައި ހޫޘީންނާ ދެކޮޅަށް ވަރުގަދަ އަސްކަރީ ކުރިއެރުންތަކެއް ހޯދަމުންނެވެ. ރެޑް ސީ ގެ ތެލާއި މުދާ އުފުލާ މުހިންމު މަގު ކަމަށްވާ ބާބުލް މަންދަބު ސަރަހައްދު އަނބުރާ ހޯދުމަށް ޔަމަން ސިފައިން ވަނީ ހަމަލަ ދޭން ފަށާފައެވެ.






