އިސްލާމާބާދުގައި އޮޅުވާލައިގެން ފައިސާ ހޯދި މައްސަލައެއްގައި ދަރިވަރަކު އަމިއްލައަށް މަރުވި މައްސަލަ ބޮޑުވަޒީރުގެ ސަމާލުކަމަށް

އިސްލާމާބާދުގައި ތައުލީމު ހާސިލުކުރަމުންދިޔަ އަންހެން ދަރިވަރެއްގެ އަތުން މަކަރާއި ހީލަތުން ގިނަ އަދަދެއްގެ ފައިސާ އަތުލުމުގެ ސަބަބުން އެ ކުއްޖާ އަމިއްލައަށް މަރުވި މައްސަލައެއް ސަރުކާރުގެ އެންމެ މަތީ ފަންތީގެ ސަމާލުކަމަށް އައިސް، މައްސަލައިގައި ތުހުމަތުކުރެވޭ މީހާ ވަގުތުން ހައްޔަރުކުރުމަށް ބޮޑުވަޒީރު ޝެހެބާޒް ޝަރީފް އަންގަވައިފިއެވެ.

އިންޓަނޭޝަނަލް އިސްލާމިކް ޔުނިވަސިޓީ އިސްލާމާބާދު (އައިއައިޔޫއައި) އިން ބެޗްލާސް ޑިގްރީ ހާސިލުކޮށްފައިވާ ލައިބާ އައިޖާޒް، ހުކުރު ދުވަހު އަމިއްލައަށް މަރުވި ހާދިސާއާ ގުޅިގެން ބޮޑުވަޒީރު ޝެހެބާޒް ޝަރީފް ވަނީ އިސްލާމާބާދު ފުލުހުންގެ އިންސްޕެކްޓަރ ޖެނެރަލް އާއި ޗީފް ކޮމިޝަނަރު އޮފީހަށް ގެންނަވައި މަޝްވަރާ ކުރައްވާފައެވެ. އެ ބައްދަލުވުމުގައި އައިޖީ ވަނީ މައްސަލައިގެ ތަފްސީލީ ރިޕޯޓެއް ބޮޑުވަޒީރު ހުށަހަޅުއްވާފައެވެ.

ފުލުހުންނާއި ފެޑެރަލް އިންވެސްޓިގޭޝަން އެޖެންސީ (އެފްއައިއޭ) އިން މައުލޫމާތު ދޭ ގޮތުގައި، ލައިބާގެ ބައްޕަ މުހައްމަދު އައިޖާޒް ހުށަހެޅި ޝަކުވާއަކާ ގުޅިގެން ޕާކިސްތާނުގެ ޖިނާއީ ގާނޫނުގެ 322 ވަނަ މާއްދާއާއި 34 ވަނަ މާއްދާގެ ދަށުން ވަނީ މައްސަލައެއް ރަޖިސްޓްރީކޮށްފައެވެ. ތުހުމަތުކުރެވޭ އޭޖެންޓު ވަނީ ލައިބާގެ ބޭބެއަށް ވަޒީފާއެއް ހޯދައިދިނުމުގެ ނަމުގައި 550,000 ޕާކިސްތާނު ރުޕީސް އަދި އެމެރިކާގެ ހާވާޑް ޔުނިވަސިޓީން ލައިބާއަށް ޖާގަ ހޯދައިދޭނެ ކަމަށް ބުނެ 7.2 މިލިއަން ރުޕީސް އަތުލާފައެވެ.

އެފްއައިއޭގެ އިސްލާމާބާދު ޒޯންގެ ޑިރެކްޓަރު ވަނީ ލައިބާގެ އާއިލާއާ ބައްދަލުކުރައްވައި ތަހުގީގަށް ބޭނުންވާ މައުލޫމާތު އެއްކުރައްވާފައެވެ. ތަހުގީގުން އެނގިފައިވާ ގޮތުގައި، ތުހުމަތުކުރެވޭ މީހާއަކީ ރަޖިސްޓްރީކޮށްފައިވާ ވިސާ އޭޖެންޓެއް ނޫނެވެ. އޭނާ ވަނީ ޕާކިސްތާނުގެ ސުޕްރީމް ކޯޓުގެ އެކައުންޓެންޓެއް ކަމަށް ހެދިގެން އޮޅުވާލައިގެން އާއިލާގެ އިތުބާރު ހޯދާފައެވެ. ލައިބާގެ އާއިލާއިން މި ފައިސާ ހަމަޖެއްސީ ބިމަކާއި ރަން ގަހަނާތަކެއް ވިއްކާލައިގެންނެވެ.

ލައިބާ ގެއްލިގެން އާއިލާއިން ފުލުހުންނަށް ރިޕޯޓުކުރުމާ ގުޅިގެން، ފޯނު ކޯލް ރެކޯޑްތަކާއި ލޮކޭޝަން "ޑޭޓާ" ތަހުލީލުކޮށްގެން ހިންގި އޮޕަރޭޝަނެއްގައި، އޭނާގެ ހަށިގަނޑު ފެނިފައިވަނީ އިސްލާމްއާބާދުގެ  ޖީ-10 ސަރަހައްދުގެ ގްރީން ބެލްޓް ތެރޭގައި ހުރި ގަހެއްގައި ގޮފިގަނޑެއްގައި އެލިފައިވަނިކޮށެވެ. އޭނާގެ ހަށިގަނޑު ޕާކިސްތާނު އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސަސް (ޕިމްސް) އަށް ގެންގޮސް ޕޯސްޓްމޯޓަމް ހެދުމަށްފަހު، ސާންޕަލްތައް ވަނީ ފޮރެންސިކް ތަހުލީލަށް ފޮނުވާފައެވެ.

މި މައްސަލައިގައި ހިމެނޭ ތުހުމަތުކުރެވޭ މީހާއާއި އޭނާއަށް އެހީތެރިވި އަންހެން މީހާ ހައްޔަރުކުރުމަށްޓަކައި ފުލުހުންގެ ޚާއްސަ ޓީމެއް ވަނީ އެކުލަވާލާފައެވެ. އަދި ތުހުމަތުކުރެވޭ މީހާ ގައުމުން ފުރައިގެން ދިޔުން ހުއްޓުވުމަށްޓަކައި އޭނާގެ ނަން ވަނީ ކަޅު ލިސްޓުގައި ހިމަނާފައެވެ.

ހިއްސާ ކުރައްވާ!