ޕެންސިލްވޭނިއާގައި ބަޑިން ހަމަލާދީ ކުޑަކުދިން ހިމެނޭހެން އަށް މީހުން މަރާލައިފި

އެމެރިކާގެ ޕެންސިލްވޭނިއާ ސްޓޭޓްގެ ގެއެއްގައި މީހަކު ބަޑިން ހަމަލާދީ، ދެ ކުޑަކުދިން ހިމެނޭހެން އަށް މީހުން މަރާލުމަށްފަހު އަމިއްލައަށް މަރުވެއްޖެއެވެ.

އެމެރިކާގެ މީޑިއާ ރިޕޯޓުކޮށްފައިވާ ގޮތުގައި، ޕެންސިލްވޭނިއާގެ އީރީ ސިޓީގެ ފުލުހުންނަށް ބަޑީގެ ހަމަލާތަކެއް ދޭ ކަމުގެ ރިޕޯޓު ލިބިގެން އެ ސަރަހައްދަށް ދިޔައިރު، މަގުމައްޗަށް ވެއްޓި މަރުވެފައި ތިބި ދެ އަންހެނުން ވަނީ ފެނިފައެވެ. ހަމަލާދިން މީހާ ވަނީ އެ ސަރަހައްދުގައި ހުރި ގެއަކަށް ވަދެ، އެތެރެއިން ތަންޑުއަޅައިގެން ބަންދުވެފައެވެ. ފުލުހުން އެ އިމާރާތް ވަށާލައި، ބޭރަށް ނުކުތުމަށް އަންގަމުންދިޔަ ވަގުތުވެސް ގޭގެ ތެރެއިން އިތުރު ބަޑީގެ އަޑުތައް އިވިފައިވާ ކަމަށް އީރީ ނިއުސް ނައު އިން ރިޕޯޓުކުރެއެވެ.

ފުލުހުން އެ އިމާރާތުގެ ތެރެއަށް ވަންއިރު، ގޭގެ އެކި ތަންތަނުން އިތުރު މީހުންގެ ހަށިގަނޑު ވަނީ ފެނިފައެވެ. އޭގެ ތެރޭގައި ދެ ކުޑަކުދިން ހިމެނޭކަން ފުލުހުން ވަނީ ކަށަވަރުކޮށްދީފައެވެ. އަދި ހަމަލާދިން މީހާ މަރުވެފައިވަނީ އަމިއްލައަށް ބަޑިޖަހައިގެން ކަމަށް ފުލުހުން ބުނެއެވެ.

އެމެރިކާގައި އާންމުންގެ ގިނަ އަދަދެއްގެ މީހުން މެރުމަށް ބަޑިން ދޭ ހަމަލާތައް ދިނުމަކީ އާންމުކޮށް ހިނގާ ކަމެކެވެ. އެ ގައުމުގެ އާބާދީއަށްވުރެ ގިނައިން އާންމުންގެ އަތްމަތީގައި ހަތިޔާރު ހުރިއިރު، ހަތިޔާރު ގެންގުޅުން ކޮންޓްރޯލްކުރުމަށް ކުރެވޭ މަސައްކަތްތަކަށް ސިޔާސީ އަދި ގާނޫނީ ގޮތުން ބޮޑެތި ހުރަސްތަކެއް ދިމާވަމުންދެއެވެ.

ހިއްސާ ކުރައްވާ!