ޣައްޒާގެ މައްސަލައިގައި ގެންގުޅޭ ދެފުށް ދެގޮތް ސިޔާސަތުގެ ސަބަބުން ޖަރުމަނަށް ބަދުނާމީތަކެއް

އިސްރާއީލުން ޣައްޒާއާއި ހުޅަނގު އައްސޭރީގައި ހިންގަމުންދާ ޖެނޮސައިޑް އުދުވާންތަކަށް ބާލިންއިން ދެމުންދާ އެއްބާރުލުމާއި ހިމޭންކަމުގެ ސަބަބުން، ބައިނަލްއަގުވާމީ މައިދާނުގައި އިންސާނީ ހައްގުތަކުގެ ދިފާއުގައި ތިބި ކަމަށް ބުނެ ޖަރުމަނުން ދައްކާ ވާހަކަތަކުގެ އިތުބާރު ގެއްލި، އެ ގައުމުގެ ޑިޕްލޮމެޓިކް ނުފޫޒު ވަރަށް ބޮޑަށް ކުޑަވަމުންދާ ކަމަށް ޚާރިޖީ ސިޔާސަތުތަކާ ބެހޭ މާހިރުންނާއި ކުރީގެ ސަފީރުން އިންޒާރު ދެއްވައިފިއެވެ.

ޖަރުމަނުން އިސްރާއީލުގެ ބެންޖަމިން ނަތަންޔާހޫގެ އަނިޔާވެރި ސަރުކާރަށް ފުޅާދާއިރާއެއްގައި ވާގިވެރިވަމުންދާތީ، ބައިނަލްއަގުވާމީ ގާނޫނުތަކަށް އެ ގައުމުން އިހުތިރާމްކުރާ މިންވަރާމެދު އދ އާއި ޔޫރަޕިއަން ޔޫނިއަން (އީޔޫ) ގެ އިތުރުން ދުނިޔޭގެ އެހެން ގައުމުތަކުގެ މެދުގައި ވަނީ ސުވާލުތަކެއް އުފެދިފައެވެ.

ޖަރުމަނުން އދގެ ސެކިއުރިޓީ ކައުންސިލުގެ ގޮނޑިއަކަށް ވާދަކޮށް ނާކާމިޔާބުވީ މި ސިޔާސަތުގެ ސަބަބުން ކަމަށް ކުރީގެ ސަފީރު މާޓިން ކޯބްލާ ވިދާޅުވިއެވެ. މިދިޔަ ޖޫން މަހު ބޭއްވި އިންތިޚާބުގައި ޖަރުމަނަށް ސެކިއުރިޓީ ކައުންސިލުގެ ގޮނޑި ގެއްލުމަކީ އެ ގައުމުގެ ޚާރިޖީ ތާރީޚުގައި ހިންގި ބޮޑު ކާރިސާއެއްގެ ގޮތުގައި އޭނާ ސިފަކުރެއްވިއެވެ.

"މިއީ ދެފުށްކެހެރި ސިޔާސަތެއް ގެ ސަބަބު. ޚާއްސަކޮށް ޔުކްރޭން މައްސަލައިގައި ޖަރުމަނުން ވަކާލާތުކުރާ ގޮތާއި، ޣައްޒާގެ ހަމަލާތަކާ މެދު އަޅާނުލާ އޮތް އޮތުމާ އަޅާކިޔާއިރު މިހެން ފެނޭ،" ކޯބްލާ ވިދާޅުވިއެވެ. ރަޝިޔާއިން ޔުކްރޭނަށް ދޭ ހަމަލާތަކުގައި ޕޫޓިންގެ ސަރުކާރު ޖަވާބުދާރީ ކުރުވަން ގޮވާލާއިރު، ޣައްޒާގައި އިސްރާއީލުން ހިންގާ ގަތުލުއާމާ މެދު ބާލިންއިން އަމަލުކުރަނީ މުޅިން ޚިލާފަށް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

ކުރީގެ ސަފީރު އިތުރަށް ވިދާޅުވި ގޮތުގައި، މާޒީގައި ސޫރިޔާ އާއި މިޔަންމާ އަދި ޔުކްރޭން މައްސަލައިގައި ބައިނަލްއަގުވާމީ ކޯޓުތަކުގައި އިންސާނީ ހައްގުތަކުގެ ދިފާއުގައި ޖަރުމަނުން ވަކާލާތުކުރީ ގަތުލުއާމުގެ މާނަ ފުޅާކޮށްގެންނެވެ. ނަމަވެސް، ދެކުނު އެފްރިކާއިން އިސްރާއީލާ ދެކޮޅަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް މައްސަލަ ހުށަހެޅުމާއެކު، ޖަރުމަނުން ވަނީ އެ ޚިޔާލު ބަދަލުކޮށް އިސްރާއީލު ހިމާޔަތްކުރަން ފަށާފައެވެ.

ޖަރުމަނުގެ ޗާންސެލަރު ފްރީޑްރިކް މާޒް ވަނީ އިސްރާއީލަށް ހަތިޔާރު ވިއްކުން މަނާކުރުމަށާއި، އީޔޫއިން އިސްރާއީލަށް ދީފައިވާ ވިޔަފާރީގެ އިނާޔަތްތައް ސަސްޕެންޑް ކުރުމަށް ގޮވާލާ ގޮވާލުންތަކަށް ދެކޮޅު ހައްދަވާފައެވެ. އަދި އިންޓަނޭޝަނަލް ކްރިމިނަލް ކޯޓު (އައިސީސީ) އިން ނަތަންޔާހޫ ހައްޔަރުކުރުމަށް ނެރުނު އަމުރަށް ފާޑުވިދާޅުވެ، ނަތަންޔާހޫ ބާލިންއަށް ޒިޔާރަތް ކުރައްވައިފިނަމަ މަރުހަބާ ދަންނަވާނެ ކަމަށް މާޒް ވަނީ ވިދާޅުވެފައެވެ.

އީޔޫގެ ޚާރިޖީ ސިޔާސަތާ ބެހޭ ކުރީގެ މުޝީރު ފިލިޕް ހޯލްޒަޕްފެލް ވިދާޅުވި ގޮތުގައި، އީޔޫއިން އިސްރާއީލަށް ފިޔަވަޅު އެޅުމަށް ކުރާ މަސައްކަތްތަކަށް ހުރަސްއަޅާ އެންމެ ބޮޑު ގައުމަކީ ޖަރުމަނެވެ.

ޖަރުމަނުގެ އިކޮނޮމިކް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިއަހަރުގެ ފުރަތަމަ ހަ މަސްދުވަހު އެކަނިވެސް 799 މިލިއަން މާކްގެ ހަތިޔާރު އިސްރާއީލަށް ވިއްކުމަށް ޖަރުމަނުން ވަނީ ހުއްދަދީފައެވެ. މިއީ ފާއިތުވި އަހަރަށްވުރެ 4 ގުނަ އިތުރު އަދަދެކެވެ.

އިންސާނީ ހައްގުތަކާ ބެހޭ އދގެ ކައުންސިލުގެ ގޮނޑިއަކަށް ޖަރުމަނުން ވާދަކުރާއިރު، ޣައްޒާގެ މައްސަލައިގައި އެ ގައުމުން ގެންގުޅޭ ސިޔާސަތުގެ އަސަރު މި އިންތިޚާބުންވެސް ފެނިގެންދާނެ ކަމަށް މާހިރުން ލަފާކުރެއެވެ. ޖަރުމަނުން އިސްރާއީލުގެ ޖެނޮސައިޑް އުދުވާންތަކަށް ފާޅުގައި ވާގިވެރިވަމުންދާ ނަމަ، އިސްލާމީ ގައުމުތަކާއި ދުނިޔޭގެ ދެކުނު ބިތުގެ ގައުމުތަކުގެ މެދުގައި އެ ގައުމަށް އޮތް އިހުތިރާމާއި ޑިޕްލޮމެޓިކް ގުޅުންތައް އިތުރަށް ހީނަރުވެގެންދާނެ ކަމަށް މާހިރުން އިންޒާރު ކުރައްވައެވެ.

ހިއްސާ ކުރައްވާ!