ސަންޢާއަށް ސައުދީ އިއްތިޙާދުން ހަމަލާދީފި: ޔަމަނުގެ ހޫޘީން ރިޔާޒުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރަށް އިންޒާރުދީފި

ޔަމަނުގެ ވެރިރަށް ސަންޢާގައި ތެލުގެ މަރުކަޒަކަށް ސައުދީ އަރަބިއްޔާގެ އަސްކަރީ އިއްތިޙާދުން ހަމަލާތަކެއް ދީފިއެވެ. މި ހަމަލާތައް ދީފައިވަނީ އެ ސަރަހައްދު ދޫކޮށް ދިޔުމަށް އާންމުންނަށް އިންޒާރުދިނުމަށްފަހުއެވެ. މިއީ ހަނގުރާމަ އަލުން ފެށުނުފަހުން ވެރިރަށް ސަންއާގެ ސަރަހައްދެއް ހުސްކުރުމަށް އެންގި ފުރަތަމަ ފަހަރެވެ.

ސައުދީ އިއްތިޙާދުން ބުނެފައިވާ ގޮތުގައި، މި އޮޕަރޭޝަންތައް އަމާޒުކޮށްފައިވަނީ ޔަމަނުގައި ހޫޘީން ހަނގުރާމަކުރުމަށް ބޭނުންކުރާ މުހިންމު ވަސީލަތްތަކަށެވެ. އަދި މި ހަމަލާތަކުގައި ސަންއާގެ ހުޅަނގު އައްސޭރިފަށުގައި އޮންނަ އަލް-ސަބާހާ މަރުކަޒާއި، ބިމުއަޑީގައި ހުންނަ ތެލުގެ ރިޒާވްތަކާއި، އަލް-ހުދައިދާގައި ހުންނެވި ހަކަތައިގެ ޓާމިނަލްތައް ހިމެނޭ ކަމަށް އިއްތިޙާދުގެ ތަރުޖަމާނު މޭޖަ ޖެނެރަލް ތުުރުކީ އަލްމާލިކީ ވިދާޅުވިއެވެ.

މި ހަމަލާއާ ގުޅިގެން ސަންއާގެ ސަރަހައްދުން ގޮވުންތަކުގެ އަޑުއިވިފައިވާ ކަމަށް ނޫސްވެރިން ރިޕޯޓުކޮށްފައިވެއެވެ. އަދި ހޫޘީންގެ އަލްމަސީރާ ޓީވީން ބުނެފައިވަނީ ސަނއާގެ ހުޅަނގުގައިވާ އަލްސަބާހާގައި ހުންނަ ތެލުގެ ކުންފުންޏަށް ސައުދީން ހަމަލާދީފައިވާ ކަމަށެވެ.

ސައުދީ އިއްތިޙާދުގެ އިންޒާރަށް ވަގުތުން ރައްދުދެމުން ހޫޘީން ވަނީ، މި ހަމަލާތައް ކުރިއަށްގެންދާނަމަ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާޒުގެ ބައިނަލްއަގުވާމީ ވައިގެ ބަނދަރާއި، ރިފައިނަރީއަކާއި، ދައްމާމުގައިވާ އަރާމްކޯގެ މަރުކަޒަކަށް ހަމަލާދޭނެ ކަމުގެ އިންޒާރުދީފައެވެ. ހޫޘީންގެ އަސްކަރީ ތަރުޖަމާނު ޔަޙްޔާ ސަރީއު ވިދާޅުވީ، ސައުދީން ދޭ ހަމަލާތަކުގެ ބަދަލުގައި އެފަރާތްތަކުގެ އަމާޒުފަތުގަނޑަކަށް ވާނެ ތަންތަން ރައްޔިތުން ވަގުތުން ދޫކޮށްދިޔުމަށް ގޮވާލާ ކަމަށެވެ.

ޔަމަނުގައި ހަނގުރާމަ އަލުން ފެށުމުގެ ސަބަބުން ސިއްހީ ނިޒާމަށް ބޮޑެތި ގޮންޖެހުންތައް ކުރިމަތިވެފައި ވެއެވެ. ތިން ހަފުތާގެ ތެރޭގައި ކޮލެރާ ޖެހޭ މީހުންގެ އަދަދު ތިންގުނައަށް އިތުރުވެފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމްޢިއްޔާ (ޑަބްލިޔުއެޗްއޯ) އިން ވަނީ ހާމަކޮށްފައެވެ.

ހިއްސާ ކުރައްވާ!