ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ހުއްދަ ނެތި ވަދެ މަސްވެރިކަން ކުރި ކަމުގެ ތުހުމަތުގައި، އިންޑިއާގެ ޓަމިލްނާޑޫގެ ސޫތުކުޅިއަށް ސަރަހައްދަށް ނިސްބަތްވާ 25 މަސްވެރިންނާއި އެމީހުންގެ ތިން ބޯޓުކޯސްޓްގާޑުން ހިފަހައްޓައިފިއެވެ. މި ހާދިސާއާ ގުޅިގެން ހައްޔަރުކުރި މަސްވެރިންގެ އާއިލާތަކާއި މަސްވެރިންގެ ޖަމްއިއްޔާތަކުން ވަނީ އެމީހުން އަނބުރާ ގައުމަށް ގެނައުމަށްޓަކައި ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އެޅުމަށް ގޮވާލާފައެވެ.
އިންޑިއާގެ ނޫސް އޭޖެންސީއަކަށް މައުލޫމާތު ދެމުން ހައްޔަރުކުރި މަސްވެރިއެއްގެ އާއިލާ މެންބަރެއް ކަމަށްވާ ސުދަރްޝަން ބުނީ، މިދިޔަ އޮކްޓޯބަރު މަހުގެ 1 ވަނަ ދުވަހު ސޫތުކުޅީގެ ތަރުވައިކުލަމް ބަނދަރުން ފުރައިގެން ތިން ބޯޓެއްގައި 25 މަސްވެރިން މާ ކަނޑުގައި މަސްވެރިކަމަށް ނުކުތް ކަމަށެވެ. ނަމަވެސް، މޫސުން ގޯސްވެ ކަނޑު ގަދަވެގެން ބޯޓުތައް ރާއްޖޭގެ ކަނޑުގެ ސަރަހައްދަށް ވަދެފައިވާ ކަމަށް އޭނާ ފާހަގަކުރިއެވެ.
މި މައްސަލައާ ގުޅިގެން ޓަމިލްނާޑޫގެ މަސްވެރިންގެ ޖަމްއިއްޔާތަކުން ބުނެފައިވަނީ، އިންޑިއާ ކަނޑުގެ ސަރަހައްދުގައި މަސްވެރިކަންކުރާ ފަރާތްތަކަށް ކަނޑުގެ އޮއެވަރުގެ ސަބަބުން ދިމާވާ މިފަދަ ހާދިސާތަކުގައި ދެ ގައުމުގެ ކަމާބެހޭ އިދާރާތައް ގުޅިގެން ދާއިމީ ހައްލެއް ހޯދަންޖެހޭ ކަމަށެވެ.



