ޓްރަމްޕްގެ ގެއިން ވަގު ޑޮކިއުމެންޓްތައް ފެނުނު މައްސަލާގައި ވަކި ކުރި މުވައްޒަފުން ދައުވާކޮށްފި

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މާރ-އަ-ލާގޯގައި އެމެރިކާ ސަރުކާރުގެ ސިއްރު ލިޔެކިޔުންތަކެއް ބަހައްޓަވާފައި ހުރި މައްސަލައިގެ ތަހުގީގުގައި ބައިވެރިވުމުން ވަޒީފާއިން ވަކިކުރި އެފްބީއައިގެ ކުރީގެ ނުވަ މުވައްޒަފަކު، އެމީހުން އަލުން ވަޒީފާއަށް ނެރުމަށް އެދި ފެޑެރަލް ކޯޓަށް މައްސަލަ ހުށަހަޅައިފިއެވެ.

ވޮޝިންޓަންގެ ފެޑެރަލް ކޯޓަށް ހުށަހެޅި މި ދައުވާގައި، އެފްބީއައިގެ ޑައިރެކްޓަރު ކާޝް ޕަޓޭލް މުވައްޒަފުން ވަޒީފާއިން ވަކިކުރަން ނިންމެވީ ސިޔާސީ ބަދަލުހިފުމެއްގެ ގޮތުން ގާނޫނާ ޚިލާފަށް ކަމަށް ވަނީ ބުނެފައެވެ. މި ދައުވާގައި ހިމެނެނީ ފާއިތުވި ފެބްރުއަރީ މަހު ވަޒީފާއިން ވަކިކުރި އެފްބީއައިގެ ޚާއްސަ އޭޖެންޓުންނާއި، އިންޓެލިޖެންސް އެނަލިސްޓުންގެ އިތުރުން އޮޕަރޭޝަންސް ސޕެޝަލިސްޓުންނެވެ.

ކޮންގްރެސްގައި ހެކިދެއްވަމުން ކާޝް ޕަޓޭލް ވަނީ ވަޒީފާއިން ވަކިކުރި މުވައްޒަފުން އެފްބީއައިގެ ބާރުތައް ސިޔާސީ މަގުސަދުތަކަށް ނުބައިގޮތުގައި ބޭނުންކޮށްފައިވާ ކަމަށް ތުހުމަތުކުރައްވާފައެވެ. ނަމަވެސް ދައުވާކުރާ ފަރާތްތަކުން ވަނީ މި ތުހުމަތުތައް ދޮގުކޮށްފައެވެ. އެފްބީއައިގައި މި އެންމެންގެ ޚިދުމަތުގެ ތަޖުރިބާގެ ޖުމުލަ އަހަރުގެ އަދަދު ސަތޭކައަށްވުރެ ގިނަ އަހަރުވެފައިވާ މި މުވައްޒަފުން ވަނީ ބޮސްޓަން މެރަތަން ބޮމުގެ ހަމަލާއާއި، ރަހީނުން ސަލާމަތްކުރުމުގެ އޮޕަރޭޝަންތަކުގެ އިތުރުން 2024 ވަނަ އަހަރު ޓްރަމްޕަށް ދިން އަވަހާރަކޮށްލުމުގެ ހަމަލާގެ ތަހުގީގުގައިވެސް ބައިވެރިވެފައެވެ.

މި މައްސަލައަކީ 2022 ވަނަ އަހަރު ފްލޮރިޑާގެ މާރ-އަ-ލާގޯގައި ހުންނަ ޓްރަމްޕްގެ ގަނޑުވަރުން ސިއްރު ލިޔެލިޔުންތައް ފެނުނު ހިސާބުން ފެށުނު "ޕްލާޒްމިކް އީކޯ" ތަހުގީގާ ގުޅުންހުރި މައްސަލައެކެވެ. ދައުވާގައިވާ ގޮތުން، މި މުވައްޒަފުން ތަހުގީގުގައި ބައިވެރިވީ އަމިއްލައަށް އެދިގެންނެއް ނޫނެވެ. އޭގެ ބަދަލުގައި އެއީ ކައުންޓަރ އިންޓެލިޖެންސް ޓީމުތަކުގެ ތެރެއިން އެމީހުންނާ ހަވާލުކުރެވުނު ގާނޫނީ ޒިންމާއެކެވެ.

ދައުވާކުރާ މުވައްޒަފުންގެ ވަކީލުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، މުވައްޒަފުން ވަޒީފާއިން ވަކިކުރީ އެމީހުންގެ ފުށުން އެއްވެސް ތައައްސުބެއް ނެތި އެވެ. އަދި، ގާނޫނާއި ހަގީގަތްތަކަށް ތަބާވެގެން އެމީހުންގެ ވާޖިބު އަދާކުރުމުން ދަނިކޮށް ކަމަށެވެ. އަދި މިއީ އެމެރިކާގެ ގާނޫނީ ހުކޫމަތު ހިފެހެއްޓުމަށް ކުރެވޭ މަސައްކަތްތަކަށް ދެވުނު ސީދާ ހަމަލާއެއް ކަމަށާއި، ކޯޓު މެދުވެރިކޮށް ސަރުކާރު ޖަވާބުދާރީ ކުރުވާނެ ކަމަށް ވަކީލުން ވަނީ ފާހަގަކޮށްފައެވެ.

ހިއްސާ ކުރައްވާ!