"ސިޔާސީ މައިދާން ގައި އެއްވެސް މީހަކަށް އިތުބާރެއް ނުކުރަން": ޓްރަމްޕް

އިސްރާއީލުގެ ބޮޑު ހިޔަޅު ނަތަންޔާހޫއަށް އިތުބާރު ކުރައްވާތޯ ސުވާލުކުރުމުން، ޓްރަމްޕް ވަނީ ސިޔާސީ މައިދާން ގައި އެއްވެސް މީހަކަށް އިތުބާރު ނުކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ނިއުސްމެކްސްއަށް ދެއްވި ޚާއްސަ އިންޓަވިއުއެއްގައި ރައީސް ޓްރަމްޕް ވަނީ ނިއުކްލިއާ ހަތިޔާރު ބޭނުންކުރުމާއި، އަމިއްލަފުޅަށް ރިއާސީ މާފެއް ދެއްވުމުގެ އިހުތިޔާރާއި، އަދި ކޮންގްރެސް މެންބަރު އިލްހާން ޢުމަރާ ދެކޮޅަށް ހިންގާ ތަހުގީގުތަކާ ގުޅޭގޮތުން ވާހަކަ ދައްކަވާފައެވެ.

އީރާނާއެކު ހަނގުރާމައެއް ފެށިއްޖެނަމަ އެމެރިކާއިން "މަދަރ އޮފް އޯލް ބޮމްސް" ބޭނުންކޮށްފާނެ ކަމަށް ސީއެންއެންއިން ރިޕޯޓުކޮށްފައިވާ މައްސަލައަށް އަލިއަޅުއްވާލައްވަމުން ޓްރަމްޕް ވިދާޅުވީ، އެއީ ނިއުކްލިއާ ހަތިޔާރެއް ނޫން ކަމަށެވެ. "އެއީ އެއްގޮތަކަށްވެސް ނިއުކްލިއާ ބޮމެއް ނޫން. އެއީ ވަރަށް ބޮޑު އާދައިގެ ބޮމެއް. ނިއުކްލިއާ ކުޑަ ބޮމަކާ ވައްތަރު ގޮތެއް ހުރެދާނެ، ނަމަވެސް އެއީ ނިއުކްލިއާ ހަތިޔާރެއް ނޫން،" ޓްރަމްޕް ވިދާޅުވިއެވެ.

އަދި އެމެރިކާއިން ނިއުކްލިއާ ހަތިޔާރު ބޭނުންކުރަންޖެހޭ އެއްވެސް ސަބަބެއް ނެތް ކަމަށް ވިދާޅުވަމުން ޓްރަމްޕް ފާހަގަކުރެއްވީ، އެމެރިކާއަކީ ދުނިޔޭގެ އެންމެ ބޮޑު ނިއުކްލިއާ ބާރު ކަމަށެވެ. އެމެރިކާގެ ނިއުކްލިއާ ވަސީލަތްތައް ރަޝިޔާ އާއި ޗައިނާއަށްވުރެ މާ ވަރުގަދަވާނެ ކަމަށް ވިދާޅުވެ، މި ލިސްޓުގެ ދެވަނައިގައި ރަޝިޔާ އޮތްއިރު ތިންވަނައިގައި އޮތީ ޗައިނާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

އެމެރިކާއަކީ އެންމެ ފުރަތަމަ ގިނަ އަދަދެއްގެ މީހުން މަރާލި ނިއުކްލިއަރ ބޮން ބޭނުން ކުރި ގައުމެވެ.

އަމިއްލަފުޅަށް ގާތް މީހުންނަށާއި އަމއިްލަ ނަފްސަށާއި އާއިލާއަށް ރިއާސީ މާފެއް ދެއްވުމާމެދު ކުރެވުނު ސުވާލަށް ޖަވާބުދެއްވަމުން ޓްރަމްޕް ވިދާޅުވީ، އެއްވެސް ގޯސް ކަމެއް ކުރައްވާފައިނުވާނެތީ އަމިއްލަފުޅަށް މާފު ދެއްވުމަށް ނުވިސްނަވާ ކަމަށެވެ.

ފުރަތަމަ ދައުރު ނިމުމުގެ ކުރިންވެސް އަމިއްލަފުޅަށް މާފު ދެއްވުމުގެ ފުރުސަތު އޮތް ކަމަށާއި، ނަމަވެސް އެފަދަ ކަމެއް ކުރައްވާފައިނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ. އޭގެ ބަދަލުގައި އެންމެ ބޮޑަށް އިސްކަންދެއްވަނީ އޭނާއާއެކު މަސައްކަތްކުރެއްވި ބޭފުޅުން ސިޔާސީ ބޭނުމުގައި ކުރެވޭ ތުހުމަތުތަކުން ރައްކާތެރި ކޮށްދެއްވުމަށް ކަމަށްވެސް ޓްރަމްޕް ވިދާޅުވިއެވެ.

ޑިމޮކްރެޓިކް ޕާޓީގެ ކޮންގްރެސް މެންބަރު އިލްހާން ޢުމަރާ މެދު ޓްރަމްޕް ގެންގުޅުއްވާ ތައައްސުބާ ބެހޭ ގޮތުން ސުވާލުކުރުމުން، ޓްރަމްޕް ވަނީ އެކަމަނާއަކީ އޭނާ ގަޔާ ނުވާ އަދި ވަރަށް ގޯސް ބޭފުޅެއްގެ ގޮތުގައި ސިފަކުރައްވާފައެވެ. ނަމަވެސް އިލްހާނާ ދެކޮޅަށް ފެޑެރަލް އިދާރާތަކުން ހިންގާ ތަހުގީގުތަކުގައި އޭނާގެ އެއްވެސް އަމިއްލަ ބައިވެރިވުމެއް ނެތް ކަމަށް ވިދާޅުވިއެވެ.

އެއީ އެމެރިކާގެ އަދުލު އިންސާފުގެ ވުޒާރާގެ މުސްތަގިއްލު މަސައްކަތެއް ކަމަށް ވިދާޅުވިއެވެ. "އަހަރެން އެކަމެއްގެ ތެރެއަކަށް ނުވަންނަން. އާންމުންނެކޭ އެއްގޮތަށް އަހަރެންވެސް ޚަބަރުތައް ބަލައި، މީސް މީޑިއާ އިން މައުލޫމާތު ހޯދަނީ. އެއީ އަދުލު އިންސާފުގެ ވުޒާރާއިން ނިންމަންޖެހޭ ކަމެއް،" ޓްރަމްޕް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!