އަލްޖަޒާއިރުގައި އެންމެ އުމުރުން ދުވަސްވީ މީހާ، 132 އަހަރުގައި މަރުވެއްޖެއެވެ. އުމުރުން 132 އަހަރުގައި މަރުވި ޙާއްޖާ ޞަރްހޫދާ ސުތައިތީ އުފަންވި ކަމަށް ދައްކަނީ 1894 ވަނަ އަހަރުގައެވެ. އޭނާގެ ޖަނާޒާގައި ގިނަ އަދަދެއްގެ މީޙުން ބައިވެރިވިއެވެ.
ޙާއްޖާ ޞަރްހޫދާ ސުތައިތީ ފާހަގަކުރެވިފައިވަނީ ޖަޒާއިރުގެ ތާރީޚަށް އައި އެންމެ ބޮޑެތި ބަދަލުތަކާއި، ފަރަންސޭސި އިސްތިއުމާރީ ޒަމާނާއި، މިނިވަންކަމުގެ އިންގިލާބާއި، އަދި އޭގެފަހުން އައި ސިޔާސީ އަދި އިޖުތިމާޢީ ބަދަލުތައް ދެކެފައިވާ މީހެއްގެ ގޮތުގައެވެ. އަލްޖަޒާއިރުގެ ޤާލްމާ ޕްރޮވިންސްގެ ޝީނިއޯ ސަރަހައްދުގައި އުފަންވި ޞަރްހޫދާ، މީހަކާ އިނީ އުމުރުން ވިހި އަހަރުގައެވެ. އޭނާއަށް 15 ކުދިން ލިބުނެވެ. އަދި އޭނާގެ ދިގު އުމުރުގައި ދަރިންނާއި މާމަ ކުދިންގެ އިތުރުން ބޮޑު އާއިލާއަކާއެކު ދިރިއުޅެފައި ވެއެވެ.
އޭނާގެ ހަޔާތްޕުޅުގައި އެންމެ ބޮޑަށް ފާހަގަކޮށްލެވުނު އެއް ކަމަކީ، އުމުރުން ދުވަސްވެފައި ވަނިކޮށް 2024 ވަނަ އަހަރު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުސަތު ލިބުމެވެ. މިއީ އޭނާގެ ޒަމާންވީ ދިގު އިންތިޒާރަކަށްފަހު ލިބުނު ފުރުސަތެކެވެ. މީގެކުރިން ދެ ފަހަރެއްގެ މަތިން ޢުމްރާގެ އަޅުކަންވެސް އަދާކޮށްފައި ވެއެވެ. ޞަރްހޫދާގެ ޙައްޖު ދަތުރަށް މީސް މީޑިއާގައާއި ޤައުމީ ފެންވަރުގައި ބޮޑު ސަމާލުކަމެއް ލިބިގެންދިޔައެވެ.







