އެލް ނީނިއޯގެ ސަބަބުން ހަކުރުގެ އަގު %15 މަތިވެއްޖެ

އެލްނީނިއޯ މޫސުމީ ނުފޫޒުގެ ސަބަބުން ކުރިމަތިވެފައިވާ ގަދަ ހޫނާއި ފެންބޮޑުވުމުގެ ސަބަބުން، ދުނިޔޭގައި ދެވަނައަށް އެންމެ ގިނައިން ހަކުރު އުފައްދާ އަދި އެންމެ ގިނައިން ހަކުރު ބޭނުންކުރާ އިންޑިއާގައި އުއްދަނޑި އުފައްދާ މިންވަރު ދަށަށްގޮސް، ދުނިޔޭގެ ބާޒާރުގައި ހަކުރުގެ އަގު ފާއިތުވި އަހަރާ އަޅާބަލާއިރު 15 އިންސައްތައަށް މައްޗަށް ހިނގައްޖެއެވެ.

ނިއުޔޯކް ޓައިމްސް ނޫހުން ނެރުނު ރިޕޯޓެއްގައިވާ ގޮތުން، އިންޑިއާއަށް ވަނީ ފާއިތުވި 11 އަހަރުގެ ތެރޭގައި ކުރިމަތިވި އެންމެ ހަނަފަސް މޫސުމާ ކުރިމަތިލާންޖެހިފައެވެ. މީގެ ސަބަބުން އެ ގައުމުގެ ދަނޑުވެރިކަމުގެ މަސައްކަތްތަކަށް ބޮޑެތި ގޮންޖެހުންތަކެއް ކުރިމަތިވެ، ކާބޯތަކެތީގެ އަގުތައް ވަނީ އުފުލެން ފަށާފައެވެ. ޚާއްސަކޮށް ހިންދޫންގެ އީދު މޫސުމާ ދިމާކޮށް އަގުތައް މައްޗަށް ދިއުމާ ގުޅިގެން، މީގެ ކުރިން ހަކުރު ބޭރަށް އެކްސްޕޯޓްކުރި އިންޑިއާގެ ސަރުކާރުން މިހާރު ވަނީ ބޭރު ގައުމުތަކުން ހަކުރު އެތެރެކުރުމުގެ ހުއްދަ ދޭން ފަށާފައެވެ. އަދި ވިޔަފާރިވެރިން ހަކުރު ބައްކޮށްގެން އަގު އުފުލުމަށް މަސައްކަތްކޮށްފާނެތީ ސަރުކާރުން ވަނީ އިންޒާރު ދީފައެވެ.

އިންޑިއާގެ ހަކަތައިގެ ރައްކާތެރިކަމުގެ ސްޓްރެޓެޖީއަށްވެސް ވަނީ ބޮޑު ނުފޫޒެއް ފޯރާފައެވެ. އިންޑިއާއިން ދިޔައީ ތެޔޮ އެތެރެކުރާ މިންވަރު ކުޑަކުރުމުގެ ގޮތުން، ޕެޓްރޯލްގައި 20 އިންސައްތަ އީތަނޯލް އެއްކުރުމުގެ މަޝްރޫއެއް ކުރިއަށްގެންދަމުންނެވެ. މެދުއިރުމަތީގެ ދަތުރުފަތުރަށް ހަނގުރާމައިގެ ސަބަބުން ބުރޫއަރައި، ހުރުމުޒު ކަނޑުއޮޅި ފަދަ މުހިންމު ސަރަހައްދުތަކުގެ މަސްރަހު ނުތަނަވަސްވެފައިވާ ދަނޑިވަޅެއްގައި، އިންޑިއާއިން ވަނީ އީތަނޯލް އުފެއްދުމަށް އުއްދަނޑީގެ ބަދަލުގައި ޒުވާރިއާއި ހުރިހާ ހަނޑޫ ބޭނުންކުރާ މިންވަރު އިތުރުކޮށްފައެވެ. މޫސުމީ މައްސަލަތަކުގެ ސަބަބުން އެ ތަކެތި އުފެއްދުމަށްވެސް ވަނީ ހުރަސްތަކެއް ކުރިމަތިވެފައެވެ.

މަހާރާޝްތުރާގެ މަރާތުވާޑާ ސަރަހައްދުގެ ދަނޑުވެރިން ބުނާ ގޮތުގައި، މި އަހަރުގެ އުއްދަނޑި އުފެއްދުން 50 އިންސައްތައާއި 75 އިންސައްތައާ ދެމެދުގެ މިންވަރަކަށް ދަށަށްދާނެ ކަމަށް ލަފާކުރެވެއެވެ. އެ ސަރަހައްދުގެ ދަނޑުވެރިއެއް ކަމަށްވާ މުރާރްޖީ ޕަޓޭލް ބުނި ގޮތުގައި، 800 ފޫޓު އަޑިއަށް ކޮނެފައިވާ ފެންވަޅުތައް ހިކި، ފެން ލިބުން ވެސް ދަތި ވެފައި ވެއެވެ.

ކާބޯތަކެއްޗާއި ދަނޑުވެރިކަމާ ބެހޭ އދގެ ޖަމްޢިއްޔާއިން (އެފްއޭއޯ) ހާމަކޮށްފައިވާ ގޮތުގައި، ދުނިޔޭގައި އެންމެ ގިނައިން ހަކުރު އުފައްދާ ބްރެޒިލްގެ ދަނޑުތަކަށާއި އަދި ވިލާތުގެ ބީޓްރޫޓް ދަނޑުތަކަށް ލިބުނު ގެއްލުންތަކާ ގުޅިގެން، މުޅި ދުނިޔޭގައިވެސް ހަކުރުގެ އަގުތައް ވަނީ ވަރަށް މަތި ވެފައެވެ.

ހިއްސާ ކުރައްވާ!