ދުނިޔޭގެ އެކި ޤައުމުތަކުގެ ޖަލުތަކުގައި ވިހި ހާހަށްވުރެ ގިނަ ޕާކިސްތާނު މީހުން އެބަތިބި

ދުނިޔޭގެ އެކި ޤައުމުތަކުގައި ހުރި ޖަލުތަކުގައި ޕާކިސްތާނުގެ 21,600 އަށްވުރެ ގިނަ ރައްޔިތުން ބަންދުކޮށްފައިވާ ކަމަށް ޕާކިސްތާނުގެ ގާނޫނު ހަދާ ޤައުމީ މަޖިލީހަށް އަންގައިފިއެވެ.

ޕާކިސްތާނުގެ ޤައުމީ މަޖިލީހުގައި މެންބަރަކު ކުރެއްވި ސުވާލަކާ ގުޅިގެން ޚާރިޖީ ވަޒީރު އިޝްޙާޤު ދާރު ހުށަހެޅުއްވި ލިޔުމެއްގައިވާ ގޮތުން، ބޭރު ޤައުމުތަކުގެ ޖަލުތަކުގައި ޖުމްލަ 21,647 ޕާކިސްތާނު މީހުން އެބަތިއްބެއެވެ. މި މަޢުލޫމާތު ހާމަކޮށްފައިވަނީ ޤައުމީ މަޖިލީހުގެ ސުވާލުކުރާ ގަޑީގައެވެ.

ޚާރިޖީ ވުޒާރާގެ ހިސާބުތަކުން ދައްކާގޮތުން، އެންމެ ގިނަ ޕާކިސްތާނު ރައްޔިތުން ބަންދުކޮށްފައިވަނީ އެކުވެރި ޢަރަބި ޢިމާރާތް (ޔޫ.އޭ.އީ) ގައެވެ. އެ ޤައުމުގެ ޖަލުތަކުގައި 5,297 ރައްޔިތުން އެބަތިއްބެވެ. އަދި ސަޢުދީ ޢަރަބިއްޔާގެ ޖަލުތަކުގައި 4,775 ޕާކިސްތާނު މީހުން ތިބިއިރު، އިންޑިއާގެ ޖަލުތަކުގައި 738 މީހުން ބަންދުކޮށްފައިވެއެވެ.

މި މީހުންގެ މައްޗަށް ކޮށްފައިވާ ދަޢުވާތަކުގެ ތަފުޞީލު ހާމަކުރަމުން ޚާރިޖީ ވުޒާރާއިން ބުނީ، މި ފަރާތްތަކުގެ މައްޗަށް މަކަރާއި ޙީލަތް ހެދުމާއި، މަސްތުވާތަކެތީގެ ވިޔަފާރިކުރުމާއި، ޖިންސީ ގޯނާކުރުމާއި، ފޭކު ވިސާ އަދި ލިޔެކިޔުން ބޭނުންކުރުމުގެ އިތުރުން މީހުން މަރަން އުޅުން ފަދަ ނުރައްކާތެރި ކުށްތައް ސާބިތުވެފައިވާ ކަމަށެވެ.

ބޭރު ޤައުމުތަކުގައި ހައްޔަރުކޮށްފައިވާ ޕާކިސްތާނުގެ ރައްޔިތުންގެ ޙާލަތު ގާތުން ބަލަމުންދާ ކަމަށާއި، އެ ޤައުމުތަކުގައި ތިބޭ ޕާކިސްތާނުގެ އެމްބަސީތައް މެދުވެރިކޮށް އެ މީހުންނަށް ބޭނުންވާ ޤާނޫނީ އެހީތެރިކަން ފޯރުކޮށްދެމުންދާ ކަމަށް ވެސް ދާރް ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!