އެމެރިކާއާއި ހުޅަނގުގެ ބާރުތަކުގެ އެހީތެރިކަން ނެތި އިޒްރޭލަށް އެއްވެސް ކަމެއް ނުކުރެވޭނެ ކަމަށާއި، ޒަޔަނިސްޓު ދައުލަތަކީ ޖެނޮސައިޑް ހިންގުމަށް އެމެރިކާއަށް ބަރޯސާވާ ގައުމެއް ކަމަށް އީރާނުގެ މަތީ ފަންތީގެ މަސްއޫލުވެރިއެއް ކަމަށްވާ އަދި ޚާމަނާއިއަށް އިރުޝާދު ދޭ މަޖިލީހުގެ މުޝީރެއް ކަމަށްވާ މުޙައްމަދު މުޚްބަރު ވިދާޅުވެއްޖެއެވެ.
އިރާނުގެ 'ތަސްނީމް' ނޫސް އޭޖެންސީން ރިޕޯޓުކޮށްފައިވާ ގޮތުގައި، ހޯމަ ދުވަހު ބޭއްވި ޚާއްޞަ ހަފުލާއެއްގައި ވާހަކަދައްކަވަމުން މުޚްބަރު ވިދާޅުވީ، އިޒްރޭލުގެ މުސްތަގިއްލު ކަމާ ގުޅޭގޮތުން ދެކެވޭ ވާހަކަތަކަކީ ހަމައެކަނި ސިޔާސީ ވާހަކަތަކެއް ކަމަށާއި، ޙަޤީޤަތުގައި އެ ޤައުމު އޮތީ އެމެރިކާގެ މުށުގެ ދަށުގައި ކަމަށެވެ. އަދި ހުޅަނގުގެ ޤައުމުތަކާއި ނެޓޯގެ ބާރުތައް ވެސް ވަނީ އެމެރިކާއާއެކު އީރާނާ ދެކޮޅަށް ސޮލީބީ ސަހުޔޫނީ ހަނގުރާމައިގައި ބައިވެރިވެފައި ކަމަށް އޭނާ ތުހުމަތުކުރެއްވިއެވެ.
މި މޭރުމުން ވާހަކަދައްކަވަމުން އޭނާ އިތުރަށް ވިދާޅުވީ، ޔޫރަޕާއި އިނގިރޭސިވިލާތުގެ އަސްކަރީ މަރުކަޒުތައް ހުރީ އެމެރިކާގެ ބޭނުންތަކަށް ހުޅުވާލެވިފައި ކަމަށާއި، މިހާރު ހިނގަމުންދާ ކުރިމަތިލުންތަކުގައި އެ ޤައުމުތަކުން އެ ވަސީލަތްތައް ނަހަމަގޮތުގައި ބޭނުންކުރަމުންދާ ކަމަށެވެ. އަދި އީރާނާ ދެކޮޅަށް ހިންގާ ހަނގުރާމައިގެ ލަނޑުދަނޑިތަކުގެ ބޮޑުބައެއް ނާކާމިޔާބުވެފައިވާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
ތާރީޚީ ޙަޤީޤަތްތަކަށް އަލިއޅުވާލައްވަމުން މުޚްބަރު ވިދާޅުވީ، އީރާނަކީ މާޒީގައި ވެސް ހަނގުރާމަތަކުން ބަލިވެފައި ނުވާ ޤައުމެއް ކަމަށާއި، އަދި މިހާރުގެ ވެރިކަމުގެ ނިޒާމުގެ ދަށުން ޤައުމުގެ ދިފާޢީ ޤާބިލުކަން މުޅިން އެހެން ހަރުފަތަކަށް ގެންގޮސްފައިވާ ކަމަށެވެ. އަދި ދުނިޔެއަށް މުހިންމު ކަނޑުއޮޅިއެއް ކަމަށްވާ ހުރުމުޒު ކަނޑުއޮޅިއާ ގުޅޭގޮތުން ބައެއް ފަރާތްތަކުން ދައްކާ ވާހަކަތަކަށް ރައްދުދެއްވަމުން، އީރާންގެ މަސްލަޙަތު ހިމާޔަތްކުރުމުގައި ތެހެރާނުން ފަސްޖެހުމެއް ނުދައްކާނެ ކަމަށް ވިދާޅުވިއެވެ.
މި ވާހަކަ އައިސްފައިވަނީ، ޔަހޫދީ ޒަޔަނިސްޓުންގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އީރާނާ ދެކޮޅަށް ފަށާފައިވާ ހަނގުރާމަ ކާމިޔާބުކަމާއެކު ނިންމައިލާނެ ކަމަށް ފޮނިކަނޑައި ވާހަކަދައްކާފައިވާ ދަނޑިވަޅެއްގައެވެ. އަދި އީރާނުގެ ޚާރިޖީ ވަޒީރު ޢައްބާސް ޢަރަޤްޗީ ވިދާޅުވެފައިވާ ގޮތުގައި، ހުރުމުޒު ކަނޑުއޮޅި ހުޅުވާލުމާ ގުޅޭގޮތުން އެ ޤައުމުން ހުށަހަޅާފައިވާ ޝަރުޠުތަކަކީ ޢަދުލުވެރި އަދި މަޝްވަރާ ކުރެވޭނެފަދަ ޝަރުޠުތަކެކެވެ.
ފެބްރުއަރީ މަހުގެ 28 ވަނަ ދުވަހު އެމެރިކާއާއި އިޒްރޭލު ގުޅިގެން އީރާނަށް ދިން ޙަމަލާތަކާ ގުޅިގެން ފަށާފައިވާ މި ހަނގުރާމައިގެ ސަބަބުން، ދުނިޔޭގެ ތެލުގެ ބާޒާރަށް މުހިންމު ހުރުމުޒު ކަނޑުއޮޅީގެ ދަތުރުފަތުރުތައް ވަނީ ހުއްޓިފައެވެ. އަދި އެމެރިކާގެ ކަނޑުިގެ ސިފައިން ވަނީ އީރާނުގެ ބަނދަރުތައް ޙިޞާރެއް ކޮށްފައެވެ. ބައިނަލްއަޤުވާމީ މުޖުތަމަޢުން ކުރަމުންދާ ސުލްޙައިގެ މަސައްކަތްތައް ފެއިލ ވެފައިވާއިރު، ސަރަޙައްދުގެ މަސްރަޙު އަންނަނީ ދުވަހުން ދުވަހަކަށް ގޯސްވަމުންނެވެ.




