ނައިޖީރިއާއިން ފުރަތަމަ އެބޯލާ ކޭސް ފެނިއްޖެ

އެފްރިކާ ބައްރުގައި ހަލުވިކަމާއެކު ފެތުރެމުންދާ އެބޯލާ ރޯގާގެ ތެރެއިން، އެ ބައްރުގެ އެންމެ އާބާދީ ބޮޑު ގައުމު ކަމަށްވާ ނައިޖީރިއާއިން ފުރަތަމަ އެބޯލާ ކޭސް ފެނިފައިވާކަން އެ ގައުމުގެ ސަރުކާރުން ކަށަވަރުކޮށްދީފިއެވެ. މީގެ އިތުރުން ކެންޔާއިންވެސް އިތުރު ކޭސްއެއް ފެނި، އެ ގައުމުން ބަލިޖެހުނު މީހުންގެ އަދަދު 9އަށް އަރާފައިވާއިރު، ސަރަހައްދީ ސިއްހީ އިދާރާތަކުން ވަނީ މިއީ އިންތިހާއަށް ނުރައްކާތެރި ހާލަތެއްގެ ގޮތުގައި ސިފަކޮށްފައެވެ.

ނައިޖީރިއާގެ ސިއްހަތާ ބެހޭ ވަޒީރު މުހައްމަދު އަލީ ޕޭޓް ނެރުއްވި ބަޔާނެއްގައި ހާމަކުރެއްވި ގޮތުގައި، އެ ގައުމުން ފެނުނު ފުރަތަމަ ބަލިމީހާއަކީ ޔޫގަންޑާއިން ދަތުރުކުރުމަށްފަހު ވެރިރަށް އަބޫޖާއަށް އައި އަންހެނެކެވެ. މިއީ 2014 ވަނަ އަހަރަށްފަހު ނައިޖީރިއާއިން އެބޯލާ ބަލީގެ ކޭސްއެއް ރެކޯޑުކުރި ފުރަތަމަ ފަހަރެވެ.

އޭނާ އަމިއްލަ ހޮސްޕިޓަލެއްގައި އެޑްމިޓްކޮށްގެން ފަރުވާ ހޯދަމުން ދަނިކޮށް ބައްޔަށް ޕޮޒިޓިވްވެފައިވާކަން ކަށަވަރުވުމާ ގުޅިގެން، މިހާރު ވަނީ އެކަހެރިކޮށްގެން ފަރުވާދޭން ފަށާފައެވެ. ސިއްހީ މާހިރުން ވަނީ އެ އަންހެންމީހާއާ ސީދާ ދިމާވި 44 މީހަކު ދެނެގަނެ، އެ މީހުން މޮނީޓަރުކުރުމުގެ މަސައްކަތް ފަށާފައެވެ. މީގެ ތެރޭގައި ސިއްހީ އެހީތެރިންނާއި، އެހެނިހެން ބަލިމީހުންނާއި، އާއިލާގެ މެންބަރުންގެ އިތުރުން އޭނާއާއެކު ދަތުރުކުރި މީހުން ހިމެނެއެވެ.

ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރުސީ) ގައި މި އަހަރުގެ މެއި މަހު ފެނުނު މި އެބޯލާ ރޯގާއަކީ އެ ގައުމުގެ ތާރީޚުގައިވެސް ފެނުނު އެންމެ ނުރައްކާތެރި ރޯގާއެވެ. ސިއްހީ އިދާރާތަކުގެ ތަފާސްހިސާބުތަކަށް ބަލާއިރު، ކޮންގޯއިން ބަލިޖެހުނު 9,000 އަށްވުރެ ގިނަ މީހުންގެ ތެރެއިން 4,381 މީހުން ވަނީ މަރުވެފައެވެ. މި ބަލި މިހާރު ވަނީ އިރުމައްޗާއި ހުޅަނގު އެފްރިކާގެ ގައުމުތަކަށް ފެތުރެން ފަށާފައެވެ.

ހިއްސާ ކުރައްވާ!