ބްރެޒިލްގައި ބޭއްވި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރުގެ ތާރީޚީ ވޯޓު ކާމިޔާބުކުރައްވައި، މިހާރުގެ ރައީސް ލުއިޒް އިނާސިއޯ ލޫލާ ޑަ ސިލްވާ ހަތަރުވަނަ ދައުރެއް ކަށަވަރުކުރައްވައިފިއެވެ. މިނަތީޖާއާއެކު ވާދަވެރިޔާ އަދި ކުރީގެ ރައިސްގެ ދަރި ސެނޭޓަރު ފްލާވިއޯ ބޮލްސޮނާރޯގެ މައްޗަށް ލޫލާ މި ވަނީ ކުރި ހޯއެްދަވާފައެވެ،
އާދީއްތަ ދުވަހު ބޭއްވި ފޯރިގަދަ އިންތިޚާބުގެ ފައިނަލް ރޭހުގައި ލޫލާއަށް ލިބިވަޑައިގެންނެވީ ވޯޓުލީ މީހުންގެ 51 އިންސައްތައަށްވުރެ ގިނަ ވޯޓެވެ. އޭނާއާ ވާދަކުރެއްވި ކަނާތުފިޔައިގެ ކެންޑިޑޭޓް ފްލާވިއޯ ބޮލްސޮނާރޯއަށް ލިބިވަޑައިގެންނެވީ ވޯޓުގެ 48 އިންސައްތައެވެ.
މި އިންތިޚާބުގެ ވޯޓުލުމުގެ ވަގުތު ހަމަވާން ކައިރިވެފައިވަނިކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކްރިސްޓިއާނޯ ޒަނިން ވަނީ ކުއްލި އަމުރެއް ނެރުއްވައި ވޯޓުލުން އިތުރު ދެ ގަޑިއިރަށް އިތުރުކުރައްވާފައެވެ. މި އަމުރު ނެރުއްވާފައިވަނީ މުހިންމު ބައެއް ސަރަހައްދުތަކުގައި އާންމު ދަތުރުފަތުރުގެ ޚިދުމަތްތައް މަދުކޮށްފައިވާ ކަމަށް ބުނެ ލޫލާގެ ކެމްޕޭން ޓީމުން ހުށަހެޅި މައްސަލަތަކާ ގުޅިގެންނެވެ.
އަނެއްކޮޅުން، ބޮލްސޮނާރޯގެ ކެމްޕޭން ޓީމުންވެސް ވަނީ ވޯޓުލުމުގެ މުއްދަތު އިތުރުކޮށްދިނުމަށް އެދިފައެވެ. އެ ފަރާތުން ފާހަގަކުރި ގޮތުގައި، ކަނާތުފިޔައަށް ބޮޑު ތާއީދެއް އޮންނަ ބްރެޒިލްގެ ދެކުނުގެ ސަރަހައްދުތަކަށް ބޯކޮށް ވާރޭވެހި، ފެންބޮޑުވުމުގެ ސަބަބުން ބައެއް ވޯޓުލާ މަރުކަޒުތަކުގެ ޚިދުމަތްތައް އޮތީ މެދުކެނޑިފައެވެ.





