ސްޕެއިންގެ ކްލަބް ޓެނެރީފްގެ ފޯވާޑް މެޗެއްގެ ތެރޭގައި ހިނގި ހާދިސާއެއްގައި މަރުވެއްޖެ

ސްޕެއިންގެ ދެވަނަ ޑިވިޝަނުގެ ފުޓްބޯޅަ މެޗެއްގެ ތެރޭގައި އިދިކޮޅު ޓީމުގެ ގޯލްކީޕަރާއެކު މުޑިއެރުމުގެ ނުރައްކާތެރި ކުރިމަތިލުމެއްގައި ލިބުނު އަނިޔާތަކަށް ހޮސްޕިޓަލުގައި ފަރުވާދެމުންދަނިކޮށް، ޓެނެރީފް ކްލަބުގެ އުމުރުން 30 އަހަރުގެ ފޯވާޑް ޚެސޫސް ދެ މިގޭލް މަރުވެއްޖެއެވެ.

މި ހާދިސާ ހިނގާފައިވަނީ ޓެނެރީފް އަދި އެފް.ސީ އެންޑޯރާ ބައްދަލުކުރި މެޗުގެ ފަހުކޮޅުގައެވެ. ދަނޑުގެ މެދުތެރެއިން ދިޔަ ބޯޅައެއް ހޯދުމަށް ދެ މިގޭލް ކުރިއަށް ޖެހިލި ވަގުތު، އެންޑޯރާގެ ގޯލްކީޕަރު އަދި އިކުއޭޓޯރިއަލް ގިނީގެ ޤައުމީ ޓީމުގެ ކީޕަރު ޚެސޫސް އޮވޯނޯ ވަނީ އޭނާގެ ސަރަހައްދު ދޫކޮށް ވަރަށް ބާރަށް ކުރިއަށް ނުކުމެ ދެ މިގޭލްއަށް ނުރައްކާތެރި ފައުލެއް ކޮށްފައެވެ. މި ކުރިމަތިލުމުގައި ދެ މިގޭލްގެ ބޮލަށާއި ހަށިގަނޑަށް ބޮޑެތި އަނިޔާތަކެއް ލިބުމާ ގުޅިގެން، ރެފްރީ ވަނީ މެޗު ވަގުތުން ހުއްޓާލާފައެވެ.

ސްޕެއިންގެ މީޑިއާ ރިޕޯޓުކުރާ ގޮތުގައި، ދަނޑުމަތީގައި އެމްބިއުލަންސްގެ ސިއްހީ އެހީތެރިން ވަގުތުން ފަރުވާދިނުމަށްފަހު ހޮސްޕިޓަލަށް ގެންދިޔަ މަގުމަތީގައި ދެ މިގޭލްގެ ހިތް ވަނީ ހުއްޓިފައެވެ. އެމްބިއުލަންސް ތެރޭގައި ސިއްހީ އެހީތެރިން ކުރި މަސައްކަތުން އޭނާގެ ނޭވާ ލުން އަލުން އިއާދަކުރެވުނު ނަމަވެސް، ހޮސްޕިޓަލަށް ގެންގޮސް އިތުރު ފަރުވާ ދެމުންދަނިކޮށް އޭނާ ވަނީ ނިޔާވެފައެވެ.

މި ހާދިސާއާ ގުޅިގެން ޓެނެރީފް ކްލަބުން ނެރުނު ބަޔާނެއްގައި، ދެ މިގޭލްގެ މަރުގެ ޚަބަރު ކަށަވަރުކޮށްދީ، އޭނާގެ އާއިލާއަށާއި ސަޕޯޓަރުންނަށް ތައުޒިޔާ ފޮނުވާފައިވެއެވެ. އަދި ސްޕެއިންގެ ފުޓްބޯޅަ ފެޑެރޭޝަނާއި، އެކި ކްލަބްތަކުންނާއި، ބައިނަލްއަގުވާމީ ކުޅިވަރު މައިދާން ގައި ހަރަކާތްތެރިވާ ފަރާތްތަކުން އަންނނީ މި ހާދިސާއާ ގުޅިގެން ހިތާމަ ހާމަކުރަމުންނެވެ.

ހިއްސާ ކުރައްވާ!