އިސްރާއީލްގެ އަމިއްލަ ޑޭކެއާ ސެންޓަރެއްގައި ތިބި 17 ކުޑަކުއްޖަކަށް 400 އަށްވުރެ ގިނަ ފަހަރު އަނިޔާކޮށްފައިވާ މައްސަލައެއްގައި، އެ ތަނުގެ މެނޭޖަރާއި ދެ ކެއާގިވަރުންގެ މައްޗަށް އިސްރާއީލުގެ ކޯޓުގައި ދައުވާ އުފުލައިފިއެވެ.
މި މައްސަލައިގައި ދައުވާ އުފުލާފައިވަނީ ޑޭކެއާ މެނޭޖްކުރި އުމުރުން 37 އަހަރުގެ އަންހެނަކާއި، އެ ތަނުގައި މަސައްކަތްކުރި ކެއާގިވަރުން ކަމަށްވާ އުމުރުން 37 އަހަރުގެ އަންހެނަކާއި އުމުރުން 40 އަހަރުގެ އަންހެނެއްގެ މައްޗަށެވެ. ޕްރޮސެކިއުޓަރުން ވަނީ ޝަރީޢަތް ނިމެންދެން މި ތިން މީހުން ބަންދުގައި ބައިތިއްބުމުގެ އަމުރަކަށް ކޯޓުގައި އެދިފައެވެ.
ކޯޓަށް ހުށަހެޅި ދައުވާ ފޯމުގައިވާ ގޮތުން، އަނިޔާ ލިބުނު ކުދިންގެ ތެރޭގައި އުމުރުން އެންމެ 6 މަހުގެ ކުޑަކުދިންވެސް ހިމެނެއެވެ.
މިމީހުން ކުރި އަނިޔާގައި:
- ކުދިންގެ ނޭވާ ހާސް ކުރުމަށް ކަރުގައި ހިފުން
- ކުދިންގެ ގައިގައި ހިފައި ތަޅުވުން
- ގަދަކަމުން ގޮދަޑިތަކުގައި މޫނު ޖައްސައިގެން ގިނަ އިރުތަކެއް ވަންދެން އަދަބު ދޭން ބޭތިއްބުން
- ފޮތިން ކުދިންގެ އަތްފައި ބާރަށް ބަނދެ، ބަނޑުވަތަށް ބޭތިއްބުން
- ގަދަކަމުން ކާންދީ، ތަދުވާ ގޮތަށް މޫނު ފޮއްސައި ހެދުން
- އަދަބު ދިނުމުގެ ގޮތުން ކުދިން ރޮއިރޮއި ތިއްބައި، އަނދިރި ކޮޓަރިތަކުގައި ބަންދުކުރުން
- އެހެން ކުދިންގެ ކުރިމަތީގައި މިފަދަ އަނިޔާވެރި އަމަލުތައް ހިންގުން
- ކުދިންނަށް ނަފްސާނީ ގޮތުން ބޮޑެތި އަނިޔާތަކެއް ދިނުން ހިމެނެއެވެ.
މި މައްސަލައާ ގުޅިގެން ވާހަކަދެއްކި ކުއްޖެއްގެ މަންމައަކު ބުނި ގޮތުގައި، އޭނާގެ 18 މަހުގެ ދަރިފުޅު އެ ތަނަށް ދިޔައީ އެންމެ 26 ދުވަހު ކަމަށް ވީނަމަވެސް، އެ ކުއްޖާގެ ނަފްސާނީ ޙާލަތަށް ވަނީ ބޮޑެތި ބަދަލުތަކެއް އައިސްފައެވެ. އަދި ކޮންމެ ރޭގަނޑަކު 15 ވަރަކަށް ފަހަރު ހޭލެވިގެން އެ ކުއްޖާ ރޮއިގަންނަ ކަމަށާއި، އޭނާގެ އަމިއްލަ ނަފްސަށް އިތުބާރު މުޅިން ގެއްލިފައިވާ ކަމަށް އެ މަންމަ ހާމަކުރިއެވެ.
އިސްރާއީލުގެ ސިފައިންނާއި ފުލުހުންގެ އިދާރާތަކުން މައުލޫމާތު ދޭ ގޮތުގައި، މިއީ ފަހުގެ ތާރީޚެއްގައި ޑޭކެއާއެއްގެ ތެރޭގައި ކުޑަކުދިންނަށް މިފަދަ ނުރައްކާތެރި އަދި އަނިޔާވެރި ގޮތަކަށް އަމަލުކުރި ފުރަތަމަ ފަހަރެވެ.
ކޯޓުގައި މައްސަލަ ކުރިއަށްދިޔަ އިރު އަނިޔާ ލިބުނު ކުދިންގެ ޢާއިލާތަކުން ވަނީ ތުހުމަތުކުރެވޭ ތިން މީހުންނާ ކުރިމަތިލައ ނުރުހުން ފާޅުކޮށް އަޑުއުފުލާފައެވެ.
އިސްރާއީލުގައި ކުޑަކުދިން ބަލަހައްޓާ މަރުކަޒުތަކުގައި އަނިޔާކުރާ މައްސަލަތައް އިތުރުވަމުންދާތީ، އެފަދަ ތަންތަނުގައި ސެކިއުރިޓީ ކެމެރާ ހަރުކޮށް، ފާރަވެރިވުމުގެ ކަންކަން ވަރުގަދަކުރުމަށް އާންމުން ދަނީ ގޮވާލަމުންނެވެ.






