ޕާކިސްތާނުގެ ކުރީގެ ބޮޑުވަޒީރު އަދި ޕާކިސްތާން ތަޙްރީކޭ އިންސާފު (ޕީޓީއައި) ގެ ބާނީ ޢިމްރާން ޚާންގެ ލޮލުގެ އާލާސްކަންފުޅަށް ފަރުވާދިނުމަށާއި އިތުރު ޓެސްޓުތައް ހެދުމަށްޓަކައި، އިސްލާމްއާބާދުގައި ހުންނަ ޕާކިސްތާން އިންސްޓިޓިއުޓް އޮފް މެޑިކަލް ސައިންސެސް (ޕިމްސް) އަށް ރޭގަނޑުގެ ވަގުތެއްގައި އަލުން ގެންގޮސްފިއެވެ.
ޕިމްސް ހޮސްޕިޓަލުގެ އޮފިޝަލަކު މައުލޫމާތު ދެއްވި ގޮތުގައި، ރާވަލްޕިންޑީގެ އަދިއާލާ ޖަލުގައި ބަންދުކޮށްފައިވާ އުމުރުން 74 އަހަރުގެ ޢިމްރާން ޚާން ހޮސްޕިޓަލަށް ގެންގޮސްފައިވަނީ އޭނާއަށް ފަރުވާދެއްވާ ލޮލުގެ ޚާއްސަ ޑޮކްޓަރުގެ ލަފާގެ މަތިން ކުރިއަށްގެންދެވުނު މެޑިކަލް ޗެކަޕެއް ކަމަށް އޮފިޝަލް ހާމަކުރެއްވިއެވެ.
ފަރުވާގެ އިޖުރާއަތްތައް ފެށުމުގެ ކުރިން ޢިމްރާން ޚާންގެ މެޑިކަލް ސައިންތައް ޗެކްކުރެވުނުއިރު، އޭނާގެ ޙާލަތު ރަނގަޅު ކަމަށް ޑޮކްޓަރުން ވަނީ ކަށަވަރުކޮށްދެއްވާފައެވެ. އަދި އުސޫލުތަކާ އެއްގޮތަށް ބޭނުންވާ ހުއްދަތައް ހޯދުމަށްފަހު، ލޮލުގެ ޚާއްސަ ޑޮކްޓަރުންގެ ޓީމަކުން ވަނީ އޭނާގެ ލޮލަށް "އެންޓި-ވީއީޖީއެފް" އިންޖެކްޝަނެއް ދީފައެވެ.
ފަރުވާ ދިނުމުގެ ކުރިންނާއި ފަރުވާގެ ތެރޭގައި އަދި ފަރުވާއަށްފަހު ވެސް އޭނާގެ ޙާލަތު އޮތީ ސާބިތުކޮށް ކަމަށް ހޮސްޕިޓަލުން ބުންޏެވެ.
2023 ވަނަ އަހަރުގެ އޯގަސްޓް މަހުން ފެށިގެން ޖަލުގައި ބަންދުކޮށްފައިވާ ޢިމްރާން ޚާންގެ ލޮލުގެ ނާރެއް ބަންދުވުމުގެ މައްސަލައެއް ރިޕޯޓު ކޮށްފައި ވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ ފަހުކޮޅުއެވެ. އޭގެ ފަހުން އޭނާގެ ސިއްހީ ޙާލަތު ދަށްވަމުންދާތީ، ޕާޓީގެ ސަޕޯޓަރުންނާއި އާއިލާއިން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.






