ޕާކިސްތާނުގެ ޚައިބަރު ޕަޚްތޫންޚްވާ ޕްރޮވިންސްގެ ކޮހާތު ސަރަހައްދުގައި ގާނޫނާ ޚިލާފަށް ރަން ކޮނުމުގެ މަސައްކަތްކުރާ ފަރާތްތަކާ ދެކޮޅަށް ހިންގި ޚާއްސަ އޮޕަރޭޝަނެއްގެ ތެރެއިން، ސިފައިންގެ ގްރޫޕަކަށް ޓެރަރިސްޓުން ދިން ބަޑީގެ ހަމަލާތަކެއްގައި 12 އޮފިޝަލުން ޒަޚަމްވެއްޖެއެވެ.
މި ހާދިސާއާ ގުޅިގެން ރެސްކިއު 1122 ގެ ތަރުޖަމާނު ޖަވާދު އަފްރީދީ ވިދާޅުވީ، ހަމަލާ ހިނގި ތަނުގައި އިތުރު ބަޔަކު މަރުވެފައިވާ ކަމުގެ މަޢުލޫމާތު ލިބެމުންދާ ކަމަށެވެ.
ޚައިބަރު ޕަޚްތޫންޚްވާގެ ސިފައިން ނެރުނު ބަޔާނެއްގައިވާ ގޮތުން، މި ހަމަލާގެ ފަހަތުގައިވަނީ ސަރުކާރުން މަނާކޮށްފައިވާ ތަހްރީކޭ ތާލިބާން ޕާކިސްތާން (ޓީޓީޕީ) އަށް ނިސްބަތްވާ ޓެރަރިސްޓް ގްރޫޕެވެ.
ސިފައިން ބުނި ގޮތުގައި، މި އޮޕަރޭޝަނަކީ ނިރުބަވެރިންނާއި ކުށްވެރިން ގުޅިގެން ރަން ކޮނުމުގެ ބޮޑު ނެޓްވޯކެއް ހުއްޓުވުމަށް ހިންގުނު ޚާއްސަ ހަރަކާތެކެވެ. ހަމަލާއަށްފަހު އެ ސަރަހައްދަށް އިތުރު ސިފައިން ފޮނުވައި، ދެފަރާތުގެ މެދުގައި ވަނީ ބަޑީގެ ހަމަލާތައް ބަދަލުކުރެވިފައެވެ.
މި ހާދިސާ ހިނގާފައިވަނީ، ރަން ކޮނުމުގެ މަސައްކަތަށް ބޭނުންކުރާ އެކްސްކަވޭޓަރުތައް ޢާންމުންގެ ގޭގޭގައި ޕާކުކުރުމާއި، މަނާ ސަރަހައްދުތަކުގައި ޕެޓްރޯލް ވިއްކުން މަނާކޮށް ކޮހާތުގެ ޑެޕިއުޓީ ކޮމިޝަނަރު 60 ދުވަހުގެ އަމުރެއް ނެރުއްވިތާ އެއް ދުވަސްފަހުންނެވެ.
އިދާރާތަކުން ބުނާ ގޮތުގައި، ގޭގޭގައި ޕާކް ކޮށްގެން އެކްސްކަވޭޓަރުތައް ބޭނުންކުރުމަކީ ޤާނޫނާ ޚިލާފަށް ރަން ކޮނުމަށް މަގުފަހިވެ، ސަރަހައްދީ ސަލާމަތަށް ބޮޑު ނުރައްކަލެއް ކުރިމަތިވާ ކަމެކެވެ.
ޚައިބަރު ޕަޚްތޫންޚްވާގެ ގަވަރނަރު ފައިސަލް ކަރީމް ކުންޑީ ވަނީ މި ހަމަލާ ހަރުކަށި އިބާރާތުން ކުށްވެރިކުރައްވައި، ހާދިސާގެ ތަފްސީލީ ރިޕޯޓަކަށް އެދިވަޑައިގެންފައެވެ.
މިދިޔަ މަސްތަކުގައިވެސް ޚައިބަރު ޕަޚްތޫންޚްވާންގައި ސިފައިންނަށް އަމާޒުކޮށް ވަނީ ގިނަ ހަމަލާތަކެއް ދީފައެވެ. އެގޮތުން، ބަޖާވަރުާއި އުތުރު ވަޒީރިސްތާންގެ އިތުރުން މުހްމަންދު ޕޫރުގައި ދިން ހަމަލާތަކުގައިވެސް ސިފައިންގެ ބަޔަކު ވަނީ މަރުވެފައެވެ. ސަލާމަތީ މަސްރަހު ގޯސްވުމުގެ ސަބަބުން، އޮކްޓޫބަރު 11 އިން ފެށިގެން އެ ޕްރޮވިންސް ގައި އޮތީ ގަވަރނަރުގެ ވެރިކަން ހިންގާފައެވެ.






