ބަޣުދާދުގައި ޔަހޫދީންގެ ތާރީޚު ދައްކުވައިދޭ ފުރަތަމަ މިއުޒިއަމް ހުޅުވުމާއެކު ބޮޑެތި ބަހުސްތައް އުފެދިއްޖެ

ބަޣުދާދުގެ މަޝްހޫރު ޝާރިޢު އައްރަޝީދުގައި ޔަހޫދީންގެ ތާރީޚާއި ސަގާފަތް ދައްކުވައިދޭ ޚާއްސަ މިއުޒިއަމެއް މިދިޔަ އޮކްޓޯބަރު މަހުގެ ފަހުކޮޅު ހުޅުވުމާ ގުޅިގެން، ޢިރާޤުގެ ސިޔާސީ މަސްރަހުގައި ހަމަނުޖެހުން އުފެދިއްޖެއެވެ. 1928 ވަނަ އަހަރު ބިނާކޮށްފައިވާ ތާރީޚީ ސްކޫލެއްގެ އިމާރާތުގައި ޤާއިމުކޮށްފައިވާ "ޝަމާޝް ޔަހޫދީ ތަރިކައިގެ މިއުޒިއަމް" އަކީ ޢިރާޤުގައި ޔަހޫދީންގެ ކަންކަން ރައްކާތެރިކުރުމަށް ހުޅުވުނު ފުރަތަމަ މައުރަޒެވެ.

މި މިއުޒިއަމްގައި ޢިރާޤުގެ ފުރަތަމަ މާލީ ވަޒީރު ސާސޫން ޙަސްޤީލްއާއި ޑޮކްޓަރު ޡާފަރު ފުއާދު އެލިއާހޫ ފަދަ މަޝްހޫރު މީހުންނާ ގުޅުންހުރި ލިޔުންތަކާއި، އާއިލީ ފޮޓޯތަކާއި، ސްކޫލް ސެޓްފިކެޓްތަކުގެ 2,600 އަހަރުގެ ދިގު ތާރީޚެއް ދައްކުވައިދޭ ތަކެތި ވަނީ ޢާންމުކޮށްފައެވެ. ޢިރާޤުގައި މިހާރު ތިބި މަދު ޔަހޫދީންކޮޅެއްގެ އިސްވެރިޔާ ޑޮކްޓަރު ޚާލިދާ ފުއާދު އެލިއާހޫއާއި ޤާނޫނީ ވަީލު ޢައްމާރުު އަލްތަމީމީގެ އިސްނެގުމަކަށް، އަމިއްލަ ފައިސާއިން ތަރައްޤީކުރި މި މިއުޒިއަމަށް ޒިޔާރަތް ކުރާ މީހުންގެ އަދަދު ގިނައެވެ. ޚާއްސަކޮށް، 20 ވަނަ ޤަރުނުގެ މެދުތެރޭގައި ޔަހޫދީން އެ ޤައުމުން ހިޖުރަކުރުމުގެ ކުރިން މުޖުތަމަޢުގެ ބަޔެއްގެ ގޮތުގައި އުޅުނު ދުވަސްތައް ހަނދާންކޮށް، ގިނަ ބަޔަކު ދަނީ އެތަނަށް ޒިޔާރަތްކުރަމުންނެވެ.

ނަމަވެސް، މި މިއުޒިއަމް ހުޅުވުމާއެކު މިއީ ޘަޤާފީ ކަމެއްގެ ބަދަލުގައި އިސްރާއީލާއެކު ގުޅުން ބަދަހިކުރުމަށް ވަގުވަގަށް މީހުންގެ ބޯކައިލުމަށް މަގުފަހިކުރާ ޖާސޫސީ އަދި ސިޔާސީ ޢަމަލެއް ކަމަށް ބުނެ ބައެއް ފަރާތްތަކުން ވަނީ މިކަމަށް ފާޑުކިޔާފައެވެ.

ބަދުރު ޖަމާޢަތުގެ ސިޔާސީ އޮފީހުގެ ވެރިޔާ މުޙައްމަދު ނާޖީ މުޙައްމަދު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއީ ބަޣުދާދުގެ ސަލާމަތާއި ސަގާފަތަށް ކުރިމަތިވި ނުރައްކާތެރި ކަމެއް ކަމަށާއި، ޢިރާޤުގެ ބިމަކީ ޒަޔަނިސްޓުންގެ މަޝްރޫޢުތައް ހިންގާ ސަރަޙައްދެއް ނޫން ކަމަށެވެ. އަދި މިކަމުގެ ޒިންމާ ނަގަންޖެހޭ ފަރާތްތައް ޖަވާބުދާރީކުރުވުމަށް އޭނާ ގޮވާލައްވާފައިވެއެވެ.

މީގެއިތުރުން، އެކަޑަމިކް ބޭފުޅުންނާއި ބައެއް މުޙައްލިލުން ވިދާޅުވަނީ ޔަހޫދީންގެ ތަރިކަ ދައްކުވައިދިނުމުގެ ނަމުގައި ހިންގާ މިފަދަ ހަރަކާތްތަކަކީ ޢިރާޤުގައި ޤާނޫނީ ގޮތުން މަނާކޮށްފައިވާ އިސްރާއީލާ އެއްވެސް ގުޅުމެއް ބޭއްވުމުގެ މަނާކުރުންތައް ނައްތާލުމަށް މަގުފަހިކުރުމަށް ބޭނުންކުރާ އޮޅުވާލުމުގެ ސްޓްރެޓެޖީއެއް ކަމަށެވެ.

މިކަމާ ގުޅިގެން މިއުޒިއަމް ހިންގާ ފަރާތްތަކުން ބުނެފައިވަނީ، މި މަޝްރޫޢަކީ އެއްވެސް ޔަހޫދީ ސިޔާސީ އެޖެންޑާއަކަށް ހިންގާ ކަމެއް ނޫން ކަމަށާއި، މިއީ ހަމައެކަނި ޢިރާޤުގެ ތާރީޚާ ސަގާފީ ތަރިކަ ރައްކާތެރިކުރުމަށް ކުރެވޭ މަސައްކަތެއް ކަމަށެވެ. އަދި ބަޣުދާދުގެ ޔަހޫދީ ޖަމާޢަތުން ބުނާގޮތުގައި ޔަހޫދީންގެ ތާރީޚު ދިރާސާކުރުމާއި ތަރިކަ ސަލާމަތްކުރުމަކީ "ޔަހޫދީ ދުޝްމަންކަން" ނުވަތަ އެންޓި-ސެމިޓިޒަމްގެ ކަމެއްގެ ގޮތުގައި މާނަކޮށްގެން ނުވާނެ އެވެ.

ހިއްސާ ކުރައްވާ!