ވަޤުފު އިމާރާތް "ދާރުއްނޫރު" ގެ މަޝްރޫޢު އިފްތިތާޙުކޮށްފި

ދައުލަތުގެ ބަޖެޓަށް ބަރޯސާވުން ކުޑަކޮށް، ދެމެހެއްޓެނިވި މާލީ ވަސީލަތްތައް މެދުވެރިކޮށް ކީރިތި ޤުރުއާނުގެ ދާއިރާ ކުރިއެރުވުމުގެ މަޤުޞަދުގައި ބިނާކުރާ 15 ފަންގިފިލާގެ ޚާއްސަ ވަޤުފު އިމާރާތް، "ދާރުއްނޫރު" މަޝްރޫޢު އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން އަންގާރަ ދުވަހު އިފްތިތާޙުކޮށްފިއެވެ.

ސަރުކާރަށް 156 ހަފުތާ ފުރުން ފާހަގަކުރުމުގެ ގޮތުން އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި، މި މަޝްރޫޢު އިފްތިތާޙުކޮށް އިމާރާތުގެ ކުރެހުންތައް ވަނީ ފުރަތަމަ ފަހަރަށް އާންމުންނަށް ދައްކާލާފައެވެ.

އިޤްތިޞާދީ ގޮތުން އެންމެ ބޮޑު މަންފާއެއް ހާސިލުކުރެވޭނެ ފަދަ ޒަމާނީ ފަރުމާއަކަށް ބިނާކުރާ މި 15 ފަންގިފިލާގެ އިމާރާތުގައި ވިޔަފާރިއާއި އިދާރީ ބޭނުންތަކަށް ޚާއްސަ ގިނަ ބައިތަކެއް ހިމެނެއެވެ. އެގޮތުން، އޮފީސް ޖާގަތަކާއި، ކޮމާޝަލް އޭރިއާތަކުގެ އިތުރުން، ބައްދަލުވުންތަކާއި ހަރަކާތްތައް ބޭއްވުމަށް ޚާއްސަ ހޯލަކާއި މީޓިންގ ރޫމްތައް މި އިމާރާތުގައި ޤާއިމުކުރެވޭނެއެވެ. މީގެ އިތުރުން، ޢިލްމީ ދިރާސާތަކަށް މަގުފަހިކޮށްދޭ ލައިބްރަރީއަކާއި، އާންމުންނަށް ޚިދުމަތްދޭ ރެސްޓޯރެންޓެއްވެސް "ދާރުއްނޫރު" އިމާރާތުގައި ހިމެނޭނެއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަޤުފުގެ ދާއިރާ ފުޅާކުރުމަށް ގެންގުޅޭ ސްޓްރެޓެޖީގެ ދަށުން ކުރިއަށްގެންދާ މި. މަޝްރޫޢަށް ބޭނުންވާ ފައިސާ މިހާރު ވަނީ އެއްކޮށް ހަމަޖެހިފައެވެ. އަދި އަންނަ 2027 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ތެރޭގައި އިމާރާތުގެ ޢަމަލީ މަސައްކަތް ފެށުމަށްޓަކައި ވާންޖެހޭ އެންމެ ފަހުގެ ތައްޔާރީތައް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން މިހާރު ދަނީ ކުރަމުންނެވެ.

ފާއިތުވި އަހަރުތަކުގައި ރާއްޖޭގެ އިސްލާމީ ދާއިރާގެ އެކި ހަރަކާތްތަކާއި މަޝްރޫޢުތައް ހިންގުމުގައި މައިގަނޑު ގޮތެއްގައި ބަރޯސާވާން ޖެހިފައި އޮތީ ދައުލަތުގެ އަހަރީ ބަޖެޓުން ދޫކުރާ ފައިސާއަށެވެ. ނަމަވެސް، އައުޤާފުގެ ނިޒާމު ހަރުދަނާކޮށް، އާމްދަނީ ލިބޭނެ ބޮޑެތި ބިނާތައް ތަރައްޤީކުރުމަކީ ދީނީ އަދި އިޖުތިމާޢީ ޚިދުމަތްތައް މެދުކެނޑުމެއް ނެތި ދެމެހެއްޓުމަށް އެޅޭ މުހިންމު ފިޔަވަޅެއްގެ ގޮތުގައި ކަމާބެހޭ ފަރާތްތަކުން ދެކެއެވެ.

އިސްލާމީ ކަންތައްތަކާއި އައުޤާފާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، މި އިމާރާތް ފަރުމާކޮށްފައިވަނީ މުޅި އިމާރާތުންވެސް މާލީ ނަފާ ލިބޭނެ އުޞޫލަކުންނެވެ. އަދި މި ވަޤުފު އިމާރާތުން ލިބޭ އާމްދަނީ ސީދާ ހޭދަކުރުމަށް ހަމަޖެހިފައިވަނީ ދިވެހިރާއްޖޭގައި ކީރިތި ޤުރުއާން ކިޔެވުމާއި، ހިތުދަސްކުރުމާއި، ޤުރުއާނުގެ ޢިލްމު ފެތުރުމުގެ ދާއިރާ އިތުރަށް ފުޅާކޮށް ތަރައްޤީކުރުމުގެ މަޝްރޫޢުތަކަށެވެ.

"ދާރުއްނޫރު" މަޝްރޫޢުގެ އިތުރުން، މާލެ ސަރަޙައްދުގައި އިތުރު ދެ ވަޤުފު އިމާރާތެއް ބިނާކުރުމުގެ ޢަމަލީ މަސައްކަތްވެސް ސަރުކާރުން މިހާރު ވަނީ ފަށާފައެވެ. އެއީ "ދާރުލްއަރްޤަމް" އާއި "ދާރުއްސަލާމް" ވަޤުފު މަޝްރޫޢެވެ.

ހިއްސާ ކުރައްވާ!