ޕާކިސްތާނުގެ އުތުރުގައި އޮންނަ ޚައިބަރު ޕަޚްތުންޚުވާ ޕްރޮވިންސުގައި ރަން ނެގުމުގެ ހުރިހާ ޙަރަކާތެއް ވަގުތީގޮތުން މެދުކަނޑާލައި، އެކަމާ ގުޅޭ ލީސްތައް ބާޠިލުކޮށްފިއެވެ. މި ފިޔަވަޅު އަޅާފައިވަނީ ޤާނޫނާ ޚިލާފަށް ރަން ނަގައިގެން ލިބޭ ބިލިއަނުން ގުނާލެވޭ އާމްދަނީން މާލީ އެހީތެރިކަން ހަނގުރާމަވެރި ޖަމާޢަތްތަކަށް ފޯރުކޮށްދިމަށް ބޭނުންކުރަމުންދާ ކަމަށް ތުހުމަތުކުރެވުމާ ގުޅިގެންނެވެ. މި މައްސަލައަކީ ސަރަޙައްދުގެ އަމަންއާމާންކަމަށް ބޮޑު ނުރައްކަލެއް ކުރިމަތިކުރުވާ ކަމެއް ކަމަށް ސަރުކާރުން ބުނެއެވެ.
އެ ޕްރޮވިންސުގެ ގަވަރުނަރު ފައިސަލް ކަރީމް ކުންޑީ ހާމަކުރެއްވި ގޮތުގައި، ކޮހާޓް ސަރަޙައްދުގައި ކޮންމެ މަހަކުވެސް ގާތގަނޑަކަށް 90 ކިލޯގެ ރަން ނަގަމުންދާ ކަމަށާއި، އޭގެ އަގު 4.2 ބިލިއަން ރުޕީޒަށް އަރާކަމަށެވެ. އަދި މި ފައިސާގެ 80 އިންސައްތަ ދަނީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވާ ހަނގުރާމަވެރި ފަރާތްތަކަށެވެ. މި ރަން ނެގުމުގެ ސަބަބުން ޤައުމުގެ އިޤްތިޞާދަށާއި ސަލާމަތީ ނިޒާމަށް ބޮޑެތި ގެއްލުންތަކެއް ލިބެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.
މި ނިންމުން ނިންމާފައިވަނީ، ޤާނޫނާ ޚިލާފަށް ރަން ނަގާ ފަރާތްތަކާ ދެކޮޅަށް ހިންގި ޚާއްޞަ ޢަސްކަރީ ޙަރަކާތެއްގެ ތެރޭގައި ހިނގި ނުރައްކާތެރި ކުރިމަތިލުންތަކެއްގައި 10 ފުލުހުންނާއި 18 ހަނގުރާމަވެރިން މަރުވުމާ ގުޅިގެންނެވެ. މި ޙާދިސާއަށްފަހު، ޕްރޮވިންސުގެ އެކި ސަރަޙައްދުތަކުގައި ރަން ނެގުން މަނާކުރުމުގެ އިތުރުން، އެކަމާ ގުޅޭ ހުއްދަތައް އުވައިލައި، އެ ސަރަޙައްދުތަކުން ބަރު އުނދުނުތަކާއި މެޝިނަރީތައް ހަތް ދުވަހުގެ ތެރޭގައި ނެގުމަށް އަންގާފައިވެއެވެ.
މި މައްސަލައާ ގުޅޭގޮތުން އިތުރު ތަފުޞީލު ހާމަކުރައްވަމުން ގަވަރުނަރު ވިދާޅުވީ، ޤައުމުގެ ސަލާމަތީ ކަންކަމަށް ނުރައްކާވާފަދަ ގޮތަކަށް ހިންގާ މިފަދަ ޖަރީމާތަކަށް އިތުރަށް ފުރުޞަތު ނުދޭނެ ކަމަށެވެ. އަދި ރަން ނެގުމުގެ ނަމުގައި ހިންގާ ވިޔަފާރިތަކަކީ ސަރަޙައްދީ އަމަންއާމާންކަމަށް އޮތް ބޮޑު ގޮންޖެހުމެއް ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި ފިޔަވަޅުތަކުގެ ސަބަބުން ހަނގުރާމަވެރިންނަށް ލިބެމުންދާ މާލީ އެހީތެރިކަމަށް ބޮޑު ހުއްޓުމެއް އަންނާނެ ކަމަށް ލަފާކުރެވެއެވެ.
މިތުހުމަތުތަކެއް ކޮށްފައިވީ ނަމަވެސް، މި ކަމާ ގުޅޭގޮތުން މިނިވަން ފަރާތަކުން އަދި ޙަޤީޤަތް ދެނެގަނެވިފައެއް ނުވެއެވެ. ނަމަވެސް، ޕާކިސްތާނުގެ ސަރުކާރުން ވަނީ މި މައްސަލަގައި، ޤާނޫނީ ފިޔަވަޅުތައް ވަރުގަދަކުރުމަށް ނިންމާފައެވެ. އަދި ކުރިއަށް އޮތް ތަނުގައި މިފަދަ ޢަމަލުތައް ހުއްޓުވުމަށް އިތުރު ފިޔަވަޅުތައް އަޅާނެ ކަމަށް ބުނެފައިވެއެވެ.






