ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާ (ޑަބްލިއުއެޗްއޯ) ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ ރީޖަނަލް ޑިރެކްޓަރުގެ މަޤާމަށް، ދިވެހި ސަރުކާރުގެ ފަރާތުން ކުރީގެ ޞިއްޙަތާބެހޭ ވަޒީރު ޑރ. އަޙްމަދު ޖަމްޝީދު މުޙައްމަދުގެ ނަން ހުށަހަޅައިފިއެވެ.
ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 10 ޤައުމު ހިމެނޭ މި މަޤާމަށް ކުރިމަތިލުމުގެ ސުންގަޑި މި ނޮވެމްބަރު މަހުގެ 13 ވަނަ ދުވަހަށް ހަމަވިއިރު، ސަރަޙައްދުގެ އެހެން ޤައުމުތަކުންވެސް ވަނީ ޤާބިލު ކެންޑިޑޭޓުން ނެރެފައެވެ. އެގޮތުން ޑރ. ޖަމްޝީދުގެ އިތުރުން މި މަޤާމަށް ދެން ވާދަކުރައްވަނީ ބޫޓާނުގެ ކުރީގެ ބޮޑުވަޒީރު އަދި ކުރީގެ ހެލްތު މިނިސްޓަރު ސަންގޭ ނެޑުޕްއާއި، ނޭޕާލްގެ ބޮޑުވަޒީރުގެ އޮފީހުގެ އެޑިޝަނަލް ސެކްރެޓަރީ ޑރ. ސަންގީތާ މިޝްރާސްރީގެ އިތުރުން ސްރީލަންކާގެ ޞިއްޙަތާބެހޭ ވުޒާރާގެ ސެކްރެޓަރީ ޑރ. އަނިލް ޖަސިންހޭއެވެ.
މި މަޤާމަށް ރާއްޖެއިން ހުށަހެޅި ޑރ. ޖަމްޝީދަކީ ޢާންމު ޞިއްޙަތުގެ ދާއިރާއާއި ބައިނަލްއަޤުވާމީ ޞިއްޙީ ޑިޕްލޮމެސީގައި 30 އަހަރަށްވުރެ ދިގު މުއްދަތެއްގައި ޚިދުމަތް ކުރައްވާފައިވާ ތަޖުރިބާކާރު ބޭފުޅެކެވެ. 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހުން ފެށިގެން އޭނާ މިހާރު އަދާކުރައްވަމުން ގެންދަވަނީ، ބަންގްލަދޭޝްއަށް ޑަބްލިއުއެޗްއޯއިން ކަނޑައަޅާފައި ހުންނަވާ މަންދޫބުގެ މަޤާމެވެ.
ދުނިޔޭގެ ޞިއްޙަތު ޖަމުޢިއްޔާގައި ޑރ. ޖަމްޝީދު ހޭދަކުރެއްވި 12 އަހަރުގެ މުއްދަތުގައި، ސަރަޙައްދީ ފެންވަރުގެ މުހިންމު ގިނަ މަޤާމުތަކެއް ވަނީ ފުރުއްވާފައެވެ. އޭގެ ތެރޭގައި އުތުރު ކޮރެއާގައި ހުންނަވާ ޑަބްލިއުއެޗްއޯގެ މަންދޫބުކަމާއި، ބަންގްލަދޭޝްގައި ހުންނަވާ މަންދޫބުގެ ނައިބުކަމުގެ އިތުރުން، ޑަބްލިއުއެޗްއޯގެ ސައުތު-އީސްޓް އޭޝިއާ ރީޖަނަލް އޮފީސް (ސީރޯ) ގެ ރީޖަނަލް އެޑްވައިޒަރުގެ މަޤާމު ހިމެނެއެވެ.
ބައިނަލްއަޤުވާމީ މައިދާނަށް ނުކުމެވަޑައިގަތުމުގެ ކުރިން، ޑރ. ޖަމްޝީދު ވަނީ ދިވެހިރާއްޖޭގެ ޞިއްޙީ ނިޒާމު ހަރުދަނާކުރެއްވުމުގައި އިސް ދައުރެއް އަދާކުރައްވާފައެވެ. 2012 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ޞިއްޙަތާބެހޭ ވަޒީރުކަން ކުރެއްވިއިރު، އޭގެ ކުރިން ސެންޓަރ ފޯ ކޮމިއުނިޓީ ހެލްތު އެންޑް ޑިޒީޒް ކޮންޓްރޯލް (ސީސީއެޗްޑީސީ) ގެ ޑިރެކްޓަރ ޖެނެރަލްގެ މަޤާމުގައި ހުންނަވައިގެން ރާއްޖޭގެ ޢާންމު ޞިއްޙަތު ކުރިއެރުވުމަށް ގިނަ މަސައްކަތް ކުރެއްވިއެވެ.
ޏ. ފުވައްމުލަކަށް އުފަން ޑރ. ޖަމްޝީދު ތަޢުލީމު ހާސިލުކުރެއްވީ ފުރަތަމަ ޑިގްރީ (އެމްބީބީއެސް) ފުރިހަމަކުރެއްވީ އިންޑިއާގެ އިންދިރާ ގާނދީ ގަވަރމަންޓް މެޑިކަލް ކޮލެޖުންނެވެ. އަދި މާސްޓަރ އޮފް ޕަބްލިކް ހެލްތު ހާސިލުކުރެއްވީ އިނގިރޭސިވިލާތުގެ މަޝްހޫރު ލަންޑަން ސްކޫލް އޮފް ހައިޖީން އެންޑް ޓްރޮޕިކަލް މެޑިސިންއިންނެވެ.
ސަރަޙައްދީ ޞިއްޙީ ސިޔާސަތުތައް ބައްޓަންކުރުމުގައި އޭނާގެ ތަޖުރިބާއާއި ޢިލްމީ ޤާބިލުކަމަކީ މި އިންތިޚާބުގައި ރާއްޖެއަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެއްގެ ގޮތުގައި ބެލެވެއެވެ.







