އިސްރާޢީލުގެ 26 ވަނަ ކްނެސެޓް އިންތިޚާބަށްފަހު އައު ސަރުކާރު އެކުލަވާލުމުގެ މެންޑޭޓް ޙަވާލުކުރެވިފައިވާ "ޔަޝާރު" ޕާޓީގެ ލީޑަރު އަދި ސިފައިންގެ ކުރީގެ ޗީފް އޮފް ސްޓާފް ގާޑީ އައިޒެންކޮޓާއި، ލިކުޑް ޕާޓީއާ ދެމެދު ބޭއްވި ހަތަރު ގަޑިއިރުގެ ދިގު މަޝްވަރާ ބައްދަލުވުން އެއްވެސް އެއްބަސްވުމަކަށް ނާދެވި ނިމުމަކަށް އަތުވެއްޖެއެވެ. ޤާނޫނުއަސާސީން ދީފައިވާ 28 ދުވަހުގެ މުހުލަތުގެ ތެރޭގައި ސަރުކާރެއް އެކުލަވާލުމަށް އައިޒެންކޮޓް ކުރައްވަމުން ގެންދަވާ މަސައްކަތްތަކަށް މި ނާކާމިޔާބީއާއެކު އިތުރު ގޮންޖެހުންތަކެއް ވަނީ ކުރިމަތިވެފައެވެ.
އިންތިޚާބަށްފަހު ކްނެސެޓްގެ 67 މެންބަރުންގެ ތާޢީދާއެކު އައިޒެންކޮޓަށް ސަރުކާރު އެކުލަވާލުމުގެ ފުރުޞަތު ލިބިވަޑައިގެންނެވިއިރު، މިހާރުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫއަށް ލިބުނީ 46 މެންބަރުންގެ ތާޢީދެވެ. ނަމަވެސް، "ޔަޝާރު" ޕާޓީއާއި ލިކުޑް ޕާޓީގެ ވަފުދުތަކުން ބޭއްވި މަޝްވަރާތަކަށްފަހު ނެރުނު ގުޅިފައިވާ ބަޔާނެއްގައި ބުނެފައިވަނީ، މައިގަނޑު މައްސަލަތަކާ ގުޅޭގޮތުން ދެ ފަރާތުގެ ސްޓޭންޑް ހާމަކޮށް ތަފްޞީލީ ބަހުސްތަކެއް ކުރެވުނު ނަމަވެސް، އިތުރު ބައްދަލުވުމެއް ބޭއްވުމަށް އެއްބަސްވުން ފިޔަވައި އެހެން ނަތީޖާއެއް ނުނިކުންނަ ކަމަށެވެ.
މި މަޝްވަރާތަކުގައި އުފެދިފައިވާ އެންމެ ބޮޑު ޚިޔާލު ތަފާތުވުމަކީ،
- 21 ގޮނޑި ކާމިޔާބުކޮށްފައިވާ އައިޒެންކޮޓްގެ ޕާޓީން އެއްވެސް ދައުރުކުރުމަކާ ނުލައި މުޅި ދައުރުގައި ބޮޑުވަޒީރުކަމުގައި އައިޒެންކޮޓް ހުންނެވުމަށް ޝަރުޠުކުރުމާއި،
- ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެންގްވީރުއާއި އޭނާގެ "ޖުވިޝް ޕަވަރ" ޕާޓީ ކޯލިޝަނުން ބޭރުކުރުމަށް ޑިމާންޑް ކުރުމެވެ.
އެ ކަމުގެ ރައްދުގައި، 26 ގޮނޑިއާއެކު އެންމެ ބޮޑު ޕާޓީގެ ގޮތުގައި އޮތް ލިކުޑް ޕާޓީން ވަނީ ބެންގްވީރު ބޭރުކުރުމަށް ވައުދުވުމަށް ދެކޮޅު ހަދައި، ބޮޑުވަޒީރުކަމުގައި ނަތަންޔާހޫ ހުރުމަށް ޝަރުޠުކޮށްފައެވެ. މީގެ ކުރިން ވެސް ނަތަންޔާހޫ ވެފައިވާ އެއްބަސްވުންތަކާ ޚިލާފްވެ ކްނެސެޓް އުވާލާފައިވާތީ، ނަތަންޔާހޫއާއެކު ބޮޑުވަޒީރުކަން ދައުރުކުރާ ގޮތަށް އެއްބަސްނުވުމަށް އިސްރާޢީލުގެ އޮފިޝަލުން ވަނީ އައިޒެންކޮޓަށް އިންޒާރު ދެއްވާފައެވެ.
މި ނުތަނަވަސްކަމުގެ ތެރެއިން، އައިޒެންކޮޓްގެ ކޭމްޕާއި އުަސޫލީ ސަލަފީ ޔަހޫދީންގެ ޙަރޭދީ މީހުންގެ "ޔަހާދުތު ހަޓޯރާ" ބްލޮކާ ދެމެދު ފާއިތުވި 24 ގަޑިއިރުގެ ތެރޭގައި ސިއްރު މަޝްވަރާތަކެއް ކުރިއަށްގޮސް، އެދެވޭ ކުރިއެރުންތަކެއް ލިބިފައިވާ ކަމަށް އިސްރާޢީލުގެ ޗެނަލް 12 އިން ރިޕޯޓުކޮށްފައިވެއެވެ.
ޙަރޭދީން ސިފައިންގެ ޚިދުމަތަށް ނެގުމާ ގުޅޭ ޤާނޫނަށް އައިޒެންކޮޓް ގެންނަން ހުށަހަޅުއްވާފައިވާ އައު އިޞްލާޙުތަކާއެކު، ޔަހޫދީ ފާދިރިންނާއި ދީނީ ޢިލްމުވެރިންގެ ރުހުން ލިބިއްޖެނަމަ އާރިޔާ ދެރީގެ "ޝާސް" ޕާޓީން ވެސް އައިޒެންކޮޓަށް ތާޢީދުކުރުމުގެ ފުރުޞަތު ބޮޑުވެގެންދާނެއެވެ. އާރިއާ ދެރީއަކީ ކޮރަޕްޝަންގެ ކުށްސާބިތުވެ އިސްރާއީލުގެ ރަސްމީ އެއްވެސް މަގާމަކާ ހަވާލުވުން މަނާކޮށް ކޯޓުން އޭނާއާ ދެކޮޅަށް ހުކުމް ކޮށްފައިވާ މީހެކެވެ.
މިހާރު އުފެދިފައިވާ ސިޔާސީ މަރުތަޅުން ނުކުތުމަށް އައިޒެންކޮޓްގެ ކުރިމަތީގައި އޮތީ މައިގަނޑު ތިން ސްޓްރެޓެޖީއެކެވެ.
- އެއީ ޢަރަބި ޕާޓީތަކުގެ ބޭރުގެ ތާޢީދާއެކު 48 މެންބަރުންގެ މައިނޯރިޓީ ސަރުކާރެއް އެކުލަވާލުން ނުވަތަ ހަރުކަށި ކަނާތުފިޔައިގެ ޕާޓީތަކާ ވަކިވާން ލިކުޑް ޕާޓީ އެއްބަސްވާނަމަ އެއްބައިވަންތަކަމުގެ ސަރުކާރެއް އުފެއްދުމެވެ. މި ދެ ގޮތް ކާމިޔާބު ނުވެއްޖެނަމަ، އައު އިންތިޚާބަކަށް ދިއުމުގެ ކުރިން ޤައުމީ ކުއްލި ޙާލަތުގެ ސަރުކާރެއް އެކުލަވާލުމަށް ކްނެސެޓަށް ހުށަހެޅުމުގެ އިޚްތިޔާރު ވެސް އޭނާއަށް އެބައޮތެވެ.
އަނެއްކޮޅުން، ނަތަންޔާހޫގެ ސްޓްރެޓެޖީއަކީ ހަތަރު އަހަރު ވަންދެން ބޮޑުވަޒީރުކަމުގައި ހުރުމާއި، ޣައްޒާ ހަނގުރާމައާ ގުޅިގެން އޮކްޓޫބަރު 7 ގެ ހާދިސާތައް ތަޙުޤީގު ނުކުރުމެވެ.






