އަނެއްކާވެސް އެމެރިކާގެ ޖާސޫސީ އިދާރާތައް ހެކްކޮށްފި

އެމެރިކާގެ މަރުކަޒީ ޖާސޫސީ އިދާރާ (ސީއައިއޭ) އާއި ނޭޝަނަލް އިންޓެލިޖެންސް ޑިރެކްޓަރުގެ އޮފީހަށް އަމާޒުކޮށް ދިން އާ ސައިބާ ހަމަލާއެއްގައި، އެ އިދާރާތަކުގެ ސިސްޓަމްތައް ހެކްކޮށްފި ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފިއެވެ.

މި ކަމާ ގުޅޭ މައުލޫމާތު އެނގޭ މަސްދަރަކާ ހަވާލާދީ "ނިއުޔޯކް ޓައިމްސް" އިން ރިޕޯޓްކޮށްފައިވާ ގޮތުގައި، މި ހެކްކުރުމުގެ ސަބަބުން ސިއްރު ނޫން ބައެއް މައުލޫމާތުތައް ވަނީ ހާމަވެފައެވެ. މި ހަމަލާ އަމާޒުކޮށްފައިވަނީ އާންމުކޮށް ލިބެން ހުންނަ މައުލޫމާތުތަކުގެ ތެރެއިން ޖާސޫސީ މައުލޫމާތު ދިރާސާކޮށް ހޯދުމަށް ބޭނުންކުރާ ނެޓްވޯކަކަށެވެ. އަދި މި ހަމަލާގައި އެމެރިކާ ސަރުކާރުގެ އެހެން ބައެއް އިދާރާތަކުގެ މައުލޫމާތު ވެސް ލީކުވެފައިވާ ކަމަށް ބެލެވޭ ކަމަށް އެ ނޫހުން ބުނެއެވެ.

މި ރިޕޯޓާ ގުޅިގެން ނޭޝަނަލް އިންޓެލިޖެންސް ޑިރެކްޓަރުގެ އޮފީހުން މީޑިއާއަށް މައުލޫމާތު ދެމުން ބުނީ، "އިދާރާގެ މުހިންމު ގާބިލިއްޔަތުތަކަށް ނުވަތަ ސިއްރު ނިޒާމުތަކަށް އެއްވެސް ކަހަލަ ބުރުލެއް އަރާފައި ނުވާ" ކަމަށެވެ. އަދި ސީއައިއޭގެ މަސްދަރަކުން  ބުނި ގޮތުގައި ހެކްކޮށްފައިވަނީ ސިއްރު ނޫން ސިސްޓަމެއް ކަމަށާއި، ނާޒުކު އެއްވެސް މައުލޫމާތެއް ގެއްލިފައި ނުވެއެވެ.

މިއީ އެމެރިކާގެ ސަރުކާރު އިދާރާތަކަށް ދާދި ފަހުން ކުރިމަތިވަމުންދާ ސައިބާ ހަމަލާތަކާއި ޓެކްނިކަލް މައްސަލަތަކުގެ ސިލްސިލާއަށް އިތުރުވި އާ ބޮޅެކެވެ. މީގެ ކުރިން އެމެރިކާގެ އެގްރިކަލްޗާ ޑިޕާޓްމަންޓާއި، ނޭޝަނަލް ސެކިއުރިޓީ އޭޖެންސީ (އެންއެސްއޭ) ގެ ސިއްރު މުއާސަލާތީ ނެޓްވޯކަކަށް ވެސް ވަނީ މައްސަލަތަކެއް ކުރިމަތިވެފައެވެ. މީގެ އިތުރުން އެފްބީއައި، ޑިފެންސް ޑިޕާޓްމަންޓް އަދި ހޯމްލޭންޑް ސެކިއުރިޓީއަށް ވެސް ވަނީ ސައިބާ ހަމަލާތައް އަމާޒުވެފައެވެ.

ބައެއް ފަރާތްތަކުން ބުނަނީ އެމެރިކާ ސަރުކާރުން ހާމަ ކުރަން ބޭނުންވާ ވަރަށް ވުރެން ބޮޑަށް ސިސްޓަމްތައް ފޫއަޅުވާލާފައިވާ ކަމަށެވެ.

އެފްބީއައިއަށް ދެވަނަ ފަހަރަށް ސައިބާ ހަމަލާއެއް އަމާޒުވިކަން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަނީ ހޮނިހިރު ދުވަހު ކަށަވަރުކޮށްދެއްވާފައެވެ. ފޮކްސް ނިއުސްއަށް ދެއްވި އިންޓަވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އެކަން އެނގިވަޑައިގަތީ ދާދި ދެންމެއަކު ކަމަށާއި، އެއީ އެއްގޮތަކަށް ވެސް ރަނގަޅު ކަމެއް ނޫން ކަމަށެވެ. ނަމަވެސް މި ހާދިސާގެ ސަބަބުން ކުރިން ނޭނގޭ މުހިންމު ކަންތައްތަކެއް ދަސްވެގެން ހިނގައިދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި ހަމަލާ އަމާޒުވެފައިވަނީ އެމެރިކާގެ ފެޑެރަލް، ސްޓޭޓް އަދި ލޯކަލް ފުލުހުންގެ އިދާރާތަކުގެ މެދުގައި ޖިނާއީ އަދުލުގެ މައުލޫމާތު ބަދަލުކުރުމަށް ބޭނުންކުރާ ގައުމީ ޑޭޓާބޭސްއަކަށެވެ. މީގެ ދެ މަސް ކުރިން "ޝައިނީ ހަންޓާސް" ނަމަކަށް ކިޔާ ހެކަރުންގެ ގްރޫޕަކުން ވަނީ އެފްބީއައިގެ ވަޒީފާތަކަށް ކުރިމަތިލާ މީހުންނާއި މުވައްޒަފުންގެ ޒާތީ މައުލޫމާތު ވަގަށް ނަގާފައިވާ ކަމަށް އިއުލާންކޮށްފައެވެ.

ފާހަގަކޮށްލެވޭ ގޮތުގައި، ސަރުކާރު އިދާރާތަކަށް މި ހަމަލާތައް އަމާޒުވެފައި މިވަނީ މައިކްރޮސޮފްޓް، އެޕަލް، ޖޭޕީ މޯގަން ޗޭސް، އަދި އެމެރިކާގެ ފެޑެރަލް އޭވިއޭޝަން އެޑްމިނިސްޓްރޭޝަން (އެފްއޭއޭ) ފަދަ ބޮޑެތި ކުންފުނިތަކާއި އިދާރާތަކުގެ ޓެކްނިކަލް ނިޒާމުތަކަށް ބޮޑެތި ބުރުއެރުންތަކެއް ކުރިމަތިވެފައިވާ ދަނޑިވަޅެއްގައެވެ.

ނަމަވެސް، ޓްރަމްޕްގެ ސަރުކާރުގެ އޮފިޝަލުން ބުނާ ގޮތުގައި މި މައްސަލަތަކަކީ ރާވައިގެން ދީފައިވާ ސައިބާ ހަމަލާތަކެއް ކަމަކަށް ނުބެލެވެއެވެ.

ނޭޝަނަލް އިންޓެލިޖެންސް ޑިރެކްޓަރު ޖޭ ކްލޭޓަން ވިދާޅުވީ، އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) ބޭނުންކޮށްގެން ހެކަރުން ދެމުންދާ ހަމަލާތަކުން ރައްކާތެރިވުމަށްޓަކައި ސިސްޓަމްތަކަށް ގެންނަ ކުއްލި އަޕްޑޭޓްތަކުގެ ސަބަބުން މިފަދަ ޓެކްނިކަލް މައްސަލަތައް ދިމާވަނީ ކަމަށެވެ.

ހިއްސާ ކުރައްވާ!