އީރާނުގެ ވެރިކަމުގެ ނިޒާމުގެ ތެރޭގައި ތިބި ހަރުކަށި ވެރިން ކަމަށް ޓްރަމްޕް ސިފަ ކުރާ ފަރާތްތައް ޓެރަރިސްޓް ހަމަލަތަކެއްގައި އަވަހާރަ ކޮށްލުމުގެ ވިސްނުން ޓްރަމްޕް ގެންގުޅޭ ކަމަށް އެމެރިކާގެ "އެންބީސީ ނިއުސް" އިން ރިޕޯޓްކޮށްފިއެވެ.
އެމެރިކާގެ އޮފިޝަލަކާ ހަވާލާދީ އެ ނޫހުން ބުނެފައިވާ ގޮތުގައި، މި ވިސްނުމާ މެދު އެމެރިކާ ސަރުކާރުގެ ތެރޭގައި ވަނީ ހިޔާލު ތަފާތުވުންތަކެއް އުފެދިފައެވެ. އެގޮތުން މިކަމަށް ތާއީދުކުރާ ފަރާތްތަކުން ދެކޭ ގޮތުގައި، އީރާނުގެ އިސް ވެރިންނަށް އަމާޒުކޮށް ދޭ ޓެރަރިސްޓް ހަމަލާތަކެއްގެ ސަބަބުން ރައީސް ޓްރަމްޕަށް މި ހަނގުރާމަ ނިންމާލުމުގެ ފުރުސަތު ލިބިގެން ގޮސްފާނެއެވެ. ނަމަވެސް މިކަމާ ދެކޮޅު ހަދާ ފަރާތްތަކުން ބުނަނީ، މީގެ ސަބަބުން ކުރިމަގުގައި ތެހެރާނާއެކު ކުރެވިދާނެ ރައްދު ހަމަލަތަކަކާއި ސުލްހައިގެ މަޝްވަރާތަކުގައި ވޮޝިންޓަންގެ ދެފުށްކެހެރިކަން ހާމަވެދާނެ ކަމަށެވެ.
މީގެ އިތުރުން، އީރާނުގެ ލީޑަރުންނަށް ޓެރަރިސްޓް ހަމަލާދީފިނަމަ އެމެރިކާގެ އޮފިޝަލުންނަށް ކުރިމަތިވާ ނުރައްކާ އިތުރަށް ބޮޑުވެގެންދާނެ ކަމުގެ އިންޒާރު އަސްކަރީ ބައެއް ކޮމާންޑަރުން ވަނީ ދެއްވާފައެވެ. އެންބީސީ ނިއުސްއިން ހާމަކޮށްފައިވާ ގޮތުގައި، އީރާނުގެ ފަރާތުން ސަލާމަތަށް އޮތް ނުރައްކާތަކާ ގުޅިގެން އެމެރިކާގެ ޓްރެޜަރީ ސެކްރެޓަރީ ސްކޮޓް ބެސެންޓް ދާދި ފަހުން ވަނީ ވޮޝިންޓަން ޑީސީ ސަރަހައްދުގައި ހުންނަ އަސްކަރީ މަރުކަޒަކަށް ވަދެ ފިލާފައެވެ.
އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައާ ގުޅޭގޮތުން ރައީސް ޓްރަމްޕް އަދި ވަކި ގޮތެއް ނިންމަވާފައި ނުވާ ކަމަށާއި، ފުޅާ ދާއިރާއެއްގައި އަސްކަރީ އޮޕަރޭޝަންތައް ހިންގުން ފަދަ ގިނަ ގޮތްތަކެއް އޭނާ ދިރާސާ ކުރައްވަމުން ގެންދަވާ ކަމަށް މަސްދަރުތަކުން ބުނެއެވެ. ވޭތުވެދިޔަ ހަފްތާތަކުގައި ހަނގުރާމަ ނިންމާލާނެ ގޮތްތަކާ މެދު މަޝްވަރާ ކުރެވެމުންދާއިރު، އީރާނުގެ އިސް ވެރިން އަވަހާރަކޮށްލުމުގެ ބަހުސް އަލުން ވަނީ ހޫނުވެފައެވެ.
އެމެރިކާ ސަރުކާރުގެ އޮފިޝަލަކު އެންބީސީ ނިއުސްއަށް ވިދާޅުވި ގޮތުގައި، ހުރުމުޒް ކަނޑުއޮޅީގަިއ އީރާނުން ބާރު ދެެއްކުމާއި އީރާނުގެ އިގްތިސާދު ހީނަރުވެފައިވުމާއެކު އެމެރިކާ އޮތީ ވަރަށް ވަރުގަދަ މަގާމެއްގައެވެ. އަދި އީރާނަށް ނިއުކްލިއާ ހަތިޔާރެއް ނުލިބޭނެކަން ކަށަވަރުކުރުމަށްޓަކައި ރައީސް ޓްރަމްޕް އެންމެ ރަނގަޅު ނިންމުން ނިންމަވާނެ ކަމަށާއި، އީރާނާ ދެކޮޅަށް އަޅާފައިވާ ކަނޑުގެ ހިސާރު ފުރިހަމަ ބާރުގައި ކުރިއަށްދާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހަނގުރާމައިން އެމެރިކާ ކާމިޔާބު ހޯދާފައިވާ ކަމަށް ޓްރަމްޕް އިއުލާން ކުރެއްވި ނަމަވެސް، އީރާނުގެ އުމްރާނީ ވަސީލަތްތަކާއި އަސްކަރީ މަރުކަޒުތަކަށް އަމާޒުކޮށް ބޮޑެތި ހަމަލާތައް އަލުން ފެށުމާ މެދު ވެސް އޭނާ ދަނީ ވިސްނަވަމުންނެވެ. އީރާނުގެ ތެޔޮ ކާރުޚާނާތައް ހުންނަ ޚާރްގް ޖަޒީރާ އާއި ގިޝްމު ޖަޒީރާގެ އިތުރުން ނިއުކްލިއާ މަރުކަޒުތަކަށް ހަމަލާދިނުމަކީ އެކަށީގެންވާ ކަމެއް ކަމަށް ތަޖުރިބާކާރުން ބުނެއެވެ.
ހަނގުރާމަ ނުވަވަނަ މަހަކަށް ދިގުލައިގެން ގޮސް، އާންމުންގެ ތާއީދު ކުޑަވެފައިވާ މި ދަނޑިވަޅުގައި، ޕެންޓަގަންއިން ދަނީ ރައީސް ޓްރަމްޕަށް ތަފާތު އަސްކަރީ ގޮތްތައް ހުށަހަޅަމުންނެވެ. މިކަން ހިނގަމުންދާއިރު، ހަނގުރާމަ ހުއްޓާލުމަށާއި ހުރުމުޒް ކަނޑުއޮޅި އަލުން ހުޅުވާލުމަށް މެދުވެރިން މެދުވެރިކޮށް އީރާނުން ހުށަހެޅި ހަތް ޝަރުތު ޓްރަމްޕް ވަނީ ގަބޫލުނުކޮށް ދޫކޮށްލައްވާފައެވެ.





