އިންޑިއާގެ ފަތުރުވެރިކަން އިތުރުވުމުން ދުނިޔޭގެ ޓްރެވަލް މާކެޓްތަކަށް ބޮޑު ބަދަލެއް

އިންޑިއާގެ ރައްޔިތުން އަހަރަކު އެތައް މިލިއަން ބޭރުގެ ދަތުރުތަކެއް ކުރަމުން ދިއުމުން ޚަލީޖުގެ ގައުމުތަކާއި ދެކުނު އިރުމަތީ އޭޝިޔާގެ އިތުރުން ވިއެޓްނާމް އަދި ޖަޕާން ފަދަ އާ މަންޒިލްތަކަށް ދަތުރުކުރާ މީހުންގެ ޢަދަދު އިތުރުވާން ފަށައިފިއެވެ. އެކަމުގެ ސަބަބުން ދުނިޔޭގެ ޓްރެވަލް މާކެޓްތަކަށް ބޮޑު ބަދަލެއް އަންނަމުންދާ ކަމަށް ރިޕޯޓުތަކުން ދައްކައެވެ. އިންޑިއާގެ އެތެރޭގެ ދަތުރުފަތުރު ވެސް ވަރަށް ބޮޑަށް ފުޅާވެފައި ވެއެވެ. 2023 ވަނަ އަހަރު އެކަނި ވެސް އިންޑިއާގެ އެތެރޭގައި 2.5 ބިލިއަނަށް ވުރެ ގިނަ ދަތުރު ކޮށްފައި ވެއެވެ. މި ދާއިރާއިން އިންޑިއާގެ ޖީޑީޕީއަށް 5 އިންސައްތައަށް ވުރެ މަތީ ޙިއްސާއެއް ލިބި، އެތައް މިލިއަން ވަޒީފާއެއް އުފެދި، ބޭރު ފައިސާގެ ގޮތުގައި ބިލިއަން ޑޮލަރު ލިބެމުންދާ ކަމަށް ފައިނޭންޗަލް ޓައިމްސްއިން ރިޕޯޓު ކޮށްފައި ވެއެވެ.

އިންޑިއާ ހިމެނެނީ ދުނިޔޭގެ ފަތުރުވެރިކަމުގެ އެންމެ ބޮޑު މާކެޓްތަކުގެ ތެރޭގައެވެ. އިންޑިއާއަށް 2023 ވަނަ އަހަރު ބޭރުން 9.23 މިލިއަން ފަތުރުވެރިން ފޮނުވާފައި ވެއެވެ. އެ އަހަރު ފަތުރުވެރިކަމުގެ ދާއިރާއިން ޖީޑީޕީއަށް 231.9 ބިލިއަން ޑޮލަރުގެ ޙިއްސާއެއް ލިބި، 53 މިލިއަން ވަޒީފާ ވަނީ ދެމެހެއްޓިފައެވެ.

ޔުނެސްކޯގެ ތަރިކައިގެ ތަންތަނާއި، ޤައުމީ ޕާކުތަކާއި، ވެލްނެސް ހަބްތަކާއި، ކުލަގަދަ ފެސްޓިވަލްތައް ހިމެނޭ ތަފާތު ގިނަ ޝައުޤުވެރިކަން ހުރި ތަންތަން އިންޑިއާގައި ހުރުމުން، އަހަރުގެ ހުރިހާ ދުވަސްވަރެއްގައި ވެސް ފަތުރުވެރިކަމުގެ ޑިމާންޑު ދެމިއޮވެއެވެ.

އިންޑިއާގެ އެތެރޭގެ ފަތުރުވެރިކަން ކުރިއަރަމުންދަނީ ދީނީ ދަތުރުފަތުރުގެ މަގުތަކާއި، އުއްތަރު ޕްރަދޭޝް އަދި ތެމިލްނާޑޫ ފަދަ ތާރީޚީ ގޮތުން މުއްސަނދި ސްޓޭޓްތަކާއި، ޤައުމީ ޕާކުތަކުގައި ހިންގާ އިކޯ-ޓޫރިޒަމްގެ ސަބަބުންނެވެ. ދީނީ ތަންތަނަށް ކުރާ ޒިޔާރަތްތަކަކީ އަހަރަކު އެތައް މިލިއަން ބަޔަކު ފަތުރުވެރިކަމަށް ޝައުޤުވެރިކުރުވާ މައިގަނޑު ސަބަބެވެ. އަދި އިންފްރާސްޓްރަކްޗާ މަޝްރޫޢުތައް އިތުރު ކުރުމުގެ ސަބަބުން ދުރު ހިސާބުތަކަށް ދަތުރުކުރުމުގެ ފަސޭހަކަން އިތުރުވެ، ގޮނޑުދޮށްތަކާއި، ފަރުބަދަތަކާއި، ފެސްޓިވަލްތަކާއި، ރަށްފުށުގެ ދިރިއުޅުން ތަޖުރިބާކުރުމުގެ ފުރުސަތު ދަތުރުވެރިންނަށް ލިބެއެވެ.

ބޭރަށް ކުރާ ދަތުރުތަކުގައި ޔޫއޭއީ އަދި ސަޢޫދީ ޢަރަބިއްޔާ ހިމެނީ އެންމެ ކުރީގައެވެ. އޭގެ އިތުރުން ތައިލޭންޑް ފަދަ ދެކުނު އިރުމަތީ އޭޝިޔާގެ ގައުމުތައް ވެސް މަޤްބޫލުވެފައި ވެއެވެ. އޭގެ ތެރޭގައި ވިއެޓްނާމް، ފިލިޕީންސް، ޖަޕާން އަދި ދެކުނު ކޮރެޔާ ފަދަ އާ މަންޒިލްތަކަށް ދާ މީހުންގެ ޢަދަދު ވެސް ވަނީ ވަރަށް ބޮޑަށް އިތުރުވެފައެވެ. ވައިގެ ދަތުރުފަތުރުގެ ގުޅުންތައް ރަނގަޅުވުމާއި، އަގުތައް ވާދަވެރިވުމާއި، ޓޫރިޒަމް ބޯޑުތަކުން ޚާއްސަ މާކެޓިންގ މަސައްކަތްތަކެއް ކުރަމުންދިއުމަކީ މި ބަދަލަށް ބާރުލިބޭ ކަންކަމެވެ.

އިންޑިއާގައި އާމްދަނީ އިތުރުވުމާއި، މެދުފަންތީގެ އާބާދީ ފުޅާވުމާއި، ދަތުރުފަތުރުގެ ވިއުގަތައް ހަރުދަނާވުމަކީ ފަތުރުވެރިކަމުގެ ޑިމާންޑު އިތުރުވަމުންދާ މައިގަނޑު ސަބަބުތަކެވެ.

ޓިއަރ 2 އަދި ޓިއަރ 3 ގެ ސިޓީތަކުން ބޭރަށް ކުރާ ދަތުރުތަކުގައި ބޮޑު ޙިއްސާއެއް އަދާކުރަމުންދެއެވެ. އަދި އައު ޖީލުގެ މިލޭނިއަލްސް އަދި ޖެން ޒީ ޖީލުގެ ދަތުރުވެރިން ތަޖުރިބާއަށް ބިނާކުރާ ދަތުރުތަކާއި، ވެލްނެސް އަދި ޚާއްސަ މުނާސަބާތަކަށް ކުރާ ދަތުރުތަކަށް އިސްކަންދެއެވެ.

ހިއްސާ ކުރައްވާ!