ސަޢޫދީ ޢަރަބިއްޔާ ދިފާއު ކުރުމަށް ފޮނުވާ ޕާކިސްތާނުގެ ސިފައިންނަށް ވަދާޢީ ރަސްމިއްޔާތެއް ބާއްވައިފި

ސަޢޫދީ ޢަރަބިއްޔާގެ ދިފާޢީ ޤާބިލުކަން އިތުރަށް ވަރުގަދަކުރުމަށްޓަކައި އެ ގައުމަށް ފޮނުވާ ޕާކިސްތާނުގެ ސިފައިންނަށް ޚާއްސަ ވަދާޢީ ރަސްމިއްޔާތެއް ބާއްވާފައިފިއެވެ. ޕާކިސްތާނުގެ އިންޓަރ-ސަރވިސަސް ޕަބްލިކް ރިލޭޝަންސް (އައިއެސްޕީއާރް) އިން ބުނި ގޮތުގައި މިއީ މައްކާ ޑިފެންސް އެލަޔަންސްގެ އެންމެ އިސް ނިންމުންތައް ނިންމާ ފަރާތް އިސްލާމްއާބާދުގައި ބައްދަލުކުރިތާ އެއް ދުވަސް ފަހުން ނިންމާފައިވާ ނިންމުމެކެވެ. އެ ބައްދަލުވުމުގައި ޕާކިސްތާނާއި ސަޢޫދީ ޢަރަބިއްޔާ އަދި ތުރުކީގެ ލީޑަރުން ވަނީ، ސަޢޫދީ ޢަރަބިއްޔާއަށް ކުރިމަތިވަމުންދާ ޙޫޘީންގެ "ދެމިގެންދާ އަދި އަނިޔާވެރި" ހަމަލާތައް ކުށްވެރިކުރައްވާފައެވެ.

އާދީއްތަ ދުވަހު ނެރުނު ބަޔާނެއްގައި އައިއެސްޕީއާރް އިން ބުނެފައިވަނީ، "ސިފައިން ފޮނުވުމުގެ މި ފިޔަވަޅުން ދައްކުވައިދެނީ، ދެ ޤައުމުގެ ދެމެދުގައި އޮންނަ ޒަމާންވީ ސްޓްރެޓެޖިކް ޕާޓްނަރޝިޕާއި އަޚުވަންތަ ގުޅުންތަކުގެ މައްޗަށް ބިނާވެފައިވާ، ސަޢޫދީ ޢަރަބިއްޔާގެ ސަލާމަތްތެރިކަމާއި، ސިޔާދަތާއި، ސަރަހައްދީ އަމާންކަމަށް ޕާކިސްތާނުން ދޭ ސާބިތުކަމާއި ތާއީދު" ކަމަށެވެ. އަދި "ސަޢޫދީ ޢަރަބިއްޔާގެ ސަލާމަތްތެރިކަމާއި ޙަރަމައިން ޝަރީފައިންގެ ޙުރުމަތްތެރިކަން ހިމާޔަތްކުރުމުގައި ޕާކިސްތާނު ސާބިތުކަމާއެކު ދެމިއޮންނާނެ" ކަމަށް ވެސް އެ ބަޔާނުގައި ބުނެފައިވެއެވެ.

މި ރަސްމިއްޔާތުގެ ޝަރަފުވެރި މެހެމާނަކީ ޕާކިސްތާންގެ ދިފާޢީ ވަޒީރު ޚަވާޖާ އާސިފްއެވެ. މި ރަސްމިއްޔާތުގައި ޕާކިސްތާނުގައި ހުންނަވާ ސަޢޫދީ ސަފީރު ރާޖިޙް ތާމީ އަލްބުޤާމީ އާއި، ޕާކިސްތާނުގެ ސިފައިންގެ ޗީފް އޮފް ޖެނެރަލް ސްޓާފް ލެފްޓިނަންޓް ޖެނެރަލް ޢުމަރު އަޙްމަދު ބުޚާރީ އަދި ލާހޯރު ކޯޕްސް ކޮމާންޑަރު ލެފްޓިނަންޓް ޖެނެރަލް މުޙައްމަދު ޢުމަރު ބަޝީރު ބައިވެރިވެވަޑައިގެންނެވިއެވެ.

ޕާކިސްތާނުގެ ސިފައިން "އެއްބަސްވެފައިވާ ވައުދުތަކާއި ދިފާޢީ އެއްބާރުލުމުގެ އޮނިގަނޑުގެ ދަށުން ސަޢޫދީގެ ސަރަހައްދުގެ ތެރޭގައި އެމީހުންނާ ޙަވާލުކުރެވިފައިވާ ޒިންމާތައް އަދާކުރާނެ" ކަމަށް އައިއެސްޕީއާރް އިން ބުންޏެވެ. "މިހާރު އުފެދެމުންދާ ސަލާމަތީ ކަންބޮޑުވުންތަކުގެ ތެރޭގައި، މި ފިޔަވަޅުގެ ސަބަބުން ސަޢޫދީ ޢަރަބިއްޔާގެ ދިފާޢީ ޤާބިލުކަން އިތުރަށް ވަރުގަދަވެގެންދާނެ،" އައިއެސްޕީއާރް އިން ބުނެފައިވެއެވެ.

ޖަމާއީ ދިފާޢީ ބާރެއްގެ ގޮތުގައި އޮތުމަށް އިސްލާމްއާބާދާއި ރިޔާޟުން ދެ ދިފާޢީ މުޢާހަދާއެއްގައި ސޮއިކޮށްފައިވެއެވެ. އޭގެ ތެރޭގައި ދެ ޤައުމުގެ ދެމެދުގައި އޮންނަ ސްޓްރެޓެޖިކް މިއުޗުއަލް ޑިފެންސް އެގްރީމަންޓް (އެސްއެމްޑީއޭ) އާއި ތުރުކީ ވެސް ހިމެނޭ މައްކާ ޖޮއިންޓް ޑިފެންސް އެގްރީމަންޓް ހިމެނެއެވެ.

އޮގަސްޓް 7 ގައި ސޮއިކުރި ތިން ޤައުމުގެ މައްކާ މުޢާހަދާގައިވާ ގޮތުން، މެންބަރު ޤައުމެއްގެ މައްޗަށް ދެވޭ ހަމަލާއެއް އެންމެންގެ މައްޗަށް ދެވޭ ހަމަލާއެއްގެ ގޮތުގައި ބެލެވޭނެއެވެ. އެލަޔަންސްގެ މެންބަރުން އޮކްޓޫބަރު މަހު ރިޔާޟުގައި ބައްދަލުކޮށް، ސަޢޫދީ ޢަރަބިއްޔާއަށް އަވަސްކަމާއެކު ސިފައިން ފޮނުވުމަށް ވަނީ އެއްބަސްވެފައެވެ.

އާދީއްތަ ދުވަހުގެ ފަހުގެ ވަގުތެއްގައި އިސްލާމްއާބާދުގައި ބޭއްވި ނޭޝަނަލް ސެކިއުރިޓީ ވޯކްޝޮޕެއްގައި ވާހަކަދައްކަވަމުން ބޮޑުވަޒީރު ޝަހްބާޒް ޝަރީފް ވަނީ، ސަޢޫދީ ޢަރަބިއްޔާއާއެކު ދިފާޢީ މުޢާހަދާތަކުގައި ސޮއިކުރުމަށް ޕާކިސްތާނުން ކުރި ޑިޕްލޮމެޓިކް މަސައްކަތްތައް ހަނދުމަފުޅުކޮށްދެއްވާފައެވެ. ޕާކިސްތާނާއި ސަޢޫދީ ޢަރަބިއްޔާގެ ދެމެދުގައި "އިތުބާރާއި އިޙްތިރާމުގެ މައްޗަށް ބިނާވެފައިވާ ތާރީޚީ ގުޅުންތަކެއް" އޮންނަ ކަން ފާހަގަކުރައްވައި، މައްކާ މުޢާހަދާއިން "އަޅުގަނޑުމެންގެ ސްޓްރެޓެޖިކް ޕާޓްނަރޝިޕް އިތުރަށް ވަރުގަދަވެފައިވާ" ކަމަށް އޭނާ ވިދާޅުވިއެވެ.

ހިއްސާ ކުރައްވާ!