ހިއުމަން ރައިޓްސް ވޮޗްގެ ވޯލްޑް ރިޕޯޓު 2025 ގައި ބުނެފައިވާ ގޮތުގައި 2024 ވަނަ އަހަރުވެސް ޗައިނާއިން އިންސާނީ ޙައްޤުތަކާ ޚިލާފުވުންތައް ހުއްޓުމެއްނެތި ކުރިއަށް ގޮސްފައި ވެއެވެ. މި ރިޕޯޓުގައި ޗައިނާ ސަރުކާރުން މިނިވަންކަން ހަނިކުރާ ކަމަށާއި މުޅި ޤައުމުގައި ޙައްޤުތައް ނިޒާމީ ގޮތެއްގައި ފިއްތުމަށް ކުރާ މަސައްކަތްތައް ފާޑުކިޔާފައިވެއެވެ.
މި ރިޕޯޓުގައި މައިގަނޑު ގޮތެއްގައި ޓިބެޓުގެ ސަރަޙައްދުތަކާއި ޝިންޖިޔާންގައި އަޅާފައިވާ ހަރުކަށި ފިޔަވަޅުތައް ފާހަގަކޮށްފައިވެއެވެ. އޭގެ ތެރޭގައި ލައެއްކައެއް ހައި އުއިގޫރު މުސްލިމުން ޖަލުގައި ބަންދުކޮށްފައި ތިބިކަމަށާއި، ހޮންގ ކޮންގގައި މަދަނީ މިނިވަންކަން ދެމެހެއްޓެނިވި ގޮތެއްގައި ގެއްލިގެން ދާކަން ހެކި ދައްކަމުން ލިޔެކިޔުމުން ސާބިތުކޮށްދީފައިވެއެވެ.
ހިއުމަން ރައިޓްސް ވޮޗްގެ އެސޯސިއޭޓް ޗައިނާ ޑައިރެކްޓަރު މާޔާ ވަންގ ވަނީ ބެއިޖިންގ އިން މިނިވަންކަން ކޮންޓްރޯލު ކުރުމަށް އަޅާފައިވާ ހުރަސްތައް ކުށްވެރިކޮށްފައެވެ. މިފިޔަވަޅުތަކުގެ ހެކިތަކުގެ ގޮތުގައި ޗައިނާއިން ހަރުކަށިކޮށްފައިވާ ޤާނޫނުތަކާއި، ޖަލަށްލާފައިވާ ފާޑުކިޔާ ފަރާތްތަކާއި، ހަނިކޮށްފައިވާ ނޫސްވެރިކަމުގެ މިނިވަންކަން ފާހަގަކޮށްފައިވެއެވެ.
ޗައިނާއިން ޓިބެޓުގައި ވަނީ ގިނަ އަދަދެއްގެ މީހުން އެމީހުންގެ ވަޒަނުން އެހެން ތަންނަށް ބަދަލުކޮށްފައެވެ. އަދި ޕްރޮޖެކްޓްތަކުގެ ތިމާވެށީގެ ކަންބޮޑުވުންތަކާ ގުޅިގެން އަނިޔާވެރިކަން އިތުރުވެވައިވާ ކަމަށް ވެސް ބުނެފައެވެ.
އޭގެ އިތުރުން، އިހުތިޖާޖުކުރާ ފަރާތްތައް ހައްޔަރުކޮށްފައި ވާކަމަށްވެސް ބުނެފައި ވެއެވެ.
ޝިންޖިޔާންގައި، ހިއުމަންރައިޓްސް ވޮޗްއިން ރިޕޯޓުކޮށްފައިވާ ގޮތުގައި މަޖުބޫރުން މީހުން ލައްވައި މަސައްކަތްކުރުވުމާއި އަނިޔާވެރިކަމާއެކު ޖަލަށް ލުމުގެ އަމަލުތައް ހިންގަމުން ގެންދެއެވެ.
މި ރިޕޯޓުގައި އުއިގޫރު މީހުން ލައްވާ މަޖުބޫރުން މަސައްކަތްކުރުވާ ކަމަށް ބުނަމުން އެކަންކަމާ ދުނިޔޭގެ ސަޕްލައި ޗެއިންތަކާ ގުޅުވާފައިވެއެވެ. މިކަމުގެ ސަބަބުން 2022 އިން ފެށިގެން އެމެރިކާއިން 750 މިލިއަން ޑޮލަރުގެ މުދާ ހުއްޓުވާފައިވާ ކަމަށާއި ޔޫރަޕިއަން ޔޫނިއަނުން ފަހަކަށްއައިސް ގަދަކަމުން މަސައްކަތްކުރުވުމާ ގުޅުންހުރި މުދާތައް އިމްޕޯޓުތައް މަނާކުރުން ފަދަ ފިޔަވަޅުތައް އަޅާފައިވާ ކަންވެސް ފާހަގަ ކޮށްފައި ވެއެވެ.


