ޗައިނާގެ ބިލިއަން ޑޮލަރުގެ އެއާޕޯޓްތައް މިހާރު ވަނީ ގެދޮރު ނެތް މީހުންގެ ހިޔާވަހިކަމަށް

އެއް ޒަމާނެއްގައި ޗައިނާގެ އިގްތިސާދީ ކުރިއެރުމުގެ ރަމްޒުތަކެއްގެ ގޮތުގައި ބެލެވުނު އެޤައުމުގެ ބިލިއަން ޑޮލަރުގެ އެއާޕޯޓްތައް މިހާރު ވަނީ ވަޒީފާ ނެތް މީހުންނާއި ގެދޮރު ނެތް މީހުންގެ ހިޔާވަހިކަމަށް ބަދަލުވެފައެވެ. މީގެ ތެރޭގައި 11 ބިލިއަން ޑޮލަރުގެ ބޮޑު އިންވެސްޓްމަންޓަކުން އިމާރާތްކޮށްފައިވާ ބެއިޖިން ޑެކްސިންގް އިންޓަނޭޝަނަލް އެއާޕޯޓް ވެސް ހިމެނެއެވެ.

މި އެއާޕޯޓްތަކުގައި ކޮންމެ ރެއަކު ނިދަމުންދަނީ ވަޒީފާ ހޯދަން ދުރުން އައިސްތިބި މީހުންނާއި، ދަރިވަރުންނާއި އަދި ހިޖުރަވެރި މަސައްކަތްތެރިންނެވެ. މި މީހުން ނިދުމަށް ބޭނުންކުރަނީ އެއާޕޯޓްގެ ގޮނޑިތަކާއި ސޯފާތަކެވެ. އެއާޕޯޓްގެ މުވައްޒަފުން މި މީހުންނާމެދު އަމަލުކުރަނީ އެމީހުން އުނދަގޫ ނުކުރާހާ ހިނދަކު އަޅާނުލާ ގޮތަށެވެ.

މި ހާލަތު މިހެން މެދުވެރިވެފައިވަނީ ޗައިނާގެ ޓެކް އިންޑަސްޓްރީއަށް ކުރިމަތިވެފައިވާ ބޮޑެތި ގެއްލުންތަކާ ގުޅިގެންނެވެ.

އައިބީއެމް، އަލީބާބާ އަދި ޓެންސެންޓް ފަދަ ބޮޑެތި ކުންފުނިތަކުން ވަނީ އެތައް ހާސް މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކޮށްފައެވެ. މީގެ އިތުރުން، ޗައިނާގައި ސްޓާޓްއަޕްތައް މަދުވުމާއި ބޭރުގެ އިންވެސްޓްމަންޓްތައް ދަށްވުމުގެ ސަބަބުން ވަޒީފާގެ ފުރުސަތުތައް ވެސް ވަނީ ވަރަށް ބޮޑަށް ހަނިވެފައެވެ.

މިއީ، ޗައިނާގެ ވަޒީފާގެ ބާޒާރުގައި ދިމާވެފައިވާ ނާޒުކު ހާލަތް ދައްކުވައިދޭ ކަމެކެވެ. ކުރިން ރަނގަޅު މުސާރައިގެ ދާއިމީ ވަޒީފާތަކެއް އަދާކުރަމުން އައި ގިނަ ބަޔަކު މިހާރު ދިރިއުޅެމުންދަނީ ވީހާވެސް ހަރަދު ކުޑަކޮށްގެން، ލިބެންހުރި ކޮންމެ ތަނެއްގައެވެ. ޚާއްސަކޮށް ފާހަގަކޮށްލެވެނީ މަތީ ތައުލީމް ހާސިލްކޮށްގެން ތިބި ޒުވާނުންނަށް ވެސް ވަޒީފާ ހޯދުމަށް މިހާރު ދަތިވެފައިވާކަމެވެ.

ހިއްސާ ކުރައްވާ!