މިއަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް 52،000 އަށްވުރެ ގިނަ ފަތުރުވެރިން ޒިޔާރަތްކޮށްފައިވާކަމަށް ފަތުރުވެރިކަމާއި ތިމާވެއްޓާ ބެހޭ ވުޒާރާއިން އެންމެ ފަހުން ނެރެފައިވާ ޓޫރިޒަމް އަޕްޑޭޓު ރިޕޯޓުން ދައްކައިފިއެވެ. މި ރިޕޯޓުގައިވާ ގޮތުން، އަހަރުގެ މިހާތަނަށް ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކޮށްފައިވަނީ 52،107 ފަތުރުވެރިންނެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތާ އަޅާބަލާއިރު 27.4 އިންސައްތައިގެ އިތުރުވުމެކެވެ. މިދިޔަ އަހަރުގެ މި މުއްދަތުގައި ޗައިނާއިން ރާއްޖެއަށް އައިސްފައިވަނީ 40،892 ފަތުރުވެރިންނެވެ.
ޗައިނާއިން ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އަދަދު މިހާ ބޮޑަށް އިތުރުވެފައިވަނީ ގައުމީ އެއަރލައިން މޯލްޑިވިއަންގެ ވައިޑް-ބޮޑީ މަތިންދާބޯޓުގެ ދަތުރުތައް ޗައިނާގެ ތިން ސިޓީއަކަށް ދަތުރުކުރަން ފެށުމާ ގުޅިގެންކަމަށް ބެލެވެއެވެ.
މި އަހަރުގެ މަޖިލިސް ހުޅުވުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވީ، ސަރުކާރުން މިއަހަރަށް ހިފާފައިވަނީ 2.3 މިލިއަން ފަތުރުވެރިން ރާއްޖެ ގެނައުމަށެވެ.
ޗައިނާގެ އިތުރުން ފަތުރުވެރިންގެ އަދަދަށް އެންމެ ބޮޑު ކުރިއެރުމެއް ލިބިފައިވާ ޤައުމުތަކުގެ ތެރޭގައި ރަޝިޔާ، އިނގިރޭސިވިލާތް، އިޓަލީވިލާތް، އަދި ޖަރުމަންވިލާތް ހިމެނެއެވެ.
| ޤައުމު | ފަތުރުވެރިންގެ އަދަދު |
| ރަޝިއާ | 30،560 |
| އިނގިރޭސިވިލާތް | 29،792 |
| އިޓަލީވިލާތް | 28،554 |
| ޖަރުމަންވިލާތް | 18،947 |
މިދިޔަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ. އަދި 2023 ވަނަ އަހަރު ނިމުނުއިރު ޗައިނާއަކީ ރާއްޖެއަށް 3 ވަނައަށް އެންމެ ގިނައިން ފަތުރުވެރިން ޒިޔާރަތްކުރި ޤައުމެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ އެންމެ ފަހުގެ ތަފާސްހިސާބުތައް ދައްކާގޮތުގައި އަހަރުގެ މިހާތަނަށް ރާއްޖެއަށް ވަނީ ޖުމްލަ 318،190 ފަތުރުވެރިން ޒިޔާރަތްކޮށްފައެވެ. މިއީ މިދިޔަ އަހަރުގެ މި މުއްދަތުގައި ރާއްޖެއަށް ޒިޔާރަތްކޮށްފައިވާ 294،923 ފަތުރުވެރިންނާ އަޅާބަލާއިރު 7.9 އިންސައްތައިގެ އިތުރުވުމެކެވެ.


