ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅުވާ ތަނެއް އަދި ދައުލަތުގެ ޚަރަދު ކުޑަކުރާ ތަނެއް ވެސް ނުފެންނަ ކަމަށް ވިދާޅުވެ، ރައްޔިތުންގެ މަޖިލީހުގެ ނައިބު ރައީސް އަހްމަދު ނާޒިމް މިއަދު ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ.
މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން ދިއްގަރު ދާއިރާގެ މެންބަރު ނާޒިމް ވިދާޅުވީ، މިފަހަރުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވެފައިވާއިރު، އިތުރު ކުއާޓަރެއް އެގޮތަށް ދަށްވެއްޖެ ނަމަ، އެއީ ޤައުމަށް ދިމާވާނެ އިޤްތިސާދީ ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.
އިގްތިސާދީ އިސްލާހީ އެޖެންޑާގެ ފިޔަވަޅުތައް އެޅުން ލަސްވަމުންދާ ކަމަށް ފާހަގަކުރައްވަމުން ނާޒިމް، މި ވާހަކަފުޅުތައް ދެއްކެވީ އޮޑިޓް އޮފީހުގެ ކުރީގެ މުވައްޒަފަކު ފޮނުވާފައިވާ ސިޓީއަކާ ގުޅިގެން ކުރެވުނު މަޝްވަރާގެ ތެރެއިންނެވެ.
އެ ސިޓީގައި އެ މުވައްޒަފު ފާހަގަކޮށްފައިވަނީ، ރިޓަޔަރވުމުން މަހުން މަހަށް ލިބެންޖެހޭ ރިޓަޔަރމަންޓް އެލަވަންސްގެ ފައިސާ ނުލިބޭތީ އެކަމާމެދު ކަންބޮޑުވާ ކަމަށެވެ. މިކަމާ ގުޅިގެން ނާޒިމް ވިދާޅުވީ، ފިނޭންސް މިނިސްޓްރީން އެ އިނާޔަތްތައް ކަނޑާލަން ނިންމީ އެކި ގާނޫނުތަކުގައި ރިޓަޔަރވާ މީހުންނަށް ދޭންޖެހޭ އިނާޔަތްތައް އެކި ގޮތްގޮތަށް ހުރުމުން، ހުރިހާ އެންމެންނަށް ވެސް އެއް އުސޫލަކުން އަމަލުކުރުމުގެ ބޭނުމުގައި ކަމަށެވެ.
އަދި ފިނޭންސް މިނިސްޓްރީން އެ ނިންމުން އަނބުރާ ގެންދިޔުމާމެދު ވެސް ނާޒިމް ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ.
"އެކި ތަންތަނުން ޝަކުވާ ބޮޑުވެގެން އެންމެ ފަހުން އެ ސިޓީ ފިނޭންސް މިނިސްޓަރު އަނބުރާ ގެންދެވީ. އެ ރިފޯމަކީ އައިއެމްއެފްއިން ވެސް، ވޯލްޑް ބޭންކުން ވެސް ރާއްޖޭގެ އިގްތިސާދީ ރިފޯމް އެޖެންޑާ ތެރޭގައި ތަންފީޒު ކުރަން ބުނެފައި އޮތް ރިފޯމެއް. ސަބަބަކީ އެކި ގޮތްގޮތަށް ރިޓަޔާ ކުރެވޭ މީހުން މި އުޅެނީ، ވަކި ގާނޫނެއްގެ ދަށުން. އެންމެންނަށް އެއްގޮތަކަށް ނެތީ،" ނާޒިމް ވިދާޅުވި އެވެ.
"މިސާލަކަށް ދަންނަވަންޏާ ފުލުހުން ވެސް، ސިފައިން ވެސް ރިޓަޔާ ކުރެވޭ. އަނެއްކާ ރިޓަޔާ ކުރައްވާފައި އަނެއްކާ އެހެން މަގާމުތަކަށް ވެސް އެބަ ދެވޭ. އަޅުގަނޑު ގަބޫލުކުރާ ހިތް އޮތީ އެ މައްސަލަ އޭރު ފިނޭންސް މިނިސްޓަރު ނެންގެވިޔަސް، ރިފޯމް އެޖެންޑާގައި އޭތި އޮންނާނެ." ނާޒިމް ވިދާޅުވިއެވެ.


