ވަޒީރުން ފޯނު ނުނަގާތީ މަޖިލިސް މެންބަރު ރަތަށް!

ރައްޔިތުންގެ މަޖިލީހުގެ 80 ޕަސެންޓް މެންބަރުންގެ ފޯނު ކޯލުތަކަށް ފިނޭންސް މިނިސްޓަރު މޫސާ ޒަމީރު ޖަވާބު ނުދެއްވާ ކަމަށް ބުނެ، ވެލިދޫ ދާއިރާގެ މެންބަރު މުޙައްމަދު އައްބާސް މިއަދު މަޖިލީހުގައި ޝަކުވާ ކުރައްވައިފިއެވެ.

މިކަމާ ގުޅިގެން މެންބަރު އައްބާސް ވިދާޅުވެފައިވަނީ މިއަދުން ފެށިގެން ފޯނު ނުނަންގަވާ މިނިސްޓަރުންގެ ނަން މަޖިލީހުގައި އިއްވަވާނެ ކަމަށެވެ. މީގެ ކުރިން، މި ދައުރު ފެށުނު ދުވަހު ހުޅުދޫ ދާއިރާގެ މެންބަރުވެސް ވަނީ ޑިފެންސް މިނިސްޓަރު ޣައްސާން މައުމޫން ފޯނު ނުނަންގަވާތީ ޝަކުވާ ކުރައްވާފައެވެ.

މިއަދުގެ މަޖިލިސް ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މެންބަރު އައްބާސް ވިދާޅުވީ "ވަޒީރުން ވާންވާނީ މަޖިލީހުގެ މެންބަރުންނާ ރަނގަޅު ގުޅުމެއް ބާއްވާ ބަޔަކަށް" ކަމަށެވެ. އަދި ވެލިދޫ ހޮސްޕިޓަލްގެ މަސައްކަތް ނުފެށި ލަސްވަމުންދާތީ، އެކަމާ ގުޅިގެން މައުލޫމާތު ހޯދުމަށް ފިނޭންސް މިނިސްޓަރާ ގުޅުއްވާ ކަމަށް ފާހަގަކުރެއްވިއެވެ.

"އަޅުގަނޑު މިނިސްޓަރު ޒަމީރަށް ގުޅާތާ މި ވަނީ ބަރާބަރު 10 ދުވަސް. 200 އަށް ވުރެ ގިނަ ފަހަރު ގުޅައިފިން. ފޮނުވި އެއްވެސް މެސެޖަކަށް ޖަވާބު ނުދޭތާ ގުޅި އެންމެ ފަހަރަކު ފޯނުވެސް ނުނަގާ،" އައްބާސް ވިދާޅުވިއެވެ.

ވެލިދޫ ހޮސްޕިޓަލްގެ މަސައްކަތް 2023 މެއި 15 ގައި ހަވާލުކުރެވުނު އިންޑިއާގެ އަނާންދު ބިލްޑްޓެކްއިން މަސައްކަތް ފަށާފައި ނުވަނީ، އެއްބަސްވުމުގައިވާ ގޮތުގެ މަތިން އެޑްވާންސް ޕޭމަންޓް ނުލިބޭތީ ކަމަށް މެންބަރު އައްބާސް ވިދާޅުވިއެވެ.

"އެއީ ކޮން ޕާޓީއެއްގެ ކާކުތޯ، އެއީ ތިމަންނައާ ގުޅޭ ގިންތީގެ މީހެއްތޯ ނޫނީ ތިމަންނަގެ ކޮލިޓީގެ މީހެއްތޯ ތިމަންނާއާ އެއް މޭޒެއްގައި ކޮފީ ބޯ މީހެއްތޯ ބަލާކަށް ނުޖެހޭ. ފިނޭންސް މިނިސްޓަރު ޒަމީރު ޖެހޭނެ އަޅުގަނޑުމެން ރައްޔިތުންގެ މަޖިލިސް މެންބަރުން ގުޅީމަ ފޯނު ނަންގަވަން" އައްބާސް ވިދާޅުވިއެވެ.

މިދައުރުގެ މަޖިލިސް ފެށުނީއްސުރެ ވަޒީރުންނާ މުއާމަލާތު ކުރުމުގައި ދިމާވާ ދަތިތަކާ ގުޅޭގޮތުން ބައެއް މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. މިކަމަކީ މަޖިލީހުގެ މަސައްކަތްތަކަށް ހުރަސްއެޅޭ ކަމެއްކަމަށް މެންބަރުން ފާހަގަކުރައްވައެވެ.

އޭގެ އިތުރުން ފޯނު ނުނެގުމަކީ ސަރުކާރުގެ އޮފީސްތަކުގައި އަބަދުވެސް އާންމު އާދައެކެވެ. އެކަމަށް އަދިވެސް ހައްލެއް ހޯދިފައެއް ނުވެއެވެ.

ހިއްސާ ކުރައްވާ!